Roadha Mihaaru
ފަރަށް ލިބުނު ގެއްލުން އެފްކޮންސްއިން ގަބޫލެއް ނުކުރި

ވިލިމާލެ ފަރަށް ލިބުނު ގެއްލުންތައް އެފްކޮންސް އިން ގަބޫލެއް ނުކުރި، އަލުން ސާވޭ ހަދަން އެދިއްޖެ

09 އޮކްޓޯބަރ 2022

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ރިޕޯޓުގައިވާ ބައެއް ކަންކަން އިންޑިއާގެ ބްރިޖު ހަދާ އެފްކޮންސް ކުންފުނިން ގަބޫލެއް ނުކުރި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ރިޕޯޓުގައިވާ ބައެއް ކަންކަން އިންޑިއާގެ ބްރިޖު ހަދާ އެފްކޮންސް ކުންފުނިން ގަބޫލެއް ނުކުރި އެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ އޮގަސްޓު މަހުގެ 16 ގަ އެވެ. ނަމަވެސް އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.

އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި 10 ވަރަކަށް ފޫޓު ފުން ބޮޑެތި ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް މިރޭ ވިދާޅުވީ އެ ތަނުގެ ސާވޭ ކުރުމަށް ފަހު، އެފްކޮންސްގެ ކޮމެންޓަށް ރިޕޯޓު ފޮނުވި ކަމަށެވެ.

އެކަމަކު ލިބިފައިވާ ގެއްލުންތަކުގެ ބައެއް ތަފުސީލުތައް އެފްކޮންސް އިން ގަބޫލުނުކުރާ ކަމަށާއި އަލުން ސާވޭ ހަދަން އެ ކުންފުނިން ބޭނުންވާ ކަމަށް ނައީމް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައިފައި--

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައިފައި--

"ޑެމޭޖް އޭރިއާގެ ހިސާބު ހަދާފައި ހުރި ގޮތާ މެދު ހިތްހަމަ ނުޖެހެނީ. އެހެންވެ އަލުން ސާވޭއެއް ހަދަން މީގެ ދެ ދުވަހެއް ކުރިން ބުނި،" ނައީމް ވިދާޅުވި އެވެ.

ފަރަށް ލިބިފައިވާ ގެއްލުންތައް ބަލަން އީޕީއޭ އިން ސާވޭ ހަދާއިރު، އެފްކޮންސް ތަމްސީލު ކުރުމަށް އިންޝުއަރެންސްގެ ފަރާތުން މީހަކު ބައިވެރިވާނެ ކަން އެ ކުންފުނިން ސިޓީއަކުން އެންގި ނަމަވެސް ފަހުން އެކަމަށް އެއްބަސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓުން ނިންމާފައި އޮންނާނެ މީހުން ބޭނުންވެއްޖިއްޔާ އެ މީހުންނަށް އެށީގެންވާ ފުރުސަތު ދޭން. އަވަސް އަރުވާލައިގެން އަޅުގަނޑުމެން ފިޔަވަޅު އަޅާކަށް ނޫޅޭނަން،" ނައީމް ވިދާޅުވި އެވެ.

އެފްކޯންސް އަތުން ލިބުނު ގެއްލުން ބަލަން އެ ކުންފުނިން އަމިއްލަ އަށް ސާވޭއެއް ހަދަން ބޭނުންވިއިރު، ސަރުކާރުން ކުރިން ބުނެފައި ވަނީ ވަކި ގައުމެއްގެ ވަކި ކުންފުންޏަކަށް ވީތީ އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

ފަރަށް ގެއްލުންވި މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު އަޅައި ބަދަލު ހޯދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.

ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުގެ ބައެއް މީހުން ވަނީ އެ މައްސަލާގައި ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.