ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
14 ޖުލައި 2025
ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
މަގޫދޫ ކައުންސިލްގެ މެމްބަރު އަބްދުލްހަމީދު މޫސާ މިއަދު "މިހާރު"އަށް ވިދާޅުވީ ރޭ ބަޔަކު ގެއްލުން ދީފައި ވަނީ އެ ރަށުގެ އެއާޕޯޓުގެ ފަޔަ ސްޓޭޝަންގެ ގޮތުގައި ބޭނުންކުރަން ހަދާފައި ހުރި އިމާރާތަށް ކަމަށެވެ.
ހަމީދު ވިދާޅުވީ އެ އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައި ހުރި ބިއްލޫރިގަނޑުތައް ތަޅާލާފައިވާ ކަމަށާއި ސީލިންގު ފަޅާލައި، ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނުވިސްނޭ ބަޔަކު މިހެން މިކަން ކުރަން ޖެހޭ ސަބަބެއް. މި ރަށުގައި ކުރިން މި ކަހަލަ ކަމެއް ނުހިނގާ،" އޭނާ ވިދާޅުވި އެވެ.
ހަމީދު ބުނީ އެތަނަށް ގެއްލުން ދިން ކަމަށް ޝައްކުވާ ބަޔަކު މިވަގުތު ނެތް ކަމަށެވެ.
ފ. މަގޫދޫ އެއާޕޯޓުގެ ފަޔަ ސްޓޭޝަންގެ އިމާރާތަށް ބަޔަކު ގެއްލުން ދީފައި.
އެއާޕޯޓުގެ މަސައްކަތްކުރާ ސައިޓުގައި މިހާރު ތިބެނީ އެ މަސައްކަތްކުރާ އެމްޓީސީސީގެ ދެ މުވައްޒަފުން ކަމަށާއި އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ނުތިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް، އެ މަސައްކަތް މެދުކަނޑާލީ ކީއްވެ ކަމެއް ސަރުކާރުން އޭރު ނުބުނެ އެވެ. އެ މައްސަލާގައި އެ ރަށު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ.
އެ ރަށު އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލިއިރު، އެ މަޝްރޫއުގެ ގާތްގަނޑަކަށް 75 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. އޭގެ ތެރޭގައި ރަންވޭގެ މަސައްކަތާއި ޓަވަރާއި ފަޔާ ސްޓޭޝަންގެ މަސައްކަތުން ވެސް ބޮޑު ބައެއް އޮތީ ނިމިފަ އެވެ.
މަގޫދޫ އެއާޕޯޓު މަސައްކަތް ހުއްޓާލުމާ އެކު، އެ ރަށާ ވަރަށް ކައިރީގައި އޮންނަ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އެވެ.
މަގޫދުގައި ހަދަން ފަށާފައި އޮތް އެއާޕޯޓަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރިއިރު، އެއާޕޯޓް ހަދަން ހަވާލުކުރީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ.
މަގޫދޫ އާއި ނިލަންދޫގައި އެއާޕޯޓް އަޅާއިރު، ލޯންޗެއްގައި މަގޫދޫން ނިލަންދުއަށް ފަސް މިނެޓުން ދެވެ އެވެ.
މަގޫދޫގައި އެއާޕޯޓު އަޅަން ކުރީގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށާއި އެކަމަކު މި ސަރުކާރުން އެ އެއާޕޯޓު ނިންމައި ހުޅުވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ މެއި މަހު ވިދާޅުވެފައިވެ އެވެ.
ގޯސްކޮށް ހަވާލުކުރިޔަސް މަގޫދޫ އެއާޕޯޓު މި ދައުރުގައި ހުޅުވަނީ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
އެއާޕޯޓްގެ ސަރަހައްދު މަގޫދޫގެ އިހުތިސާސުން ވަކިކޮށްފި
ކައުންސިލްއިދާރާގެ ގާޑު ބަނުމަށް ފަހު ތިޖޫރި ފަޅާލައިފި
މަގޫދޫ ސްކޫލަށް ކައުންސިލުން އެއް މިލިއަން ރުފިޔާ
މަގޫދޫ އެއާޕޯޓު މައްސަލާގައި ކުއްލި މައްސަލައެއް!
ނިލަންދޫގައި އެއާޕޯޓު އަޅާނެ ބިން ހިއްކަން ހަވާލުކޮށްފި
މަގޫދޫ ފަޅުގައި ރިސޯޓެއް ހަދަން ބީލަމަށް ހުޅުވާލައިފި
މަގޫދޫ އެއާޕޯޓް ހިންގަން ރީޖަނަލް އެއާޕޯޓަށް ދީފި
މަގޫދޫގައި އެއާޕޯޓެއް އަޅައިދޭން ކައުންސިލުން އެދިއްޖެ