Roadha Mihaaru

އީޕީއޭ މިނިވަންކުރުމަކީ އެއްވެސް ބަޔަކަށް ނުވި ކަމެއް!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމަށް ވަޑައިގަތީ، ރާއްޖޭގެ ތިމާވެއްޓަށް ފާރަވެރިވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވެރިކަމުގެ ފުރަތަމަ 100 އަހަރު ދުވަހުގެ ތެރޭގައި މިނިވަންކުރާނެ ކަމުގެ ވައުދާއެކުގަ އެވެ. އެކަމަކު، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުނީ އެ އިހުތިޔާރާއި ބާރު އީޕީއޭއަށް ނުދީ އެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރު އެ ވާހަކަ ދެއްކިޔަސް، ފަހުން ބަޚަބަރެވެ.

އީޕީއޭ މިނިވަންކުރުމަކީ އެއްވެސް ބަޔަކަށް ނުވި ކަމެއް!
އިފްރާޒް އަލީ
އިފްރާޒް އަލީ

13 އޯގަސްޓް 2025

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމަށް ވަޑައިގަތީ، ރާއްޖޭގެ ތިމާވެއްޓަށް ފާރަވެރިވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވެރިކަމުގެ ފުރަތަމަ 100 އަހަރު ދުވަހުގެ ތެރޭގައި މިނިވަންކުރާނެ ކަމުގެ ވައުދާއެކުގަ އެވެ. އެކަމަކު، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުނީ އެ އިހުތިޔާރާއި ބާރު އީޕީއޭއަށް ނުދީ އެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރު އެ ވާހަކަ ދެއްކިޔަސް، ފަހުން ބަޚަބަރެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން އީޕީއޭގެ ނަން ބަދަލުކޮށް، އީއައިއޭ ހެދުމުގެ ގަވާއިދަށް ބަދަލު ގެނައުމާއެކު އެމަނިކުފާނު ރާގު ވެސް ބަދަލުވެއްޖެ އެވެ؛ އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ސިފަކުރެއްވީ އީޕީއޭގެ "ދަތްކޮޅު އުފުރާލުން" ކަހަލަ ކަމެއްގެ ގޮތުގަ އެވެ.

"މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް،" އިބޫ ވިދާޅުވި އެވެ.

އިބޫގެ ވެރިކަމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރަކަށް ހުންނެވި އައިމިނަތު ޝައުނާގެ ރާގު ވެސް ވަނީ މި މައްސަލައާ އެކު ބަދަލުވެފަ އެވެ.

"އިތުބާރުހިފޭ ގޮތަކަށް ހިޔާލާއި މަޝްވަރާ ހޯދުމުގެ މަރުހަލާއެއް ކުރިއަށް ނުގެންގޮސް، ސަރުކާރުން ބޭނުންހާ ގޮތަކަށް ގަވާއިދުތަކާއި ސިޔާސަތުތަކަށް ބަދަލު ގެނެސް، އީޕީއޭއަށް ލިބިފައި އޮތް ފާރަވެރިވުމުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް،" ޝައުނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

"މިއީ ރައީސް މުއިއްޒުގެ ސަރުކާރުން އެއްވެސް ބެލުމެއް ނެތި، ގާނޫނުތަކުގެ ބާރު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތުގެ އިތުރު ދަލީލެއް."

ޝައުނާ އެގޮތަށް ވިދާޅުވިއިރު، އެޕްރީލް 25، 2023 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވަނީ އެމްޑީޕީ ސަރުކާރުން އީޕީއޭ މިނިވަންކުރަން ބޭނުން ނުވާ ކަން ވެސް ހާމަކުރައްވައިފަ އެވެ.

"ވެެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓްކުރުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމު ނޫންކަން ގަބޫލުކުރަން ޖެހޭ،" ޝައުނާ އެ ދުވަހު ވިދާޅުވި އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ސިންގަޕޫރުގެ މިސާލު ނަންގަވަމުން ޝައުނާ އޭރު ވިދާޅުވީ ތިމާވެށީގެ ކަންކަން ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އެ ގައުމުތަކުގައި ވެސް އެގްޒެކެޓިވް ބާރާ ވަކި ކުރެވިފައި ނުވާ ކަމަށެވެ. އެ ގައުމުތަކުގައި ވެސް އީޕީއޭއަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެށީގެ ވަޒީރެއްގެ ދަށުން ހިނގާ ގޮތަށް އުފައްދާފައިވާ އެޖަންސީތަކެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޑިސެމްބަރު 18، 2008 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދެވި އީޕީއޭއިން ކުރަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކޮށްފައި ހުންނަ މަސައްކަތްތަކެވެ. ތަންފީޒުކުރަނީ މިނިސްޓްރީން ހަދާފައި ދޭ ގަވާއިދުތަކެވެ. ގަވާއިދުތައް ހެދުމުގައި އެކި ސަރުކާރުތަކުން އެކި ކަންކަމުގައި އެކި މިންވަރަށް އީޕީއޭގެ މަޝްވަރާ އާއި ބައިވެރިވުން ހޯދަ އެވެ. ދުވަހުން ދުވަހަށް އީޕީއޭ ހިންގުމުގެ ތެރެއަށް މިނިސްޓަރު ވަދެ ނޫޅުނަސް ނިންމުންތަކަށް ފަހު ބަސް ބުނުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ.

އީޕީއޭ މިނިވަންކުރުން މާނަކުރެވެނީ އެކަންކަން ބަދަލުކުރުމަށެވެ.

އެމްޑީޕީގެ އެންމެފަހުގެ ވެރިކަމުގައި ވެސް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސްކުރުމަށް އީއައިއޭ މަރުހަލާއަށް އެކި ގޮތްގޮތުން މިނިސްޓަރުން މެދުވެރިވެ، ބާރު ފޯރުވި އެވެ.

މި ސަރުކާރުން ވެސް ކަންކުރަން މި އުޅެނީ ހަމަ އެ އުސޫލުންނެވެ. ހުރިހާ ބާރެއް މިނިސްޓަރުގެ އަތްމައްޗަށް ދޫކޮށްލަނީ އެވެ.

މި ދާއިރާގެ ބައެއް ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި އީޕީއޭއަށް ހަގީގީ މާނައިގައި މިނިވަންކަން ދިނުމުގެ ނިޔަތެއް މިދިޔަ އެއްވެސް ސަރުކާރެއްގައި އޮތް ނަމަ، އީއައިއޭތަކާ މެދުގައި އެ އެޖޭންސީން ނިންމާ ނިންމުންތައް ރިވިއުކުރުމުގެ ދައުރު އަދާކުރާނެ މިނިވަން ފަރާތެއް ހަމަޖައްސާނެ އެވެ. މިނިސްޓަރަށް އެެ ބާރު ނުދޭނެ އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ބަދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ވަނީ އިއްޔެ އިއުލާންކުރައްވައިފަ އެވެ. އަދި އެ އިދާރާގެ ބާރުތައް ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓަރަށް ލިބޭ ގޮތަށް މެންޑޭޓަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ކުރީގެ މެންޑޭޓް އޮތްގޮތުން ނަމަ، އީޕީއޭ ހިންގަނީ ހަތް މެމްބަރު ތިއްބަވާ އީޕީއޭގެ ގަވަނިން ބޯޑުގެ ލަފާގެ މަތިންނެވެ. ނަމަވެސް، އެންމެފަހު ނިންމުން އޭރު ވެސް ނިންމަނީ ހަމަ މިނިސްޓަރެވެ.

ސަރުކާރުން ވަނީ ސަރުކާރުގެ ޕްރޮޖެކްޓުތައް އަވަސްކުރުމުގެ ބޭނުމުގައި އީއައިއޭގެ ގަވާއިދަށް ވެސް އިއްޔެ އިސްލާހެއް ގެނެސްފަ އެވެ.

އީއައިއޭގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށެވެ. ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުންޏެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން އެ ބަދަލަށް އަމަލުކުރާނީ މި އިސްލާހު ގެޒެޓްކުރާ ދުވަހުން ފެށިގެން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ނުވަތަ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެކަންޏެވެ.