Roadha Mihaaru
ހިލަ ބާޖަކާއި ޓަގުބޯޓެއް ހުޅުމާލެ ފަރަށް އަރައިފި

ހިލަ ބާޖަކާއި ޓަގުބޯޓެއް ހުޅުމާލެ ފަރަށް އަރައިފި

22 ފެބުރުއަރީ 2024

ހުޅުމާލެ ފަރަށް ހިލަ ބާޖަކާއި ޓަގު ބޯޓެއް އިއްޔެ އަރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ފަރަށް ހިލަ ބާޖަކާއި ޓަގު ބޯޓެއް އިއްޔެ އަރައިފި އެވެ.

އެ ޓަގު ބޯޓާއި ހިލަ ބާޖު އަރާފައި އޮތީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އުތުރު ފަރާތު ފަރު މައްޗަށެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ހުޅުމާލެ ފަރަށް ހިލަ ބާޖަކާއި ޓަގު ބޯޓެއް އެރި މައްސަލަ އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ކޮން ބައެއްގެ ބޯޓެއްތޯ އެހުމުން ނައީމް ވިދާޅުވީ އީމެއިލް ކުރުމުން ޖަވާބު ދެއްވާނެ ކަމަށެވެ.

ދިރާސާއެއް ކުރުމަށް ބޭނުންކުރި އުޅަނދަކުން 2022 ވަނަ އަހަރު ވެސް ހުޅުމާލެ އިރުމަތިފަރާތު ފަރުބޭރުގައި ސާވޭތަކެއް ކުރަމުން ދަނިކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެއީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން ރާއްޖޭގައި އެޅި ސަބްމެރިން ކޭބަލެއްގެ ސާވޭގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ މައްސަލާގައި އެ ކުންފުނި 200،000 އެއްހާ ރުފިޔާ އިން ޖޫރިމަނާ ކުރި ނަމަވެސް، މިހާތަނަށް ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭރުގެ ބޯޓުފަހަރު ފަރަށް އަރައި ގެއްލުންވެ އެތައް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. އޭގެ ތެރެއިން ޖޫރިމަނާ ފައިސާ ދައްކަނީ މަދު ބައެކެވެ.