Roadha Mihaaru

ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ މަސައްކަތް ނިންމައިފި

ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ އަމަލީ މަސައްކަތް ނިންމައި ބޭނުންކުރަން ފަށައިފި އެވެ.

10ހާސް ޓަނުގެ ފެން ރައްކާކުރެވޭ ތާނގީ ނިންމައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 އޯގަސްޓް 2025

ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ އަމަލީ މަސައްކަތް ނިންމައި ބޭނުންކުރަން ފަށައިފި އެވެ.

މިއީ، އެމްޑަބްލިއުއެސްސީން މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބޭނުން ކުރަން ފެށުން އިފްތިތާހު ކޮށްދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، ސީނިއާ މެނޭޖްމަންޓް އާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

ހުޅުމާލޭގައި ގާއިމުކުރި 10,000 ޓަނުގެ މި ތާނގީއަކީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީ އެވެ. ސައުވީސް މީޓަރު އުސް މި ތާނގީގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެެވެ. މި ތާނގީ ބޭނުން ކުރަން ފެށުމާ އެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22,600 ޓަނަށް ވަނީ އިތުރުވެފަ އެވެ. މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި ތާނގީ ބޭނުންކުރަން ފެށުމުން މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް ވަނީ އިތުރުވެފަ އެވެ. ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މި އަހަރުގެ ފެބުރުއަރީގައި މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ވަގުތީ ގޮތުން ވަނީ ގުޅާލައިފަ އެވެ. މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ހިދުމަތް ވެސް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން އަންނަނީ، އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ކެޕޭސިޓީ އިތުރުކޮށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.