Roadha Mihaaru
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!

ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!

11 މެއި 2023

ކ. ރަސްފަރީ ފަރަށް އޯގަސްޓް 2021 ގައި ގްރީސްގެ ބަލްކް ކެރިއާ ބޯޓެއް އަރައިގެން އެ ފަރަށް ލިބުނު ގެއްލުމުގެ ގޮތުގައި 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ފަހު، ފައިސާ ދައްކައި ނިމެންދެން އެ ބޯޓް ރާއްޖޭގައި ބޭއްވި އެވެ. ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) އަދި 32،415 ޓަނުގެ ބަލްކް ކެރިއާ ބޯޓް ރާއްޖެ އިން ދޫކޮށްލީ އެ އަހަރު ޑިސެމްބަރު މަހު އެ ފައިސާ ދެއްކުމުންނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކ. ރަސްފަރީ ފަރަށް އޯގަސްޓް 2021 ގައި ގްރީސްގެ ބަލްކް ކެރިއާ ބޯޓެއް އަރައިގެން އެ ފަރަށް ލިބުނު ގެއްލުމުގެ ގޮތުގައި 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ފަހު، ފައިސާ ދައްކައި ނިމެންދެން އެ ބޯޓް ރާއްޖޭގައި ބޭއްވި އެވެ. ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) އަދި 32،415 ޓަނުގެ ބަލްކް ކެރިއާ ބޯޓް ރާއްޖެ އިން ދޫކޮށްލީ އެ އަހަރު ޑިސެމްބަރު މަހު އެ ފައިސާ ދެއްކުމުންނެވެ.

"ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ކެރިއާ ބަލްކު ބޯޓް ނިސްބަތްވާ ގްރީސްގެ ނަވިއަސް މެރިޓައިމް އިން ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 6.5 މިލިއަން ޑޮލަރު (99 މިލިއަން ރުފިޔާ) ދައްކަން ތައްޔާރުވުމުން އީޕީީއޭ އިން ޖޫރިމަނާގެ އަދަދު 10 މިލިއަން ޑޮލަރަށް މަތި ކުރި އެވެ. ފަހުން އެ ކުންފުނިން އެ އަގު އެންވަޔަރްމެންޓް މިނިސްޓްރީގައި އިސްތިއުނާފް ކުރުމުން، އެ މިނިސްޓްރީން ވެސް ނިންމީ އީޕީއޭއިން ކަނޑައެޅި އަގު ކުޑަ ކުރެވެން ނެތް ކަމަށެވެ.

"އެ ވަރުގެ އަދަދެއް ކަނޑައެޅީ ފަރަށް އެރުމުން ކުރި ޖޫރިމަނާގެ އިތުރުން ލިބުނު ގެއްލުމަށާއި ފަރަށް ލިބުނު ގެއްލުންތައް އިޔާދަ ކުރުމަށް ކަމަށް ބުނެ،" ނަވިއަސް މެރިޓައިމް ކޭސް އާ ހަވާލަދީ މެރިޓައިމް އެގްޒެކެޓިވް ޑޮޓް ކޮމް ގައި ބުނެފައި ވެ އެވެ.

އެކި ފަރުތަކަށް ބޯޓް ފަހަރު އަރައިގެން އެކި ވަރުގެ ޖޫރިމަނާތައް ކޮށްފައި ވެއެވެ. ބައެއް ޖޫރިމަނާތައް 100 މިލިއަނުން މައްޗެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓް: އެ ފަރަށް ލިބުނު ގެއްލުތައް ރިކަވާ ކުރަން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައެއް ނެތް

ފުވައްމުލަކު ފަރަށް އެރި ބޯޓް: އެ ފަރަށް ލިބުނު ގެއްލުތައް ރިކަވާ ކުރަން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައެއް ނެތް

ޖޫރިމަނާ ފައިސާ އީީޕީއޭގެ ބަޖެޓަށް އެތެރެވިޔަސް އެ ފަދަ ފަރުތައް ހިމަޔަތް ކުރަން އަދި މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.

ވިއެޓްނާމްގެ އާގު ބޯޓެއް 2016 ގައި ފުވައްމުލަކުގެ ފަރަށް އަރައި، ލިބުނު ގެއްލުމާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި 633 މިލިއަން ރުފިޔާ ދެއްކުމަށް އެ ބޯޓުގެ ރާއްޖޭގެ އެޖެންޓަށް އެންގި އެވެ.

