Roadha Mihaaru
ފުށިދިއްގަރުފަރުގެ ޖޫރިމަނާ ނުދެއްކި، މައްސަލަ އޭޖީއަށް

ފުށިދިއްގަރު ފަރުގެ ޖޫރިމަނާ ނުދެއްކި، މައްސަލަ އޭޖީ އަށް!

26 ޖުލައި 2022

ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި 100 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދައްކަން އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންމެ ފަހުން ދިން މުއްދަތު ހަމަވިއިރު ވެސް ފައިސާ ނުދެއްކުމުން ޝަރީއަތުން ގޮތެއް ކަނޑައަޅައި ދިނުމަށް އެދި އެ އިދާރާ އިން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި 100 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދައްކަން އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންމެ ފަހުން ދިން މުއްދަތު ހަމަވިއިރު ވެސް ފައިސާ ނުދެއްކުމުން ޝަރީއަތުން ގޮތެއް ކަނޑައަޅައި ދިނުމަށް އެދި އެ އިދާރާ އިން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފި އެވެ.

މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގް ބޯޓާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖު ޑިސެމްބަރު 2015 ގައި ފުށިދިއްގަރު ފަރަށް އެރި މައްސަލައިގައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރީ މާޗު 14، 2018 ގަ އެވެ. އެއީ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާ އެވެ.

އެ ފައިސާ ނުދައްކައި ހަތަރު އަހަރު ތިބުމަށް ފަހު، ލުޔެއް ދިނުމަށް އެދި އެ ކުންފުނިން ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އަށް ހުށަހެޅުމުން އޭނާ ނިންމެވީ ފައިސާ ދައްކަންޖެހޭ ކަމަށެވެ. އެހެންވެ، މިދިޔަ މާޗު މަހުގެ ކުރީކޮޅު އީޕީއޭ އިން އޮތީ 15 ދުވަސް ތެރޭގައި ފައިސާ ދައްކަން މެއިންލޭންޑް ޝިޕިން އަށް އަންގައިފަ އެވެ.

އެކަމަކު، އެ މުއްދަތު ފަހަނައަޅައި ހަތަރު މަސް ފާއިތުވެ ދިޔައިރު ވެސް ފައިސާ ނުދައްކާތީ ޝަރީއަތުން ގޮތެއް ނިންމައިދޭން އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށް އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ރޭ ވިދާޅުވި އެވެ.

"އޭޖީ އޮފީހުން އެ ފައިސާ ހޯދުނު ގޮތަކަށް ހޯދައިދޭން އަޅުގަނޑުމެން އެދުނީ. އެއީ ދައުލަތަށް ލިބެންޖެހޭ ބައިވަރު ފައިސާ. ފަރުތައް ހިމާޔަތް ކުރަން ސަރުކާރުން މިހާ ބޮޑު އިސްކަމެއް ދޭ ދުވަސްވަރެއްގައި އެ ފައިސާ ހޯދަންޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ނައީމް ވިދާޅުވި އެވެ.

އެ ހާދިސާގައި އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރި ކަމަށާއި އެ ގެއްލުންތަކުގެ އަގުވަޒަން ކުރުމުން ޖޫރިމަނާގެ އަސްލު އަދަދު 110 މިލިއަނަށް އަރާ ކަމަށް އީޕީއޭ އިން ބުނެފައި ވެ އެވެ. އެކަމަކު ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ އަދަދު 100 މިލިއަން ރުފިޔާއަށް ދަށްވީ އެވެ.

ފުށިދިއްގަރު ފަރަށް އެރީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އެކި ކަހަލަ މަސައްކަތްކުރާ އެމްއެމް އެކްސްޕޯޓުގެ ޓަގް ބޯޓަކާއި ބާޖެއް ކަމަށް އެނގިފައި ވެ އެވެ. ސަރުކާރުގެ ވަރަށް ގިނަ މަސައްކަތްތައް އެ ކުންފުނިން އަަބަދުވެސް ކުރެ އެވެ.

ރަސްފަރީ ފަރަށް ބޯޓެއް ފަރަށް އަރައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި 154 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ.