Roadha Mihaaru
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!

ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: 69 މިލިއަންގެ ޖޫރިމަނާ ހުއްޓިފައި!

16 އެޕްރީލް 2023

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮގަސްޓް 16 އިގައި ވިލިމާލެ ފަރަށް އެރި މައްސަލާގައި އިންޑިއާގެ އެފްކޮންސް ޖޫރިމަނާ ކުރަން ނިންމި ނިންމުން އިސްތިއުނާފުގެ މަރުހަލާގައި ތާށިވެފައި އޮންނަތާ ހަތަރު މަސްވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮގަސްޓް 16 އިގައި ވިލިމާލެ ފަރަށް އެރި މައްސަލާގައި އިންޑިއާގެ އެފްކޮންސް ޖޫރިމަނާ ކުރަން ނިންމި ނިންމުން އިސްތިއުނާފުގެ މަރުހަލާގައި ތާށިވެފައި އޮންނަތާ ހަތަރު މަސްވެއްޖެ އެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރިތާ 12 ދުވަސް ފަހުން ޕްލެޓުފޯމްތައް ނެގި އިރު ވިލިމާލެ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވާ ގޮތުގައި ވިލިމާލެ ފަރުގައި ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ފުން ބޮޑެތި ވަޅުގަނޑުތަކެއް ހުރީ ހެދިފަ އެވެ.

އޭގެ ފަހުން ތިން މަސް އީޕީއޭ އިން ހޭދަކުރީ އެ ގެއްލުންތަކާ ބެހޭ ސާވޭއެއް ހެދުމަށެވެ. އެ ސާވޭ ނިމުމުން އެފްކޮންސް އިން ވަނީ އެކަން ގަބޫލު ނުކޮށް އަމިއްލަ އަށް ސާވޭއެއް ހަދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އީޕީއޭ އިން އެ ފުރުސަތު ވެސް އެ ކުންފުންޏަށް ދިނެވެ.

އޭގެ ފަހުން އީޕީއޭ އިން ވަނީ 69.4 މިލިއަން ރުފިޔާ އިން އެފްކޮންސް ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. އެކަމަކު ޖޫރިމަނާގެ އަދަބު ތަންފީޒު ކުރެވޭނެ ގޮތެއް ނުވި އެވެ. އޮންނަ އުސޫލުގެ ތެރެއިން އެ ކުންފުނިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ މައްސަލަ އިސްތިއުނާފް ކުރި އެވެ.

"ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު" ގައިވާ ގޮތުން އެފަދަ މައްސަލަތައް އިސްތިއުނާފް ކުރަން ޖެހެނީ ސީދާ އެންވަޔަރުމެންޓް މިނިސްޓަރަށެވެ.

އިސްތިއުނާފް ކުރެވޭނެ ހަތަރު ހާލަތެއް އެ ގަވައިދުގައި ކަނޑައަޅާފައިވީ ނަމަވެސް އެ މައްސަލަ ނިންމަން ޖެހޭ ވަކި މުއްދަތެއް ބުނެފައެއް ނެތެވެ.

ވިލިމާލެ ފަރަށް ގެއްލުން ލިބުނުތާ މިހާރު ޖުމްލަ 8 މަސް ވެފައިވާ އިރު އަދިވެސް އެފްކޮންސް އަށް ފިޔަވަޅެއް ނާޅަ އެވެ. އިސްތިއުނާފަށް ހުށަހެޅި މައްސަލަ އާ ބެހޭ ގޮތުން އެންވަޔަރުމެންޓް މިނިސްޓްރީގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވެ އެވެ.

އިސްތިއުނާފުގެ މައްސަލަ އޮތީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާގެ މޭޒުމަތީގަ އެވެ. ގޮތެއް ނިންމެވި ކަމެއް އަދި ނޭނގެ އެވެ.

ވިލިމާލެ ފަރަށް ގެއްލުން ލިބުނު މައްސަލާގައި ސަރުކާރުން ގާތް ގުޅުމެއް ބާއްވާ އިންޑިއާގެ ކުންފުންޏެއް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެތޯ ސުވާލު އުފައްދައި ގިނަ ބަޔަކު ފާޑު ކިޔެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ވަކި ގައުމަކަށް ނުބަލާ އެ މައްސަލާގައި ޖޫރިމަނާ ކުރާނެ ކަމަށެވެ.

އިންޑިއާގެ އެހެން ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓްގެ ބާޖެއް 2015 އިގައި ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި މި ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން އެ ކުންފުނި ޖޫރިމަނާ ކޮށްފަ އެވެ.

އެކަމަކު، އެ މައްސަލާގެ އިސްތިއުނާފް މަރުހަލާ ނިމުމަށް ފަހު ވެސް އެ ކުންފުނިން ވަނީ ޖޫރިމަނާގެ ފައިސާ ދައްކަން ދެކޮޅު ހަދައިފަ އެވެ. އެމްއެމް އެކްސްޕޯޓަށް ދައުވާ ކޮށްދޭން އެދި އީޕީއޭ އިން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވި މައްސަލަ ވެސް އޮތީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މޭޒުމަތީގަ އެވެ. އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.