Roadha Mihaaru

ކެންދޫ ފަޅުގައި އޮތް މުށިމަސްތައް މަރުވެގެން ލައްގަނީ

ބ. ކެންދޫ ފަޅުގައި އޮތް މުށިމަސް އައިނުން ގިނަ އަދަދެއްގެ މަސް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ކެންދޫ ފަޅުގައި އޮތް މުށިމަސްތައް މަރުވެގެން ލައްގަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

09 ޖުލައި 2025

ބ. ކެންދޫ ފަޅުގައި އޮތް މުށިމަސް އައިނުން ގިނަ އަދަދެއްގެ މަސް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހުމާން "މިހާރު" އަށް މިއަދު ވިދާޅުވީ އެ ރަށުގެ ވަށައިގެން، ފަޅުތެރޭގައި އާދަޔާ ހިލާފަށް މުށިމަސް އުޅޭކަން ފާހަގަވާތާ މިހާރު ހަތަރު ވަރަކަށް މަސްދުވަސް ވެއްޖެ ކަމަށެވެ. އެހެންވެ، ރަށުގެ ގިނަ ބަޔަކު މުށިމަސް ބާނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ފެށިގެން ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން އެ ރަށުގެ ގޮނޑުދޮށްތަކަށް ލައްގާކަން ވަނީ ފާހަގަކުރެވިފަ އެވެ.

އިބްރާހިމް ވިދާޅުވީ ކުއްލިއަކަށް މަސްތައް މަރުވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން ކެންދޫގެ ގޮނޑުދޮށަށް ލައްގައިފައި.-- ފޮޓޯ: ކެންދޫގެ މަސްވެރިކަން ފޭސްބުކް ޕޭޖް

ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން ކެންދޫގެ ގޮނޑުދޮށަށް ލައްގައިފައި.-- ފޮޓޯ: ކެންދޫގެ މަސްވެރިކަން ފޭސްބުކް ޕޭޖް

ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މަސްތައް މަރުވީ ސޫފި ދިޔަ (ހުއިފިލަނޑާ ކެއްކުމަށް ފަހު ބާކީވާ ފެންގަނޑު) މޫދަށް އެޅުމުންނެވެ.

އެކަމަކު، އިބްރާހިމް ވިދާޅުވީ މަރުވެގެން ލައްގަނީ ހަމައެކަނި މުށިމަސް ކަމުން، އެއީ ސަބަބެއް ކަމަށް ބެލެވެން އަދި ނެތް ކަމަށެވެ.

ބޮޑަށް ބެލެވެނީ ކެންދޫގެ ބަނދަރުގެ ފަޅަށް އެއްފަހަރާ ގިނަ އަދަދެއްގެ މުށިމަސް ވަދެ، ފުރުމުން، އޮކްސިޖަން ލިބުން ދަށްވެގެން މަސްތައް މަރުވަނީ ކަމަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގެ ބަނދަރުގައި ރިވެޓްމަންޓް މިހާރު ޖަހާފައި އޮތް ގޮތުން މަސްތަކަށް ބަނދަރުގެ އެކި ދިމަދިމާލުން ވަދެ، ބޭރުވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. މަސްތަކަށް ބަނދަރަށް ވަދެ ނުކުމެ މިހާރު ހެދޭނީ ނެރު ކަނޑާފައި އޮތް ދިމާލުން އެކަނި ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން ކެންދޫގެ ފަޅުތެރޭގައި ފެނުން މައްޗަށް އަރައިފައި.-- ފޮޓޯ: ކެންދޫގެ މަސްވެރިކަން ފޭސްބުކް ޕޭޖް

ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން ކެންދޫގެ ފަޅުތެރޭގައި ފެނުން މައްޗަށް އަރައިފައި.-- ފޮޓޯ: ކެންދޫގެ މަސްވެރިކަން ފޭސްބުކް ޕޭޖް

"އެހެންވީމާ އޮއިވަރާއި ޓެމްޕަރޭޗާއާ މި ކަހަލަ ބަދަލުތަކެއްގެ ސަބަބުން ކަމަށް ބޮޑަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

"އެކަން އެގޮތަށް ވާ ސަބަބަކީ މީގެ ކުރީގައި ވެސް ކެންދޫގެ ކޮންނި ފަޅަށް ވަންނަ މަސްގަނޑު، ގިނަ އަދަދަކަށް މަސް އެއްފަހަރާ ވަދެއްޖެއްޔާ މަރުވޭ، އެ ކަހަލަ ހާދިސާތައް ހިނގާފައި އެބަހުރި."

މަރުވި މަސްތައް ނަގައި ރަށުގެ ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށައިފަ އެވެ.

މި މައްސަލަ ފިޝާރީޒް މިނިސްޓްރީއަށް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.