Roadha Mihaaru

ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރަނީ

ހުޅުމާލެ 1 އާއި 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އިންދައި އާލާކުރުމުގެ ޕްރޮޖެކްޓެއް މިއަދު ފަށައިފި އެވެ.

ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

22 ޖުލައި 2025

ހުޅުމާލެ 1 އާއި 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އިންދައި އާލާކުރުމުގެ ޕްރޮޖެކްޓެއް މިއަދު ފަށައިފި އެވެ.

އެޗްޑީސީން ބުނީ އެ ކުންފުންޏާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގުޅިގެން "ކޮރަލް ގާޑެން ޕްރޮޖެކްޓް" މިއަދު ފަށާފައިވާ ކަމަށެވެ.

ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލެ ޗެނަލް ޕާކުގައި ބޭއްވި ހަފުލާގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލާއި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އަދި ތިން އިދާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި މަސައްކަތުގައި އަމަލީ ގޮތުން އުޅޭ މުވައްޒަފުން ވެސް ބައިވެރިވި އެވެ.

"މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" މައުރޫފް ވިދާޅުވި އެވެ.

"ކޮރަލް ގާޑެން ޕްރޮޖެކްޓް" ފެށުމުގެ ގޮތުން އެ ސަރަހައްދުގައި މޫދު އަޑީގައި މިއަދު މުރަކަ އިންދާފައިވާ ކަމަށާއި އެ މުރަކަތައް ހެދި ބޮޑުވާ ގޮތް ބެލުމަށް ބޭނުންކުރާ ހާއްސަ ވަސީލަތެއް ކަމަށްވާ "މާސް ފްރޭމްސް" ބޭނުންކޮށްގެން މޮނިޓާކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި އިންދީ ހުޅުމާލޭގެ އިރުމަތީ ފަރުން ނެގި ވަކި ބާވަތެއްގެ މުރަކަ ކަމަށެވެ.

ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ: އެ ސަރަހައްދުގައި އިންދާ މުރަކަ މޫދަށް ތިރިކުރަން ރެޑީކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ: އެ ސަރަހައްދުގައި އިންދާ މުރަކަ މޫދަށް ތިރިކުރަން ރެޑީކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެޗްޑީސީގެ އެންވަޔަރަމެންޓް މެނޭޖުމަންޓް އެންޑް ސާވޭއިން ޑިޕާޓްމަންޓްގެ މެނޭޖަރު ހަސަން އަބްދުލް މުހުސިން ވިދާޅުވީ މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި އެ ކުންފުނީގައި ތިބި މިކަމާ ގުޅޭ މާހިރުންގެ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.

"ދެން ކުރިއަށް ދާނެ މަސައްކަތަކީ މި ސަރަހައްދު މޮނިޓާކޮށް، އިވެލުއޭޓްކޮށް، މި ސަރަހައްދުގައި މިކަން ކޮށްގެން އެދެވޭ ނަތީޖާއެއް ފެނިއްޖެއްޔާ މި ޕްރޮޖެކްޓް އެކްސްޕެންޑްކުރާނީ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ: އެ ސަރަހައްދުގައި އިންދާ މުރަކަ މޫދަށް ތިރިކުރަން ރެޑީކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ: އެ ސަރަހައްދުގައި އިންދާ މުރަކަ މޫދަށް ތިރިކުރަން ރެޑީކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓުގެ މަގުސަދަކީ ހުޅުމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މެދުގައި ދެމެހެއްޓެނިވި ގުޅުމެއް އުފެއްދުމެވެ.

އެޗްޑީސީން ބުނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށެވެ.

ކޮމިއުނިޓީ އެންގޭޖުމަންޓް އިތުރުކުރުމުގެ މަގުސަދުގައި ވެސް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓުގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.