Roadha Mihaaru
ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި

ބ. ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ 33،000ރ. އަށް ކުޑަކޮށްދީފި

07 ސެޕްޓެމްބަރ 2023

ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހުންނަށް ކުރި ޖޫރިމަނާ 33،000ރ. އަށް މިއަދު ކުޑަކޮށްދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހުންނަށް ކުރި ޖޫރިމަނާ 33،000ރ. އަށް މިއަދު ކުޑަކޮށްދީފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގައި ދިރޭ އެއްޗަކަށް ގޯނާކޮށްފި ނަމަ 30,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އޮވެ އެވެ. އެހެންވެ، އެ މީހުން ޖޫރިމަނާ ކުރީ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރި ކޮށްފައިވާ ހަ ދިރޭ އެއްޗަކަށް ގޯނާކޮށް މަރާލުމާ ގުޅިގެންނެވެ.

އެ އިން ކޮންމެ އެއްޗަކަށް 33،000ރ. ގެ މަގުން، މިދިޔަ ޖޫން މަހުގެ 20 ގައި ކޮންމެ މީހަކަށް އެންގީ ޖޫރިމަނާގެ ގޮތުގައި 198،000ރ. ދެއްކުމަށެވެ.

އީޕީއޭގެ ނޫސްބަޔާނުގައިވާ ގޮތުން، އެ މައްސަލާގައި ޖޫރިމަނާކުރީ ކެންދޫ، ދިރިމާގެ، އަލީ އާދަމް އާއި ކެންދޫ، ދިރިމާގެ ހަސަން ޒަރީރު އާއި ކެންދޫ، ދިލާސާގެ، އަބްދުﷲ ޝާހީ އާއި ކެންދޫ، ދިލާސާގެ އަހްމަދު ނާއިޝް އާއި ކެންދޫ، މުސަންމާގެ، ހޫދު ފަހުދު އިދުރީސް އާއި ކެންދޫ، އަމަން، އަންވަރު އަބްދުއްރަހްމާން އަދި އދ. ދިގުރަށް، ނޫރާނީ ވިލާ، ތަސްނީމް އަހުމަދެވެ.

ފުލުހުންގެ އެހީތެރިކަމާ އެކު، އެ މީހުން ޖޫރިމަނާ ކުރި ކަން އެންގި ސިޓީތައް ހަވާލުކުރުމަށް މަސައްކަތް ކުރިޔަސް އެ މީހުން އީޕީއޭ އިން ފޮނުވި ޖޫރިމަނާ ސިޓީތަކާ ހަވާލުވާން އިންކާރު ކުރުމާ ގުޅިގެން މިދިޔަ ޖުލައި މަހުގެ 31 ގައި ކެންދޫ ކައުންސިލްގެ އެހީތެރިކަމާ އެކު، ސިޓީތައް ހަވާލުކުރުމުގެ މަސައްކަތް ކުރި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އީޕީއޭ އިން ބުނީ އެ ޖޫރިމަނާއާ ގުޅިގެން، ޖޫރިމަނާ ކުރި މީހުން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ސިޓީއެއް ފޮނުވި ކަމަށެވެ. އެ ސިޓީގައިވާ ކަންކަމަށް ބަލައި، އެ މީހުންނަށް ކޮށްފައިވާ ޖޫރިމަނާ މުރާޖައާ ކުރަން ޖެހޭ ކަމަށް މިނިސްޓްރީއަށް ފެންނާތީވެ، އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ހޯދި ކަމަށް އެ އެޖެންސީ އަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އެ ޖޫރިމަނާ މުރާޖައާ ކުރުމާ ގުޅޭ ގޮތުން އޭޖީގެ އޮފީހުން އިއްޔެ އީޕީއޭ އަށް ސިޓީއެއް ފޮނުވި އެވެ.

އެ ސިޓީގައި އޭޖީ އޮފީހުން ބުނެފައި ވަނީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގައި ދިރޭ އެއްޗަކަށް ގޯނާކޮށްފި ނަމަ، 30,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް އޮވެ، އެ ގަވާއިދުގައި ގޯނާކުރި ތަކެތީގެ އަދަދަށް ބަލައި ޖޫރިމަނާކުރެވޭ އަދަދު އިތުރު ކުރުމުގެ އުސޫލެއް ކަނޑައަޅާފައި ނުވާތީ އެ މީހުން ޖޫރިމަނާ ކުރެވޭނީ 30،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން އެކަންޏެވެ.

އެހެންވެ، ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އޭޖީ އޮފީހުގެ ލަފާގެ މަތިން ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި ކޮންމެ މީހެއްގެ ޖޫރިމަނާ 33،000ރ. އަށް ކުޑަކޮށްދޭން އެ އެޖެންސީން ނިންމާފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުންޏެވެ.

އީޕީއޭ އިން ބުނީ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައްކަން އެ މީހުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.