Roadha Mihaaru

އެމްޑަބްލިޔުއެސްސީން ކެންދޫގައި ފެނާއި ނަރުދަމާ ގާއިމުކޮށްފި

އެމްޑަބްލިޔުއެސްސީން ބ. ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފި އެވެ.

ކެންދޫގައި ފެނާއި ނަރުދަމާ ގާއިމުކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 މެއި 2025

އެމްޑަބްލިޔުއެސްސީން ބ. ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފި އެވެ.

ބ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީގެ އިތުރުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ފެނަކަގެ އޮފިޝަލުން ބައިވެރިވި އެވެ. ރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް މި މަޝްރޫއުގެ ސަބަބުން ކަށަވަރުވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ކެންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގު ހެދުމާއި ފެނުގެ މައި ނެޓްވޯކު އެޅުމާއި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން ވެސް ވަނީ އަޅައިފަ އެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް އެ ރަށުގައި ކުރި މަސައްކަތްތަކުގެ ދަށުން ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ބެހެއްޓީ ވެސް އެ ކުންފުނިންނެވެ.

ކެންދޫގައި އެމްޑަބްލިޔުއެސްސީން ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިން ލައިން އެޅުމުގެ މަސައްކަތާއި ޕަންޕިން ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބެހެއްޓުމާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް ކުރި އެވެ. އޭގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވަނީ ފޯރުކޮށްދީ އެވެ.

މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ 56 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.