Roadha Mihaaru
އަމާޒަކީ ވީހާ އަވަހަކަށް ގުޅިފަޅު ނިންމުން: މުއްތަލިބް

ގުޅިފަޅު ހިއްކުން ޝެޑިއުލާ އެއްގޮތަށް އެބަދޭ، ވީހާ އެންމެ އަވަހަކަށް ނިންމާނެ: މުއްތަލިބް

27 ޑިސެމްބަރ 2023

މާލޭ މީހުންނަށް ގޯތި ދޭ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި ހިއްކަންޖެހޭ 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު މިހާތަނަށް ހިއްކާފައިވާ ކަމަށް މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭ މީހުންނަށް ގޯތި ދޭ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި ހިއްކަންޖެހޭ 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު މިހާތަނަށް ހިއްކާފައިވާ ކަމަށް މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު، "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިތަން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމާނެ ކަމަށެވެ.

"މި މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި، އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު،" މުއްތަލިބު ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އޭގެ އިތުރުން، އެ ތަނުން މާލެ މީހުންނަށް ވެސް ގޯތި ދީފައިވެ އެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް، 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމައިފަ އެވެ.

ގުޅިފަޅާއި ގިރާވަރު ފަޅުގެ މަސައްކަތް ކުރިއަށްދާއިރު މިހާރުގެ ސަރުކާރުން އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައި "ރަސްމާލެ" ގެ ގޮތުގައި ވަކި ސިޓީއެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެތަނުން ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް ދޭން ނިންމާފައިވެ އެވެ.

ނަމަވެސް މިނިސްޓަރު "މިހާރު" އަށް މީގެ ކުރިން ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި އެ ތަންތަން ތަރައްގީކުރުމަށް ވެސް މި ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.