އެކަމަކު، ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ، އެ ރަށުގެ ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވިޔަސް އެ ގެއްލުންތައް ރިކަވަރު ކުރަން ތިމާވެއްޓާ ބެހޭ އިދާރާތަކުން މިހާތަނަށް އެއް ވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ.

"ގުދުރަތީ ގޮތުން ފުވައްމުލަކު އުފެދިފައި އޮތް ގޮތަށް ބަލާއިރު، އެ ފަރަށް ގެއްލުން ލިބުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކޮންސާންއެއް،" އިސްމާއިލް ވިދާޅުވި އެވެ.

މި މަހު ދިއްދޫ ފަރަށް އެރި އެމްއެމް އެކްސްޕޯޓްގެ ޓަގް ބޯޓް: މިހާރު އެ ޓަގު ވަނީ ފުން ކޮށްފަ

މި މަހު ދިއްދޫ ފަރަށް އެރި އެމްއެމް އެކްސްޕޯޓްގެ ޓަގް ބޯޓް: މިހާރު އެ ޓަގު ވަނީ ފުން ކޮށްފަ

އޭނާގެ ވެސް އަދި ފުވައްމުލަކުން ވާހަކަ ދެއްކި ބައެއް އާންމުންގެ ވެސް ކަންބޮޑުވުމަކީ އެ ރަށުގެ ފަރަށް އެ ފަހަރު ލިބުނު ގެއްލުންތައް ފޫބައްދަން މިހާތަނަށް މަސައްކަތް ކޮށްފައި ނެތުމެވެ.

ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެއް ކުންފުނި އިންޑިއާގެ "އެމްއެމް އެކްސްޕޯޓް" އަކީ ބާޖްތަކާއި ޓަގުތައް ފަރަށް އެރުމުގައި ބޮޑު ތާރީހެއް އޮތް ކުންފުންޏެކެވެ. މި މަހު ވެސް އެ ކުންފުނީގެ ޓަގް ބޯޓަކާއި ބާޖެއް ވަނީ ހއ. ދިއްދޫ ފަރަށް އަރައިފަ އެވެ.

އެކަމަކު، އެމްއެމް އެކްސްޕޯޓް ފާހަގަވަނީ ޖޫރިމަނާ ދެއްކުމުގައި ބަހަނާ ދައްކާ ބައެއްގެ ގޮތުގަ އެވެ. ކޮންމެވެސް އުޒުރެއް ދައްކައި، ޖޫރިމަނާ ދިގު ދެންމޭނެ ގޮތެއް އަބަދުވެސް ހޯދަ އެވެ. އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގް ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް 2015 ގައި އެރި އެވެ. އެ މައްސަލާގައި 110 މިލިއަން ރުފިޔާ ދައްކަން އަންގައި އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް އޭރު އީޕީއޭ އިން ބުންޏެވެ.

ކ. ރަސްފަރީ ފަރު: އެ ފަރަށް ލިބުނު ގެއްލުންތައް އިޔާދަ ކުރުމުގެ މަސައްކަތް ފަށަން އީޕީއޭއިން ދަނީ ތައްޔާރު ވަމުން

ކ. ރަސްފަރީ ފަރު: އެ ފަރަށް ލިބުނު ގެއްލުންތައް އިޔާދަ ކުރުމުގެ މަސައްކަތް ފަށަން އީޕީއޭއިން ދަނީ ތައްޔާރު ވަމުން

ފަރަށް ލިބުނު ގެއްލުންތައް ރިކަވާކުރަން ފުރަތަމަ ފަހަރަށް ޖޫރިމަނާ ފައިސާ ބޭނުންކޮށްގެން މަސައްކަތް ފަށަނީ

