Roadha Mihaaru

ކަތުރުފަނީގެ މައްސަލަ އިތުރަށް ގޯސްވީ މަރާމާތު ކުރުން މަދުވުމުން: މިނިސްޓްރީ

ދަރުބާރުގޭގައި ހިންގާ ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފީހުގައި ކަތުރުފަނީގެ މައްސަލަ އިތުރަށް ގޯސްވީ ކުރީގެ ސަރުކާރުތަކުން ވެސް ކުރަން ޖެހޭ މަރާމާތުތައް ނުކުރުމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކަތުރުފަނީގެ މައްސަލަ ގޯސްވީ މަރާމާތު ކުރުން މަދުވުމުން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 މެއި 2025

ދަރުބާރުގޭގައި ހިންގާ ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފީހުގައި ކަތުރުފަނީގެ މައްސަލަ އިތުރަށް ގޯސްވީ ކުރީގެ ސަރުކާރުތަކުން ވެސް ކުރަން ޖެހޭ މަރާމާތުތައް ނުކުރުމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފީސް ކުރިން ހިންގި ގްރީން ބިލްޑިންގްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރޯވެ، އަނދައިގެން ދިއުމުން މިހާރު ވަގުތީ ގޮތުން އެ އިދާރާ ހިންގަނީ ދަރުބާރުގޭގަ އެވެ. ދަރުބާރުގޭގައި ހިންގަނީ މިނިސްޓްރީގެ ތިމާވެއްޓާ ބެހޭ ބަޔާއި އެތަނުގެ ދަށުން ހިންގާ އީޕީއޭގެ މަސައްކަތްތަކެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ކަތުރުފަނި އަޅައި މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އުނދަގޫވެ އިއްުޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ތިމާވެއްޓާ ބެހޭ މިނިސްޓްރީ ދަރުބާރުގެ އަށް ބަދަލުކުރިއިރު ވެސް ކަތުރުފަނީގެ މައްސަލަ ފާހަގަވި ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން އަންނަ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މި އަހަރު ވެސް ޕެސްޓް ކޮންޓްރޯލް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޒިންމާއަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ އިދާރާތަކުގެ ޖާގަ ބެލެހެއްޓުމެވެ.

"އެހެންކަމުން ކަތުރުފަނީގެ މައްސަލަ ދިމާވާ ކަމުގައިވާ ނަމަ އެ މައްސަލަ ހައްލު ކުރަން ޖެހޭނީ އެ މިނިސްޓްރީއަކުން. އަދި ކަތުރުފަނީގެ މައްސަލައާ ގުޅިގެން މުވައްޒަފެއް އެލާޖިކް ވެގެން މި މިނިސްޓްރީ އަށް ރަސްމީކޮށް އަންގާފައެއް ނުވޭ،" ސުވާލުތަކުގެ ޖަވާބުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ރަސްމީ ބޮޑެތި ހަފުލާތަކާއި ޕާޓީތަކަށް ބޭނުން ކުރަމުން އައި ދަރުބާރުގޭގައި މީގެ ކުރިން ކަތުރުފަނީގެ މައްސަލަ މިހާރު ދިމާވެގެން އުޅޭ ވަރަށް ދިމާ ނުވާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ކަތުރުފަނީގެ މައްސަލައާ ގުޅިގެން މުވައްޒަފަކު އެލާޖިކް ވެގެން މިނިސްޓްރީ އަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ،

ކަތުރުފަނީގެ މައްސަލަ މި ފަހަރު ބޮޑުވި ސަބަބެއް ކަމަށް އެ އޮފިޝަލް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވެސް ދަރުބާރުގެ އަށް ބޭނުންވާ މަރާމާތުތަކާއި މެއިންޓެނަންސްގެ ކަންކަން ކުރިއަށް ގެންދިޔަ ވަރު މަދުވުމުން ކަމަށެވެ.

"މިދިޔަ އަހަރު ތެރޭގައި މި މިނިސްޓްރީގެ ފަރާތުން ވެސް ދަރުބާރުގޭގެ ގިނަ މަރާމާތުގެ މަސައްކަތްތަކެއް ކުރެވުނު. ނަމަވެސް ކުރީގެ ސަރުކާރުތަކުން ވެސް ދަރުބާރުގެ އަށް ބޭނުންވާ މަރާމާތުތަކާއި މެއިންޓެނަންސް މަސައްކަތްތައް އެ ދައުރުތަކުގައި ކުރިއަށް ގެންގޮސްފައިވާ މިންވަރު ވަރަށް މަދު. މިއީ ވެސް މިފަދަ މައްސަލަތައް އިތުރަށް ގޯސްވާން ދިމާވި ސަބަބެއް،" އޮފިޝަލް ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު ރައީސް މުއިއްޒަށް ފޮނުވި ޕެޓިޝަނުގައި ބުނީ، ދަރުބާރުގޭގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ، މަސައްކަތްކުރާ ވަގުތު މުވައްޒަފުންގެ ބޮލަށާއި ގަޔަށް އަދި ގެންގުޅޭ ސާމާނަށް ވެސް ކަތުރުފަނި އަރާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. މުވައްޒަފުންގެ ގައިގައި ކަތުރުފަނި ހެފުމުގެ ސަބަބުން އެކި ކަހަލަ އެލާޖީ މައްސަލަތައް ދިމާވަމުންދާ ކަމަށް ޕެޓިޝަނުގައި ވެ އެވެ.

ދަރުބާރުގޭގައި މަސައްކަތްކުރަން ދީފައިވާ ގޮނޑި އާއި މޭޒަކީ އެންމެ އެކަށޭނެ ފެންވަރެއްގައި ހުރި އެއްޗެހި ކަމަށް ނުވާތީ، މުވައްޒަފުންގެ އަތާއި ކޮނޑު އަދި އުނަގަނޑަށް އެކި ކަހަލަ ގެއްލުން ލިބި ފިޒިއޯތެރަޕީ ނަގާ ކަމަށް ވެސް އެ ޕެޓިޝަންގައި ބުންޏެވެ.