Roadha Mihaaru

ފަރުމަތިން ކުނިތައް ނަގައިފިން: އެފްކޮންސް

ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމު ފަރަށް އެރި ސަރަަހައްދު ސާފުކޮށްފައިވާ ކަމަށް ބްރިޖް އަޅާ އިންޑިއާގެ ކުންފުނި އެފްކޮންސް އިން މިރޭ ބުނެފި އެވެ.

ފަރުމަތިން ކުނިތައް ނަގައިފިން: އެފްކޮންސް
އާލިމް އަބްދުއްލަތީފް
އާލިމް އަބްދުއްލަތީފް

04 ސެޕްޓެމްބަރ 2022

ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމު ފަރަށް އެރި ސަރަަހައްދު ސާފުކޮށްފައިވާ ކަމަށް ބްރިޖް އަޅާ އިންޑިއާގެ ކުންފުނި އެފްކޮންސް އިން މިރޭ ބުނެފި އެވެ.

އެ ކުންފުނިން ބުނީ މޫސުން ކިތަންމެ ގޯސް ނަމަވެސް މިއަދު ފަރުމަތި ސާފުކޮށް ކުނިތައް ނަގައިފައިވާ ކަމަށެވެ.

އެފްކޮންސް އިން ބުނީ ކުނިތައް ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 28 ގައި ކަމަށެވެ. އޭރު ވެސް ވަރަށް މޫސުން ގޯސްވެ ކަނޑުގަދަ ނަމަވެސް މަސައްކަތް ކުރި ކަމަށް ބުންޏެވެ.

އެފްކޮންސްއިން ބުނީ އެ ސަރަހައްދުގައި ހުރި ކުނިތައް ނެގުމަށް އެންމެ އެކަށީގެންވާ މެޝިނަރީސް ބޭނުންކުރި ކަމަށާއި ދެން އޮތީ އެންވަަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ އެކު ހަދާ ޖޮއިންޓް ސާވޭއެއް ކަމަށެވެ. އެ ސާވޭގައި، ފަރަށް ލިބިފައިވާ ގެއްލުން ބަލާނެ އެވެ.

މިދިޔަ މަހުގެ 16 ގައި ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ. މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މިދިޔަ މަހު ވަނީ އަޅައިފަ އެވެ. އެ ބްރިޖުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.