Roadha Mihaaru
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި

05 ނޮވެމްބަރ 2023

މާލެ އަތޮޅު ރަސްފަރި ފަރަށް ލިބުނު ގެއްލުން އިއާދަކުރަން ހިންގާ މުރަކަ އިންދުމުގެ ޕްރޮޖެކްޓް ރަސްމީކޮށް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އަތޮޅު ރަސްފަރި ފަރަށް ލިބުނު ގެއްލުން އިއާދަކުރަން ހިންގާ މުރަކަ އިންދުމުގެ ޕްރޮޖެކްޓް ރަސްމީކޮށް ފަށައިފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ "ރީސްޓޯ ރަސްފަރި" ނަމުގައި އެ ޕްރޮޖެކްޓް ރަސްމީކޮށް ފެށީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. ނަމަވެސް، އޭގެ ކުރިން އެ ފަރުގައި މުރަކަ އިންދައި އާލާ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތަށް އީޕީއޭގެ ރިސާޗު ވެސަލް "ތިމާވެށީ" އެ ސަރަހައްދުގައި.-- ފޮޓޯ: އީޕީއޭ

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތަށް އީޕީއޭގެ ރިސާޗު ވެސަލް "ތިމާވެށީ" އެ ސަރަހައްދުގައި.-- ފޮޓޯ: އީޕީއޭ

އެ މަސައްކަތް ފެށުމުގެ ގޮތުން ރަސްފަރި ފަރު ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އީޕީއޭގެ ރިސާޗު ވެސަލް "ތިމާވެށީ"ގައި ބޭއްވި އެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި ކޯސްޓް ގާޑާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ. އަދި މި މަސައްކަތުގައި ބައިވެރިވާ ދިރާގާއި އެމްއޭސީއެލް އާއި ލޭންޑްސްކޭޕިން ސޮލިއުޝަންސްގެ މުވައްޒަފުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެ އެވެ.

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އީޕީއޭ

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އީޕީއޭ

ސަރުކާރުން 1995 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް ގެއްލުން ލިބުނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާ އަށް ދަތުރުކުރި، ޕެނަމާގައި ރަޖިސްޓަރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓެއް އެ ފަރަށް އެރުމުންނެވެ. އެ ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި ކަމަށް އީޕީއޭއިން ހެދި އެސަސްމަންޓްގައި ބުނެފައިވެ އެވެ.

އެ ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކާ ހިންގާ މި ޕްރޮޖެކްޓަށް ބޭނުންވާ ފަންޑު ވެސް ދިނީ ބޯޓުގެ ވެރިފަރާތުންނެވެ. މިއީ ރާއްޖޭގެ ފަރަކަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކާ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކު ފަންޑުކުރާ ފުރަތަމަ ފަހަރެވެ.

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުން.-- ފޮޓޯ: އީޕީއޭ

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުން.-- ފޮޓޯ: އީޕީއޭ

ދިގުމިނުގައި 623 ފޫޓު ހުންނަ އެ ބޯޓު ރަސްފަރި ފަރަށް އެރީ އިންޖީނު ހުއްޓިގެން އޮޔާ ގޮހެވެ. ރާއްޖެއިން ބޭރުން ޓަގު ބޯޓެއް ގެނެސްގެން، އެ އާގު ބޯޓު ފުންކުރެވުނީ ފަރަށް އެރިތާ 10 ދުވަސްވީ ފަހުންނެވެ.

ބޯޓުގެ ޖޫރިމަނާ އާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ދައްކަން، އެ ބޯޓުގެ ވެރިފަރާތަށް އީޕީއޭގެ ސާވޭ އަށް ފަހުގައި އެންގި އެވެ. އެކަމަކު، ފަހުން ވަނީ އެ އަދަދު ކުޑަކޮށްދީފަ އެވެ. އީޕީއޭ އިން ފަހުން އެންގީ، ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ފައިސާ ދައުލަތަށް ލިބުނެވެ.

އެއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުތަލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ހަރަދުކުރުމަށް ޝަރުތުކޮށް އެ ފައިސާ ދައުލަތަށް ހޯދުނު ވެސް ފުރަތަމަ ފަހަރެވެ.