Roadha Mihaaru
ފުށިދިއްގަރު ފަރުގެ ޖޫރިމަނާގެ މައްސަލަ ކޯޓަށް

ފުށިދިއްގަރު ފަރުގެ ޖޫރިމަނާ: އެމްއެމް އެކްސްޕޯޓާ ދެކޮޅަށް ދިވެހި ސަރުކާރުން ދައުވާ އުފުލައިފި

14 މެއި 2023

އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ބާޖެއް 2015 ގައި، ކ. ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި ކުރި 110 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން އެންގިތާ އަށް އަހަރު ވީރު ވެސް އެ ފައިސާ ނުދެއްކުމުން ދައުލަތުން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ބާޖެއް 2015 ގައި، ކ. ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި ކުރި 110 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން އެންގިތާ އަށް އަހަރު ވީރު ވެސް އެ ފައިސާ ނުދެއްކުމުން ދައުލަތުން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ޓަގްތަކާއި ބާޖްތައް ފަރަށް އެރުމުގެ ތާރީހެއް އޮތް އެމްއެމް އެކްސްޕޯޓަށް އެ ޖޫރިމަނާ ދައްކަން އެކި ފަހަރުމަތިން ދިން މުހުލަތު ހަމަވުމުން ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އީޕީއޭގެ އިތުރުން އެންވަޔަރްމެންޓް މިނިސްޓްރީން ވެސް ވަނީ އެ ޖޫރިމަނާ ދައްކަން އެ ކުންފުންޏަށް އަންގައިފަ އެވެ.

އެހެންވެ، އެ މައްސަލާގައި އެމްއެމް އެކްސްޕޯޓާ ދެކޮޅަށް ދައުވާ ކޮށްދޭން އީޕީއޭ އިން ބަންޑާރަ ނައިބުގެ އޮފީހުގައި އެދުނީ އެވެެ.

އެ އޮފީހުގެ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާ ކުރަން މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އޮތީ އެ މައްސަލަ ފެށުމުގެ ކުރިން ދައުވާ ރައްދުވާ ފަރާތަށް ދައުވާ އަށް ތައްޔާރުވާން ފުރުސަތު ދިނުމުގެ މަރުހަލާގައި،" ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމް އެކްސްޕޯޓްގެ ޓަގެއް ހއ. ދިއްދޫ ފަރަށް އަރާފައި.

އެމްއެމް އެކްސްޕޯޓްގެ ޓަގެއް ހއ. ދިއްދޫ ފަރަށް އަރާފައި.

އެމްއެމް އެކްސްޕޯޓް ޓަގު ފުށިދިއްގަރު ފަރަށް އެރި ހާދިސާއާ ގުޅިގެން އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި އެވެ.

އެ ކުންފުނީގެ ޓަގު ބޯޓަކާއި ބާޖެއް މި މަހުގެ ކުރީކޮޅު ވެސް ހއ. ދިއްދޫ ފަރަށް ވެސް އެރި އެވެ. ބާޖް ފަސޭހައިން ފުން ކުރެވުނަސް އެ ރަށު ފަރުމަތީގައި އޮތް ޓަގު ބޯޓް ފުން ކުރީ މާލެ އިން އެހެން ޓަގު ބޯޓެއް ގޮސްގެން ކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ. އެ ރަށުގެ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ ޓީމެއް އެ ރަށަށް ދާނެ ކަމަށް އެ އެތޯރިޓީން ބުންޏެވެ.

އެމްއެމް އެކްސްޕޯޓްގެ ބޯޓެއް 2014 ވަނަ އަހަރު ތިލަފުށީ ފަރަށް ވެސް އެރި އެވެ. އެ މައްސަލަ ބެލުމަށްފަހު އެ ބޯޓް 22 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި ނަމަވެސް ފަހުން އެ ކުންފުނީގެ އެދުމުގެ މަތިން ޖޫރިމަނާ 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްދިނެވެ.

އިންޑިއާގެ އެހެން ކުންފުންޏެއް ކަމަށްވާ އެފްކޮންސްގެ ޖޫރިމަނާގެ މައްސަލައެއް ވެސް ފެންމަތިވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން އެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި ނަމަވެސް އެ ފައިސާ ނުދައްކައި އެފްކޮންސް އިން ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާގެ އަރިހަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގައި ގޮތެއް ނުނިމި ދިގުލައިގެން ދާތީ ރައްޔިތުންގެ މަޖިލިހުގައި ދާދި ފަހުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، ޖޫރިނަމާ މާފުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.