ރާއްޖޭގެ ފަރުތަކަށް އަރާ ބޭރުގެ ބޯޓުތައް ޖޫރިމަނާކުރުމުން އެ ފައިސާ ނުދައްކާ ރާއްޖޭން ބޭރަށް ފުރައިގެންދާ މައްސަލަ ހައްލުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
16 އެޕްރީލް 2025
ރާއްޖޭގެ ފަރުތަކަށް އަރާ ބޭރުގެ ބޯޓުތައް ޖޫރިމަނާކުރުމުން އެ ފައިސާ ނުދައްކާ ރާއްޖޭން ބޭރަށް ފުރައިގެންދާ މައްސަލަ ހައްލުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފަރުތަކަށް އަރާ ބޯޓުފަހަރުގެ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބޭ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި އެޓާނީ ޖެނަރަލް އޮފީހުގެ އިސްބޭފުޅުން ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ރާއްޖޭގެ ފަރުތަކަށް އަރާ ބޯޓުފަހަރު ޖޫރިމަނާކުރުމުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޖޫރިމަނާ ފައިސާ ހޯދޭނެ އެންމެ ފަހިގޮތަކީ ރާއްޖެއަށް އެތެރެވާ ބޯޓުފަހަރަކީ އިންޝިއުރަންސް ނަގާފައިވާ ބޯޓުތަކެއްކަން ކަށަވަރުކުރުން ކަމަށެވެ. މިހާރު ވެސް ގިނަ ބޯޓުފަހަރަކީ އިންޝުއަރެންސް އޮންނަ ބޯޓުފަހަރަށް ވިޔަސް، އިންޝުއަރެންސް ނޯންނަ އުޅަނދު ވެސް ރާއްޖެއަށް އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މައްސަލަ ހައްލުކުރުމަށް އީޕީއޭ އާއި އޭޖީ އަދި މަޖިލީހުގެ ކޮމިޓީއަށް ވެސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ކޮމިޓީގައި މިނިސްޓްރީގެ އެސިސްޓެންޓް ޑައިރެކްޓަރު ހަސަން ނަޒީރު ވިދާޅުވީ ރާއްޖެ ހިމެނޭ އިންޑިއާގެ ކަނޑުގެ ހުޅަނގު ސަރަހައްދު ހިމާޔަތްކުރުމަށް ހެދިފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ ނައިރޯބީ ކޮންވެންޝަންގައި ބައިވެރިވުމުގެ މަސައްކަތް ރާއްޖޭން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުއާހަދާގައި ބައިވެރިވުމުގެ އިތުރަށް، ފަރަށް އަރާ އުޅަނދުފަހަރާއި ފެތޭ އުޅަނދުފަހަރު ބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެ ގަވާއިދާ އޭޖީ އޮފީހުގެ ލަފާ ވެސް މިހާރު ލިބިފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
"މި ކޮންވެންޝަންގައި ބައިވެރިވުމާ އެކު، އެ ގަވާއިދު ގެޒެޓްކުރުމުގެ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން... އަޅުގަނޑު ގަބޫލުކުރަނީ މި އަހަރުގެ ތެރޭގައި މި ގަވާއިދު ގެޒެޓްކޮށް ނިންމޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިމާވެށީގެ ޖޫރިމަނާގެ ގޮތުގައި ނަގާ އަދަދުތައް މާ ބޮޑުވުމުން އެވަރުގެ އަދަދެއް ދެއްކުމަށް ބައެއް ފަހަރު ބޯޓުފަހަރުގެ ވެރިފަރާތުން އުޒުރުވެރިވާ ކަމަށެވެ. އަދި އެއީ ލިބުނު ގެއްލުމާ އެއްވަރުގެ ބަދަލެއް ކަމަށް ގިނަ ފަހަރަށް ބޯޓުފަހަރުގެ ވެރިފަރާތަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންކަމުން، ތިމާވެށީގެ ޖޫރިމަނާގެ ގޮތުގައި ގާނޫނުގައި މިހާރު ކަނޑައަޅާފައި ހުރި އަދަދުތައް މުރާޖައާ ކުރުމަކީ ވެސް މި ފައިސާ ފަސޭހައިން ހޯދުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭކަން އީޕީއޭ އިން މިދިޔަ ޑިސެމްބަރު މަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
"ޖޫރިމަނާއެއް ނުލިބޭ، އީޕީއޭ އިންތިހާއަށް ފަރުވާކުޑަ"
ހިލަ ބާޖަކާއި ޓަގުބޯޓެއް ހުޅުމާލެ ފަރަށް އަރައިފި
ފަރަށް ނާރައޭ ބުނެ އެމްއެމް އެކްސްޕޯޓުގެ ބާޖު ފިލައިފި