ރަސްފަރީ ފަރަށް ލިބުނު ގެއްލުމާ ގުޅިގެން އެ ފަރުގެ ގެއްލުންތައް އިޔާދަކުރުމުގެ މަސައްކަތް ފެށުމަށް އީޕީއޭ އިން މިހާރު ވަނީ ތައްޔާރުވެފަ އެވެ. ނަމަވެސް މައްސަލައަކީ ފަރުގެ ގެއްލުންތަކުން އަރައި ނުގަނެވި، އެތައް ދުވަހެއް ވުމެވެ. ވާހަކަތައް ދައްކަން ތިބެނީ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ރަސްފަރި ފަރަށް ލިބުނު ގެއްލުން ރިކަވަރު ކުރުމަށް 50 މިލިއަން ރުފިޔާ ހޭދަ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަށް ބަޖެޓް ކަނޑައެޅީ ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ ކަމަށެވެ. އެކަމަކު، އެ ވާހަކަ ދައްކާތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ. އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތުގަ އެވެ. އެންމެ ކުޑަމިނުން ކަމެއް ފެށެނީ ވެސް ވާހަކަ ދައްކައިދައްކައި އާންމުން ރުޅިގަދަވެ، ފާޑުކިޔާތާ އެތައް ދުވަހެއް ފަހުންނެވެ.

"މި ސަރުކާރުން ނިންމި ކަމެއް އެއީ ފަރަށް ލިބުނު ގެއްލުންތައް އިޔާދަ ކުރަން. އެ ކަން މި ފެށެނީ ވެސް މުޅިން އަލަށް. "އެ މަސައްކަތުގައި އަދި ކުރިއަށް ދަނީ ޕްރޮކިއުމެންޓް މަސައްކަތް. އެއީ އެ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުން،" ނައީމް ވިދާޅުވި އެވެ.

މުރަކަ ދިރުވައި އާލަ ކުރުމުގެ މަސައްކަތް ރާއްޖޭގައި ކުރަނީ

މުރަކަ ދިރުވައި އާލަ ކުރުމުގެ މަސައްކަތް ރާއްޖޭގައި ކުރަނީ

އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އޭނާގެ އަތުގައި ނެތެވެ. ރަސްފަރި ފަރަށް ލިބުނު ގެއްލުންތައް ރިކަވަރު ކުރުމަށް ބައެއް އެހެން ސަރަހައްދުތަކުން މުރަކަ އާއި ފަރުގެ އެހެން ދިރުތައް ގެނެސް އެ ތަނުގައި އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

"ގެއްލުން ނުވާނެ ގޮތަށް ބައެއް އެހެން ސަރަހައްދުތަކުން ވަރަށް ކުދިކުދި މުރަކަތައް ގެނެސް އެ ތަނުގައި އާލާ ކުރާނީ. ދެން ދޭތެރެދޭތެރެއިން އެ ތަނަށް އަންނަ ބަދަލު އަޅުގަނޑުމެން ދެނެގަންނާނަން،" ނައީމް ވިދާޅުވި އެވެ.

މި ވަގުތަށް އެ ދައްކަނީ ރަސްފަރި ފަރުގެ ވާހަކަ އެކަންޏެވެ. މީގެ ކުރިން ވެސް ފަރުގެ ގެއްލުންތަކަށް މިލިއަނުން ޖޫރިމަނާ ނަަގާފައި އެބަހުއްޓެވެ. އެކަމަކު، ފެންނަނީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ވައްދާ ފައިސާގެ ގޮތުގަ އެވެ. އެ ފައިސާގެ ބޭނުން ހެޔޮގޮތުގައި ނުހިފާތާ ޖޫރިނަމާ ހޯދަން ވެސް އަަވަސް މަސައްކަތަކެއް ނުކުރެވެ އެވެ. ކަމާ ގުޅޭ ވަޒީރުންގެ މޭޒުމަތީގައި ޑޮކިއުމެންޓްތައް ބާއްވައިގެން ތިއްބަވަނީ އެވެ.

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހު ވިލިމާލެ ފަރަށް އެރި މައްސަލާއި އިންޑިއާގެ އެފްކޮންސް ކުންފުނި ޖޫރިމަނާ ކުރެވޭވަރުވީ އެ އަހަރުގެ ޑިސެމްބަރުމަހު އެވެ. އީޕީއޭ އިން އެފްކޮންސް ކުންފުނި 69.4 މިލިއަން ރުފިޔާ އިން ޖޫރިނަމާ ކުރި ނަމަވެސް އެ އޮންނަ އުސޫލުގެ ތެރެއިން އެ ކުންފުނިން ކުރި ކަމަަކީ ތިމާވެއްޓާ ބެހޭ މިނިސްޓަރަށް އެ ޖޫރިނަމާގެ މައްސަލަ ޑިސެމްބަރު މަހު އިސްތިއުނާފުކުރީ އެވެ. އޭގެ ފަހުން ފަސް ވެގެން ދިޔައިރު ވެސް މިނިސްޓަރު އާމިނަތު ޝައުނާ އަށް ކުރެއްވުނު ކަމެއް ނެތެވެ.

