Roadha Mihaaru
ހިމާޔަތްކޮށްފައިވާ ހިސާބަކުން ފިނޮޅެއްގައި ވެލާ ފަޅާފައި

ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ރީތި ފިނޮޅުގައި ފަޅާލާފައި އޮތީ ވެލައެއް

04 ޑިސެމްބަރ 2022

ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ ވެލާގެ ބާވަތެއް ކަމަށްވާ "ގްރީން ސީ ޓާޓްލް" އެއް، އއ. ރަސްދޫ ކައިރީ އޮންނަ މަޑިވަރު ފިނޮޅުގައި ފަޅާލާފައި އޮއްވައި ފެނިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ ވެލާގެ ބާވަތެއް ކަމަށްވާ "ގްރީން ސީ ޓާޓްލް" އެއް، އއ. ރަސްދޫ ކައިރީ އޮންނަ މަޑިވަރު ފިނޮޅުގައި ފަޅާލާފައި އޮއްވައި ފެނިއްޖެ އެވެ.

ގްރީން ސީ ޓާޓްލްއަކީ އޭގެ އާބާދީ މަދުވެ ނެތިދާނެ ކަމުގެ ބިރުހީވެފައިވާތީ ހިމާޔަތްކޮށްފައިވާ ބާވަތުގެ ވެލައެކެވެ. ރާއްޖޭގައި ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ހިފުން މަނާކޮށްފައި ވިޔަސް މަހާއި ބިހުގެ ބޭނުމަށް ވެލައި ހިފައި މެރުމަކީ އަދިވެސް އާންމު ކަމެކެވެ.

މަޑިވަރު ފިނޮޅަށް މިއަދު ކުރި ދަތުރުގައި ފެނުނު މި މަންޒަރު ސޯޝަލް މީޑިއާގައި އާންމުކުރީ ޕަޑީ އޯޕަން ވޯޓާ ސްކޫބާ އިންސްޓްރަކްޓަރެއް ކަމަށްވާ ހަމްނާ ހުސެއިން އެވެ.

ވެލާ ފަޅާލާފައި.

ވެލާ ފަޅާލާފައި.

އޭނާގެ ދަރިވަރުންތަކެއް ގޮވައިގެން އެ ފިނޮޅަށް ކުރި ދަތުރުގައި ފެނުނީ "ހިތްފަޅައިގެންދާ" ވަރުގެ މަންޒަރެއްގެ ގޮތުގައި ސިފަކޮށް، ހަމްނާ، އާންމުކުރި ވީޑިއޯގައި ފެންނަނީ ވެލައެއް ފަޅާލައި އޭގެ މަސްތައް ނެގުމަށް ފަހު އެއްލާލާފައި އޮއްވަ އެވެ.

މި ވެލާ ފަޅާލައި އެއްލާލާފައި އޮތީ ހިމާޔަތް ވެސް ކޮށްފައިވާ ސަރަހައްދެއްގަ އެވެ.

ހަމްނާ ބުނި ގޮތުގައި އެމީހުން އެ ފިނޮޅަށް ދިޔައިރު ބަޔަކު އެރަށުން ފުރައިގެން ދަނީ އެވެ. އެކަން ކުރީ އެމީހުން ކަމަށް އޭނާ ތުހުމަތުކުރަނީ އެ ވެލާ ފެނުނުއިރު ވިންދު ހުރުމުންނާއި އޭގެ ލޮލުން އޭރު ވެސް ކަރުނަ އަންނަމުން ދިއުމުންނެވެ.

އަންހެނުންގެ އެންމެ ބޮޑު ޑައިވް ކޮމިއުނިޓީ، ގާލްސް ދެޓް ސްކޫބާގެ އެމްބެސެޑަރުކަން ވެސް ކުރަމުން އަންނަ ހަމްނާ ވަނީ ކަނޑުގެ ދިރުންތަކާ މެދު އަމަލުކުރަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަ ދައްކައިފަ އެވެ.

ވެލާ ފަޅާލައި މަސްތައް ނެގުމަށް ފަހު އެއްލާލާފައި.

ވެލާ ފަޅާލައި މަސްތައް ނެގުމަށް ފަހު އެއްލާލާފައި.

އޭނާ ބުނީ އިރެއްގައި ދިވެހިން ވެލާ ބިހާއި ވެލާގެ މަސް ކޭ ނަމަވެސް އެކަން މިހާރު ކުރުމުން ބަލައި ނުގަނެވޭ ކަމަށެވެ. ކަނޑުގެ ދިރުންތަކާ މެދު ހޭލުންތެރިވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި ގެންގުޅުމާއި އެއަށް ގޯނާކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެއީ ބޮޑު ޖޫރިމަނާއެއް ވެސް އަންނަ ކުށެކެވެ.