Roadha Mihaaru

ބޮޑުފޮޅުދޫން ހިއްކާފައިވާ ބިން ކައުންސިލާ ހަވާލުކުރަން ރައީސް ނިންމަވައިފި

އއ. ބޮޑުފޮޅުދޫގައި އެމްޓީސިސީން ހިއްކާފައިވާ ބިން އެ ރަށު ކައުންސިލާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑުފޮޅުދޫން ހިއްކާފައި އޮތް ބިން ކައުންސިލަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 އޯގަސްޓް 2025

އއ. ބޮޑުފޮޅުދޫގައި އެމްޓީސިސީން ހިއްކާފައިވާ ބިން އެ ރަށު ކައުންސިލާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް އެ މަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ބޮޑުފޮޅުދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަމުން ވިދާޅުވީ އެއީ ރަށުގެ އުމްރާނީ ތަރައްގީ އަށް ވަރަށް މުހިންމު ބިމެއް ކަމަށެވެ.

އެމްޓީސިސީއާ ހަވާލު ކޮށްގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ބޮޑުފޮޅުދޫން ހިއްކި 12 ހެކްޓަރުގެ ބިމުގެ ތެރެއިން ހަތަރު ހެކްޓަރުގެ ބިން ދިމާވި ކޮންމެވެސް ސަބަބަކާ ހުރެ ކައުންސިލާ އޮތީ ހަވާލުނުކޮށް ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.

ކައުންސިލާ އެ ބިން ހަވާލު ނުކޮށް އޮތުމުގެ ސަބަބުން ބިމުގެ އެއްވެސް ބޭނުމެއް ނުހިފޭއިރު މި ހުރިހާ ދުވަސް ވެއަތުކޮށްލީ އެ ތަން ހިމާޔަތް ކުރުމަށް ވެސް އެއްވެސް ކަމެއް ނުކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އއ. ބޮޑުފޮޅުދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަދައިގަތުމުން އެ ރަށުން މަރުހަބާ ކިޔަން ނިކުތް މީހަކާ ރައީސް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އއ. ބޮޑުފޮޅުދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަދައިގަތުމުން އެ ރަށުން މަރުހަބާ ކިޔަން ނިކުތް މީހަކާ ރައީސް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ބޮޑުފޮޅުދޫގެ ހިއްކި ބިން ކައުންސިލާ ހަވާލުނުކޮށް، އޮތުމުންނާއި އެއްވެސް ބޭނުމަކަށް ބޭނުން ނުކޮށް އޮތުމުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުން ވެސް އޮތީ މަޑުޖެހިފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދުން ފެށިގެން އެ ތަނުގެ މައްސަލަ ހައްލު ވެގެން ދާނެ. ނަތީޖާއެއްގެ ގޮތުން މި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަސައްކަތް ކުރިއަށް ގެންދާނީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކަމަށާއި އެކަމަށް ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް ނުބޭއްވުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީން ނިންމީ 2023 ވަނަ އަހަރު އެވެ. އާބާދީގައި 800 މީހުން ދިރިއުޅޭ ބޮޑުފޮޅުދުއަކީ 8.7 ހެކްޓަރުގެ ކުޑަ ރަށެކެވެ. ބިން ހިއްކުމުން ރަށުގެ ބިމުގެ ބޮޑުމިން ވަނީ ދެ ގުނައަށް އިތުރުވެފަ އެވެ.