Roadha Mihaaru
ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ފަރަށް ގެއްލުން

ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ގެއްލުންތަކެއް ލިބިއްޖެ

21 ސެޕްޓެމްބަރ 2017

ބ. ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ފަރަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބ. ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ފަރަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ފަރަށް އަރާފައިވަނީ އެކްސްކަވޭޓަރެއް ބަލައި، އެ ރަށަށް ދިޔަ ޓަގު ބޯޓެކެވެ. އެ ހާދިސާގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ބެލެވޭ ކަމަށް އެރަށު ކައުންސިިލުން ބުންޏެވެ. ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަދިވެސް ބޯޓު އެއްކޮށް ފުން ނުކުރެވޭ ކަމަށް ކައުންސިލުން ބުންޏެވެ.

"ފަރުގެ ގާތްގަނޑަކަށް ފަސްހާއެއްހާ އަކަފޫޓަށް ގެއްލުންވާނެ ކަމަށް ބެލެވޭ. އޮއިވަރު ބާރުވީމަ ކަމަށް ބެލެވެނީ އެ ހާދިސާގައި ހިނގީ. މިހާރު ބޯޓުގެ ކުރީކޮޅު ފުންކޮށްފި. އެކަމަކު އަދިވެސް ފަހަތުކޮޅު ފުން ކުރެވޭ ވަރެއް ނުވޭ. އެކަމަކު ދިޔަވަރު ބޮޑުވީމަ ފުން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ކެންދޫ ކައުންސިލްގެ މެމްބަރު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި އެ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެ ބޯޓު ނިސްބަތްވާ ކުންފުނީގެ ފަރާތުންނެވެ. އެކަމަކު އެއީ ކޮން ކުންފުންޏެއްގެ ބޯޓެއް ކަމެއް ސާފެއް ނުވެ އެވެ.

އެ ރަށަށް އެ ބޯޓު ދިޔައީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތަށް ގެންގޮސްފައި އޮތް އެކްސްކަވޭޓަރެއް ގެންދިއުމަށެވެ. އެ ހާދިސާ ހިނގާފައިވަނީ އެކްސްކަވޭޓަރު ބޯޓަށް އަރުވައިގެން އެ ރަށުން ފުރަނިކޮށެވެ.

ކަނޑު އުޅަނދެއް ފަރަށް އަރައިގެން ފަރަކަށް ގެއްލުން ލިބިއްޖެ ނަމަ ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވެ އެވެ. ޖޫރިމަނާ ކުރާނީ ފަރަށް ލިބިފައި ހުރި ގެއްލުންތަކަށް ބެލުމަށް ފަހު އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީީ (އީޕީއޭ) އިންނެވެ. މީގެކުރިން ވެސް މިފަދަ ހާދިސާތަކުގައި ފަރަށް އެރި ބޯޓުތައް ޖޫރިމަނާ ކޮށްފައިވެ އެވެ.