Roadha Mihaaru
ޖޫރިމަނާ ދައްކަން އެފްކޮންސް އަށް ދިނީ އެއް މަސް

އެފްކޮންސް އިން އެއް މަސްތެރޭގައި 69 މިލިއަން ރުފިޔާ ދައްކަން ޖެހޭ

17 ނޮވެމްބަރ 2022

ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އިންޑިއާގެ އެފްކޮންސް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކައި ހަލާސްކުރަން އެއް މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އިންޑިއާގެ އެފްކޮންސް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކައި ހަލާސްކުރަން އެއް މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް މޮނިޓާކޮށް، ފިޔަވަޅު އެޅުމުގެ މަސައްކަތްކުރާ އިދާރާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ރޭ ކުރި އިއުލާނެއްގައި ބުނީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ފަރުގެ 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ މައްސަލާގައި އެފްކޮންސް ޖޫރިމަނާކޮށްފައި ވަނީ އީޕީއޭ އާއި އެ ކުންފުނިން އަމިއްލަ އަށް ހެދި ސާވޭ އަށް ވެސް ބެލުމަށް ފަހުގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ. އަދި އާންމު އުސޫލުން ޖޫރިމަނާގެ ފައިސާ ދައްކަން އެފްކޮންސް އަށް ވެސް ދިނީ އެއް މަސް ދުވަހުގެ މުއްދަތެއް ކަމަށް ބުންޏެވެ.

އީޕީއޭ އިން ބުނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ 69,411,800.00ރ. އިން ކަމަށެވެ.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައިފައި: އެ މައްސަލާގައި ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައިފައި: އެ މައްސަލާގައި ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދިވެހި ރުފިޔާއިން އެފްކޮންސް އިންފްރާސްޓަކްޗާ ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާ ކަމާ އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މި އެޖެންސީ އަށް ދެއްކުމަށް އެފްކޮންސް އިންފްރާސްޓަކްޗާ ލިމިޓެޑަށް ނޮވެމްބަރު 13، 2022 ގައި ވަނީ އެންގިފަ އެވެ،" އެ އިއުލާނުގައިވެ އެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ އޮގަސްޓު މަހުގެ 16 ގަ އެވެ. ނަމަވެސް އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި 10 ވަރަކަށް ފޫޓުގެ ފުން ބޮޑެތި ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ.

ވިލިމާލެ ފަރުގެ ސާވޭއެއް ހެދުމަށް ފަހު އީޕީއޭ އިން އެންމެ ފުރަތަމަ ފޮނުވި ރިޕޯޓް އެފްކޮންސް އިން ގަބޫލެއް ނުކުރި އެވެ. އެހެންވެ، އީޕީއޭ އިން ވަނީ އެފްކޮންސް އިން އަމިއްލަ އަށް ވެސް ސާވޭއެއް ހަދަން ފުރުސަތު ދީފަ އެވެ.

އެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ތިން މަސް ފަހުން ޖޫރިމަނާކުރި އިރު، ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވަނީ އެ މައްސަލާގައި ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.