Roadha Mihaaru
ކޮލަމާފުށި ކައިރީގައި ޑޮމެސްޓިކްއެއާޕޯޓެއް ހެދުން ކައިރި

ކަނެކްޓިވިޓީތަކާ ގުޅިގެން ކޮލަމާފުށި ކައިރީގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުން ކައިރި: ރައީސް

22 ފެބުރުއަރީ 2024

ގއ. އަތޮޅަށް ފަހިވާ ކަނެކްޓިވިޓީތަކުގެ ތެރެއިން ކޮލަމާފުށި ކައިރީގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމަކީ ކައިރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގއ. އަތޮޅަށް ފަހިވާ ކަނެކްޓިވިޓީތަކުގެ ތެރެއިން ކޮލަމާފުށި ކައިރީގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމަކީ ކައިރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގއ. ގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮލަމާފުށި ކައުންސިލާ ބައްދަލުކުރައްވައި ރައްޔިތުންނަށް ހުރި ދަތިތައް އެ މަނިކުފާނު ވަނީ ސާފުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަކީ ގއ. އަތޮޅުގެ އެހެން ރަށްތަކާ ތަންކޮޅެއް އެކަހެރިކޮށް އޮންނަ ރަށަކަށް ވެފައި ކަނޑުގަދަ ދުވަސްވަރު ދަތުރުކުރެވޭނެ ރަނގަޅު ގޮތެއް ނޯންނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ފަޅުގައި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަވާނެ ކަމަށާއި އެއާ އެކު ޑޮމެސްޓިކް އެއާޕޯޓަކަށް ކުރާ އުއްމީދު ވެސް ހަގީގަތަކަށް ވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ވެސް އެ ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާއިރު އެއާ އެކު އެ ރަށުގެ މީހުންނަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކޮލަމާފުށީގެ ފަޅުތެރޭގައި އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ފެށުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ ކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ސިޓީ ހޮަޓަލެއް އިމާރާތްކުރުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކަން ވެގެން ދިޔައީމާ ނެޗުރަލީ އޭގެ ޒާތުގައި އަޅުގަނޑު ހިތުން އެއާ ކަނެކްޓިވިޓީ ވެސް އަންނާނެ. ކޮންމެ ގޮތެއް ވިޔަސް ވިލިނގިލީގައި މި ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގައި އަޅުގަނޑުމެން މިއަދު ފަހުނާމާގައި ސޮއިކުރިން. މި ސަރަހައްދުގައި ޑޮމެސްޓިކް އެއާޕޯޓެއް އެއާ އެކީގައި ތަރައްގީ ވެގެން އައުމަކީ އަޅުގަނޑު ހިތުން ހަމަ ވަރަށް ގާތް، ހަގީގަތަކަށް ވާނެ ކަމެއް ކަމަށް އަޅުގަނޑަށް ވެސް ފެންނަކަން ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ މަނިކުފާނަކީ ވައުދުފުއްދަވާނެ ބޭފުޅެއް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ހުރިހާ ކަމަކީ ބަޖެޓަށް ބަރޯސާވެގެން ކުރެވޭނެ ކަންކަން ނޫން ކަމަށާއި ތަރައްގީގެ މަޝްރޫއުތައް އިންވެސްޓާ ފައިނޭންސިން އުސޫލުން ކުރިއަށް ގެންދިއުމުން މިހާރުގެ ހާލަތުން އިގްތިސޯދު ފުޅާވާނެ ކަމަށެވެ. އަދި މިވަގުތު ދިމާވެފައިވާ މައްސަލަތައް ކުރިމަތިލައްވާނީ އެގޮތުގެ މަތިން ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮލަމާފުއްޓަށް ރައީސް ވެވަޑައިގަތް ވައުދުފުޅުތައް:

- ބިން ހިއްކުމުގެ މަޝްރޫއު މިއަހަރު ފެށޭނެ.

- ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްދިނުން.

- ސިޓީ ހޮޓަލެއް އަޅައިދިނުން.

- ސްކޫލު ތަރައްގީކުރުން.

- ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކުރުން.

- ކަރަންޓުގެ ނިޒާމު ރަނގަޅުކުރުން.

މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން އައްޔަންކޮށްފި ނަމަ، ކަންކަން ކޮށްދޭން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އެކަމަކު އެއާ ހިލާފަށް ސަރުކާރާ ދެކޮޅު މެމްބަރުން އައްޔަންކުރުމުން ދެންވާ ގޮތް ވެސް މިދިޔަ ތިން މަހެއްހާ ދުވަަހު ރައްޔިތުންނަށް ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޒާތީ، އާއިލީ އަދި ޕާޓީ ނިޒާމަށް ބަލާފައި ބައެއް ދާއިރާތަކުގައި ގޮތް ނިންމައިފި ނަމަ ރައްޔިތުންނަަށް ގެއްލުންވާނެ. ދުސްތޫރީ ނިޒާމު އޮންނަ ގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މި އޮންނާނީ ސަރުކާރުން ކަންކަން ރައްޔިތުންނަށް ކޮށްދިނުމުގައި ފަހިވާނެ ގޮތްތައް،" ރައީސް ވިދާޅުވި އެވެ.

އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ބާރު ސަރުކާރަށް ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް ވަނީ އާއިލީ ކަންކަމާއި ޒާތީ ކަންކަން، އެއްކިބާކޮށްފައި ސަރުކާރު ކެންޑިޑޭޓުން ހޮވުމަށް އެދިވަޑައިގެންފަަ އެވެ.