ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ހިންގަން އުޅޭ އެހެން ޕްރޮޖެކްޓުތައް ވެސް ހުއްޓާލަން ރެޒިލިއެންސް މޯލްޑިވްސް އިން އިއްޔެ ގޮވާލައިފި އެވެ.
10 ސެޕްޓެމްބަރ 2025
ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ހިންގަން އުޅޭ އެހެން ޕްރޮޖެކްޓުތައް ވެސް ހުއްޓާލަން ރެޒިލިއެންސް މޯލްޑިވްސް އިން އިއްޔެ ގޮވާލައިފި އެވެ.
ބ. ދޮންފަނުގެ ބިން ހިއްކުން ހުއްޓާލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކުރި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ ސަރުކާރުގެ ނިންމުން ބަދަލުކުރުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
އެ ޖަމިއްޔާއިން ތައްޔާރުކުރި ޕެޓިޝަންގައި 5،000 މީހުން ސޮއިކޮށްފައިވެ އެވެ. އަދި ވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖެ އާއި ބޭރުގެ އެތައް ޖަމިއްޔާއަކުން ވަނީ އެ ޕެޓިޝަނަށް ތާއީދުކޮށްފަ އެވެ.
ރެޒިލިއެންސް މޯލްޑިވްސް އިން ބުނީ ދޮންފަނުގެ ބިން ހިއްކުމަކީ ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ހިންގަން އުޅޭ އެކި ޕްރޮޖެކްޓުތަކުގެ ތެރެއިން އަދި އެންމެ ޕްރޮޖެކްޓެއް ކަމަށެވެ. އެ ކަހަލަ ކިތަންމެ ޕްރޮޖެކްޓެއް އިއުލާންކޮށްފައިވާ ކަމަށާއި އެ މަސައްކަތްތައް ވެސް ހުއްޓާލަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބ. އަތޮޅުގައި ހިންގާ އެހެން ޕްރޮޖެކްޓުތައް ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވަނީ ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް އެ ރަށުގެ ފަޅުން 44.7 ހެކްޓަރުގެ ބިން ހިއްކުމާއި ގޮއިފުޅަފެހެންދޫގެ ފަޅުގައި ރިސޯޓެއް ހަދަން ބިން ހިއްކުމެވެ.
ތުޅާދޫ އެއާޕޯޓު އެޅުމަށް އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ގޮއިފުޅަފެހެންދޫ ފަޅުގައި، ބިން ހިއްކައިގެން ރިސޯޓެއް ހަދަން މި މަހު ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ވަނީ ގޮއިދުއަށް ވަޑައިގެން މި މަހު ވިދާޅުވެފަ އެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.
ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫ އޮންނަ ފަޅަކީ ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން އަދި ފެނިފައި ނުވާ ފަދަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ތަނެކެވެ. ހާއްސަކޮށް ފުޅަދޫ ކައިރީގައި އޮންނަ މުރަކަ ބަގީޗާ އެވެ. އެތައް ޒަމާނެއް ވެދާނެ ލަފާކުރެވޭ އެތަން މަޝްހޫރުވެފައި ވަނީ "ރޯޒް ގާޑެން" ނަމުގަ އެވެ.
ފުޅަދޫ ކައިރީގައި އޮންނަ "ރޯސް ގާޑެން": ގޮއިފުޅަފެހެންދޫގެ ބިން ހިއްކައިފި ނަމަ މިތަނަށް ގެއްލުން ލިބިދާނެ ކަމަށް ޖަމިއްޔާތަކުން ބުނޭ.-- ފޮޓޯ: ހުސެއިން ދީދީ
އެ ފަޅުން ސަރަހައްދެއް ހިއްކައިފި ނަމަ، އެ ރީތި މުރަކަ ބަގީޗާ ހަލާކުވުމުގެ ބިރު ވަރަށް ބޮޑު ކަމަށް ރެޒިލިއެންސް މޯލްޑިވްސް އިން ބުންޏެވެ.
ސިޔާސީ ބޭނުމަށް ވެރިން ރާއްޖޭގެ ނާޒުކު ވެށި ހަލާކުކޮށްލާ މަންޒަރު ބަލަން ނުތިބެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި، ބިން ހިއްކުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. ސަރުކާރުން ވައުދުތައް ވާއިރު އެކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ. ދޮންފަނުގެ ރައްޔިތުން އުއްމީދުކުރާ މުސްތަގުބަލު އެ ރައްޔިތުންނަށް ހޯދައިދޭން ޖެހެ އެވެ. އެކަމަކު، އެ އުއްމީދު ހާސިލްކޮށްދިނުމަށް ވެށި ހަލާކުކޮށްލައިގެން ނުވާނެ އެވެ.
ދޮންފަނުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، ވެއްޓަށް ގެއްލުން ނުލިބޭނެ ގޮތަށް ދެމެހެއްޓެނިވި ހައްލެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ރެޒިލިއެންސް މޯލްޑިވްސްގެ ބަޔާނުގައި ބުނީ އެކި ރަށްރަށުގެ ބިން ހިއްކުމުގެ ކުރިން ހަދާ ތިމާވެއްޓަށް ގެއްލުން ލިބޭ މިންވަރު އަންދާޒާކުރާ ރިޕޯޓް ނުވަތަ އީއައިއޭ ރިޕޯޓްތަކުގައި ގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ ނަމަވެސް، އެގޮތަށް ކަންކަން ނުހިނގާ ކަމަށެވެ. އެ މައްސަލަ ސަރުކާރުން ބަލަން ޖެހޭ ކަމަށާއި އެ ފިޔަވަޅުތައް ނޭޅުމުން ވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ބިން ހިއްކުމުގެ ސަބަބުން މުރަކަތަކާއި މޫދުވިނަ މަރުވެ، ފަރުތަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ލިބޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ފުރިހަމަ އީއައިއޭ ރިޕޯޓެއް ނުހަދާ ބ. އަތޮޅުގެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލި އެވެ.
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ރާއްޖެ އިތުރު ބަޔޮސްފިއާ ރިޒާވްތަކަކާ ދިމާލަށް!
ދޮންފަނުފަރުގައި ޑައިވްކުރުން މަނާކުރުން ގާނޫނާ ހިލާފު
ދޮންފަނުފަރަށް ޑައިވްކުރުން މަނާކުރުމުން ބޮޑު ގެއްލުމެއް
އީޕީއޭ މިނިވަންކުރުމަކީ އެއްވެސް ބަޔަކަށް ނުވި ކަމެއް!
އީއައިއޭ ގަވާއިދު އިސްލާހުކުރީ ބާކީ އޮތް މުއްދަތަށް!
އީޕީއޭ އުވައެއް ނުލާ، ނަން ބަދަލުކުރަނީ: މިނިސްޓްރީ
ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރަނީ
"ބާނި" ވޯލްޑް ރެކޯޑުގެ ޕާޓްނަރުންނާ އެކު ސޮއި ކޮށްފި
ނެލިވަރު ފިނޮޅަށް އެރުމުން 400،000 އިން ޖޫރިމަނާ