ރައްޔިތުންގެ މަޖިލިހުގެ މިދިޔަ މަހު އިދިކޮޅު މެމްބަރަކު ސުވާލު ކުރެއްވުމުން ޝައުނާ ވިދާޅުވީ، އެފްކޮންސް އަށް އެ މައްސަލާގައި ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މި ޖޫރިމަނާ މާފު ކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ވެސް ސަރުކާރުގެ ވެސް ނެތް ވާހަކަ ދަންނަވާލަން،" ޝައުނާ އެ ދުވަހު ވިދާޅުވި އެވެ.

އެކަމަކު، އެކި ކަހަލަ ރިވިއުތައް ހެދުމުގައި މުޅި ޕްރޮސެސް ދިގު ދަންމާތަން ނޫން އެހެން ތަނެއް މިދިޔަ ފަސް މަހަކު ނުފެނެ އެވެ. ސަރުކާރަށް ފައިސާއެއް ވައްދަން އުޅުނު ތަނެއް ނުފެނުނެވެ.

އަނެއްކާވެސް އިންޑިއާގެ ކުންފުންޏެއްގެ ވާހަކަ އެވެ. އެމްއެމް އެކްސްޕޯޓްގެ ބާޖެއް 2015 އިގައި ފުށިދިއްގަރު ފަރަށް އެރި އެވެ. އެ މައްސަލާގައި މި ސަރުކާރުން އެ ކުންފުނި 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުން ވެސް އެ ފައިސާ ދައްކަން ހެދި ދެކޮޅެވެ. އެ މައްސަލަ މިނިސްޓަރަށް އިސްތިއުނާފު ކުރުމުން ފައިސާ ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރު އެންގެވުމުން ވެސް ދެއްކީ ގަދަކަމެވެ.

އެ ފައިސާ ނުދެއްކުމުން އެމްއެމް އެކްސްޕޯޓަށް ދައުވާ ކޮށްދޭން އެދި އީޕީއޭ އިން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވުމުން ވެސް ނަތީޖާއެއް ނެރެވޭނެ ގޮތެއް ނުވި އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މޭޒުމަތީގައި އެ ބާއްވައިގެން ހުންނަވަނީ އެވެ.

ފަރަށް އެރުމުން ދައްކަން ޖެހޭ ޖޫރިމަނާތައް ނުދައްކާ މައްސަލަ އަކީ ރާއްޖެ އަށް ބޮޑު ގޮންޖެހުމެކެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން 2015 އިގައި އާންމުކުރި ރިޕޯޓަކުން ދައްކާ ގޮތުގައި ތިމާވެށީގެ ޖޫރިމަނާގެ ގޮތުގައި އެ އަހަރު އެކަނި ވެސް 2.9 މިލިއަން ޑޮލަރު ސަރުކާރަށް ލިބިފައެއް ނުވެ އެވެ.

އެންވަޔަރުމެންޓް މިނިސްޓަރު ވިދާޅުވާ ގޮތުން ނަމަ މި ސަރުކާރުގެ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ތިމާވެއްޓާ ބެހޭ 40 މައްސަލައެއްގައި 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވެ އެވެ. އޭގެ ތިންބައިކުޅަ އެއްބައި ފައިސާ ދައުލަތަށް ލިބިފައިވާ ކަމަށް އޭނާ ވަރަށް ފަހުން ވިދާޅުވި އެވެ.

އެކަމަކު، ދައުލަތަށް އެ ފައިސާ ހޯދުމުގެ ކަންކަން އެހާ ދިގު ދަންމަ އެވެ. ލިބޭ ފައިސާއިން ފަރުތަކުގެ ގެއްލުން ފޫބައްދަން އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ. ޖޫރިމަނާ ނުދައްކާ ފަރާތްތައް ހާމަކުރަން ބިރު ގަނެ އެވެ. އެ ވާހަކަތައް އެހާ ފާޅުގައި ދައްކަން ޖެހިލުންވެ އެވެ. ތިމާވެށީގެ ޖޫރިމަނާއަކާ ޖެހުނީމާ ސަރުކާރު އޮންނަނީ އަބަދުވެސް ގަލުއަޅައިފަ އެވެ.