Roadha Mihaaru
ރަސްފަރިއަށް ލިބުނު ގެއްލުން ބެލުމުގެ ސާވޭ ނިމިއްޖެ

ރަސްފަރި ފަރަށް ލިބުނު ގެއްލުން ބެލުމުގެ ސާވޭ ނިމިއްޖެ، ދެން އޮތީ ޖޫރިމަނާކުރުން

23 ސެޕްޓެމްބަރ 2021

އާގު ބޯޓެއް އެރުމުގެ ސަބަބުން ކ. ރަސްފަރީ ފަރަށް ލިބުނު ގެއްލުންތައް ބަލަން ހެދި ސާވޭ ނިމިފައިވާ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އާގު ބޯޓެއް އެރުމުގެ ސަބަބުން ކ. ރަސްފަރީ ފަރަށް ލިބުނު ގެއްލުންތައް ބަލަން ހެދި ސާވޭ ނިމިފައިވާ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާ އަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ހިމާޔަތްކޮށްފައިވާ ރަސްފަރީ ފަރަށް އެރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އީޕީއޭގެ ޑިރެކްޓަރު މުހައްމަދު ނައީމް "މިހާރު" އަށް ވިދާޅުވީ، ސާވޭ ކުުރުމުގެ މަސައްކަތް ނިންމާލައި، މިހާރު ކުރިއަށް ގެންދަނީ އެއްކުރި މައުލޫމާތުގެ މައްޗަށް މައްސަލައާ ގުޅޭ ރިޕޯޓު އެކުލަވައިލުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޖޫރިމަނާ ކުރާނެ ވަރެއް އެ ރިޕޯޓުގައި ބަޔާން ކުރާނެ ކަމަށެވެ.

"ދެން އިންނާނެ މަރުހަލާއަކީ އީޕީއޭގެ ދިރާސާގެ ރިޕޯޓުތައް ނިންމުމަށް ފަހު ޖޫރިމަނާ ކުރުމުގެ ކަންކަން،" ނައީމް ވިދާޅުވި އެވެ.

ކޯސްޓްގާޑާ ގުޅިގެން ހިންގި އެ ސާވޭގެ މަސައްކަތް ނިންމާލާފައި މި ވަނީ އެ މަސައްކަތް ފެށިތާ މަހެއްހާ ދުވަސް ފަހުންނެވެ.

އީޕީއޭގެ ޑިރެކްތަ ޖެނެރަލް ރިފްއަތު ނައީމް ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަސައްކަތް ކުރަން ދަތިވީ، ބޯޓު ފަރަށް އެރި ސަރަހައްދުގެ ރާޅު ބޮޑުކަމުން ޑައިވް ކުރަން އުނދަގޫވެގެންނެވެ.

ރަސްފަރީއަށް ބޯޓެއް އުރުނު ސަރަހައްދު ދައްކައިދޭ އިންފޯގްރެފިކްސްއެއް --

ރަސްފަރީއަށް ބޯޓެއް އުރުނު ސަރަހައްދު ދައްކައިދޭ އިންފޯގްރެފިކްސްއެއް --

ބޭރުން ޓަގްބޯޓެއް ގެނެސް ބޯޓު ފަރަށް އެރިތާ 10 ދުވަސް ފަހުން ފުންކުރި އިރު ވެސް ފަރުގެ ބައިތައް ފުނޑުފުނޑުވެ މުރަކަތަކައް ވެސް ހުރީ ގެއްލުން ވެފައި ކަމަށް ކުރިން އީޕީއޭއިން ވަނީ ބުނެފަ އެވެ.

ލިބުނު ގެއްލުމާ ގުޅިގެން އީޕީއޭ އަށް އެޅެން އޮތީ ދެ ފިޔަވަޅެކެވެ. އެއީ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރުމާއި ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމެވެ. ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ވިޔަސް ބަދަލު ހޯދަން ދައުވާކޮށްފި ނަމަ އެ އަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ހޯދިދާނެ އެވެ.

އެ ބޯޓު އަދިވެސް އޮތީ ރާއްޖޭގައި އޮތް އިރު، ޓްރާންސްޕޯޓު އޮތޯރިޓީން މިހާރު ވަނީ ބޯޓު ރާއްޖެ ދޫކޮށް ދާން ބޭނުން ނަމަ އަމަލު ކުރަން ޖެހޭ ގޮތް ބޯޓުގެ ވެރިފަރާތަށް އަންގައިފަ އެވެ. އެނގިފައިވާ ގޮތުގައި ބޯޓަށް ރާއްޖެ ދޫކޮށް ދެވޭނީ ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާ އެންމެ ބޮޑު އަދަދު ޑިޕޮސިޓުގެ ގޮތުގައި ބަހައްޓައިފަ އެވެ.

ބޯޓުގެ އިންޖީނު ހުއްޓުނީ މިދިޔަ އޮގަސްޓް 18 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރެވެ. ބޯޓު އޮޔާ ގެންގޮސް ފަރަށް އެރީ އޭގެ 17 ގަޑިއިރު ފަހުންނެވެ. އެ ހުރިހާ ވަގުތެއް ފާއިތުވި އިރު ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓެއް ނުކުރެ އެވެ.