Roadha Mihaaru

ހިމާޔަތްކޮށްފައިވާ ނެލިވަރު ފިނޮޅަށް އެރި ބަޔަކު 400،000ރ. އިން ޖޫރިމަނާ

ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ޓޫރިސްޓުންގެ ބަޔަކާ އެކު ގޮސް އެ ސަރަހައްދުގައި ގަވައިދާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި 400،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ނެލިވަރު ފިނޮޅަށް އެރުމުން 400،000 އިން ޖޫރިމަނާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 އެޕްރީލް 2025

ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ޓޫރިސްޓުންގެ ބަޔަކާ އެކު ގޮސް އެ ސަރަހައްދުގައި ގަވައިދާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި 400،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ނޮވެމްބަރު 9، 2023 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ނެލިވަރަށް އެ މީހުން އަރައި އެ ސަރަހައްދުގައި އެކި ކަންކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގަ އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވް އޮފީހުންނާއި ޕޮލިހުން އެ އެޖެންސީއަށް މި މައްސަލަ ހުށަހެޅުމުން ބެލިއިރު ހުގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ.

އީޕީއޭއިން ފާހަގަ ކޮށްފައިވާ ކަންކަން:

- އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން

- އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން

- އަލިފާން ރޯކުރުމާއި ގެންގުޅުން

އީޕީއޭ އިން ބުނީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ މަންދޫބުންނާއި، ފުލުހުން ނެލިވަރަށް ގޮސް ސޮނެވާފުށީގެ މުވައްޒަފުން ޓޫރިސްޓުންނާ އެކު އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުން ވެސް އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.

އެ މީހުން އެ ސަރަހައްދުން ދިޔައީ ކުރިޔަށް ގެންދަން ރާވާފައިވާ ހުރިހާ ކަމެއް ނިންމައި އެ ތަން ސާފުކޮށްފައި ކަމަށާއި ސޮނެވާފުށިން ފޮނުވާފައިވާ ސިޓީއެއްގައި އެ ހުރިހާ ކަމަކަށް އިއުތިރާފްވެފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ރިސޯޓުގެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން

- އެ ދުވަހު ސޮނެވާފުށީގެ މުވައްޒަފުން، ޓޫރިސްޓުން ހިމެނޭ ގޮތަށް 10 މީހުންނާ އެކު ނެލިވަރު ސަރަހައްދަށް އިރުއޮއްސި 6:00 ގެ ފަހުން ވަދެފައިވާކަން

- އެ ސަރަޙައްދަށް ވަދެފައިވަނީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ނުހޯދާކަން

- އެ ސަރަހައްދަށް އަލިވާގޮތަށް ރޭގަނޑު ދިއްލިކަން

- އެ ސަރަހައްދުގައި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން

އީޕީއޭ އިން ބުނީ އެ ކަންކަމަކީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ އަމަލުތަކެއް ކަމަށެވެ. އެހެންވެ އެ އެ ރިސޯޓު 448،375ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އަންގައިފަ އެވެ.