Roadha Mihaaru
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކެނޑުމަކަށްފަހު އަނެއްކާވެސް ފަށައިފި

19 ޖުލައި 2024

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް ފަށައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު މިއަދު ވިދާޅުވީ އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެރަށު އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިގެން މިހާރު ކުރިއަށް ގެންދާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ އެއާޕޯޓުގެ ރަންވޭގެ ނުނިމި އޮތް ބައިގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މިދިޔަ މާޗު މަހު އެވެ. ނަމަވެސް އެ މަސައްކަތް މެދުކަނޑާލީ ކީއްވެ ކަމެއް ސަރުކާރުން އޭރު ނުބުނެ އެވެ. އެ މައްސަލާގައި އެ ރަށު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ.

އެ ރަށާ ވަރަށް ކައިރީގައި އޮންނަ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އަދި އެ މަޝްރޫއު ކުރިން އޮތީ އެމްޓީސީސީއާ ހަވާލު ވެސް ކޮށްފަ އެވެ.

އެމްޓީސީސީން ހަދަމުން އަންނަ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

މަގޫދޫ އެއާޕޯޓް ހަދަނީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ. އެ އެއާޕޯޓުގައި ޖެޓުތައް ޕާކު ކުރެވޭނެ ސަރަހައްދަކާއި ފިއުލް ފާމަކާއި ވީއައިޕީ ލައުންޖެއް އަދި ސިޓީ ހޮޓަލެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.