Roadha Mihaaru
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް

މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް

07 ނޮވެމްބަރ 2023

މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް، އޭގެ އާބާދީ ބޮޑު ކ. ކާށިދު އަށް ގެންގޮސް ދޫކޮށްލައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް، އޭގެ އާބާދީ ބޮޑު ކ. ކާށިދު އަށް ގެންގޮސް ދޫކޮށްލައިފަ އެވެ.

ކަންޒުކަހަނބަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައި 1993 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުމެކެވެ. އެ ވަނީ ރާއްޖޭގެ ރެޑް ލިސްޓުގައި ވެސް ހިމަނައިފަ އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ކަންޒުކަހަނބު މާލެ މަގުމަތިން ފެނުނީ މި ހަފުތާގެ ކުރީކޮޅުގައި ކަމަށެވެ. ބަޔަކަށް އެ ފެނިގެން ހިމާޔަތްދީ، އީޕީއޭ އަށް ރިޕޯޓް ކުރީ ކަމަށް އެ އެޖެންސީން ބުންޏެވެ.

"މި ކަންޒުކަހަނބު ފެނުމުން މިއަށް ރައްކާތެރިކަން ދިން އާއިލާ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" އީޕީއޭ އިން ބުންޏެވެ.

މާލެ މަގުމަތިން ފެނުނު ކަންޒުކަހަނބު: އެ މިހާރު ވަނީ ކަށިދު އަށް ގެންގޮސް އޭގެ މާހައުލަށް ދޫކޮށްލައިފައި.-- ފޮޓޯ: އީޕީއޭ

މާލެ މަގުމަތިން ފެނުނު ކަންޒުކަހަނބު: އެ މިހާރު ވަނީ ކަށިދު އަށް ގެންގޮސް އޭގެ މާހައުލަށް ދޫކޮށްލައިފައި.-- ފޮޓޯ: އީޕީއޭ

އެނގިފައިވާ ގޮތުގައި، އެ ކަންޒުކަހަނބު ފެނުނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ދިމާލުން މަގުމަތިންނެވެ.

އީޕީއޭ އިން މިހާރު ވަނީ އެ ކަންޒުކަހަނބު ގެންގޮސް، ކާށިދޫގެ ޗަސްބިމުގެ ސަރަހައްދަށް ދޫކޮށްލައިފަ އެވެ.

ކާށިދު އަށް މި ކަންޒުކަހަނބު ގެންދިއުމުގައި އެ ރަށަށް ދަތުރުކުރާ ސްޕީޑް ލޯންޗު، ވެލާ އެކްސްޕްރެސް އާއި ކާށިދޫ ކައުންސިލް އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އީޕީއޭ އިން ބުންޏެވެ.

މާލެ މަގުމަތިން ފެނުނު ކަންޒުކަހަނބު ކާށިދުއަށް ގެންދިއުމަށް ފޮއްޓަކަށް ލައިފައި.-- ފޮޓޯ: އީޕީއޭ

މާލެ މަގުމަތިން ފެނުނު ކަންޒުކަހަނބު ކާށިދުއަށް ގެންދިއުމަށް ފޮއްޓަކަށް ލައިފައި.-- ފޮޓޯ: އީޕީއޭ

އީޕީއޭ އިން ވަނީ ގޭގޭގައި ކަންޒުކަހަނބު ގެންގުޅޭ ނަމަ، އެ އިދާރާ އަށް ރިޕޯޓްކުރަން ވެސް އެދިފަ އެވެ. އަދި މިގޮތަށް އިތުރު ކަންޒުކަހަނބު ފެނިފައިވާ ނަމަ ވެސް ރިޕޯޓްކުރުމަށް އެދުނެވެ.

ކާށިދޫގެ ޗަސްބިމުގެ ސަރަހައްދަކީ ރާއްޖޭގައި ކަންޒުކަހަނބު އެންމެ ގިނައިން ފެންނަ ތަނެވެ. ކަންޒުކަހަނބަކީ މިހާރު ވަރަށް މަދުން ނޫނީ ރާއްޖެއިން ނުފެންނަ ދިރުމެކެވެ. ސަރުކާރުން ވަނީ 2021 ވަނަ އަހަރު ކާށިދޫގެ ކަނޑޫފަލާއި ކުއްޅަވައްފަލާއި ކަށިކޭލާއި ރުކުގެ މުއްސަނދިކަން ލިބިފައިވާ އެ ސަރަހައްދު ހިމާޔަތްކޮށްފަ އެވެ.

ގިނަ އަދަދެއްގެ ކަނބިލި ވެސް ދިރިއުޅޭ އެ ސަރަހައްދަކީ ކަންޒުކަހަނބުގެ މައިގަނޑު ކާނާ ކަމަށްވާ ކަށިކޭލާއި ބޯކޭލާއި ކުއްޅަވަކާއި މާރުނަ ވިނައިން މުއްސަނދި ސަރަހައްދެކެވެ.