23 ޖޫން 2023
އިބްރާހިމް އިނާން އަކީ ލ. ގާދުއަށް އަރާ ވެލާތަކުގެ ހާލު އެންމެ ގާތުން ބަލައި، އެ ސޮރުމެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. ވެލާކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ)ގެ ފުރަތަމަ ސީ ޓާޓަލް ރޭންޖާ އެންޑް ކޮމިއުނިޓީ އޮފިސަރެވެ.
އިބްރާހިމް އިނާން އަކީ ލ. ގާދުއަށް އަރާ ވެލާތަކުގެ ހާލު އެންމެ ގާތުން ބަލައި، އެ ސޮރުމެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. ވެލާކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ)ގެ ފުރަތަމަ ސީ ޓާޓަލް ރޭންޖާ އެންޑް ކޮމިއުނިޓީ އޮފިސަރެވެ.
އޭނާގެ އެންމެ ބޮޑު ޒިންމާއަކީ، ރާއްޖޭގައި އެންމެ ގިނައިން ވެލާ އަރާ އެއް ރަށުގެ ގޮތުގައި މަޝްހޫރު ފަޅުރަށެއް ކަމަށްވާ ގާދޫއަކީ އެ ސޮރުމެންނަށް ރައްކާތެރި ތަނެއްކަން ކަށަވަރުކޮށްދިނުމެވެ.
މޫދާއި މޫދުގައިވާ ދިރުންތަކުގެ ކައިރީގައި އުޅުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެހެންވެ، މިއީ އޭނާއަށް ވަރަށް ހާއްސަ މަސައްކަތެކެވެ.
ލ. ގާދޫގައި ވެލާކަހަނބު އަރާ ސަރަހައްދު ބެލެހެއްޓުމާ ހަވާލުވެ ހުންނަ ޓާޓަލް ރޭންޖާ އިބްރާހިމް އިނާން އެ ރަށުގައި ސާވޭގެ މަސައްކަތުގައި.-- ފޮޓޯ: އޯއާރުޕީ
ޓާޓަލް ރޭންޖާއެއްގެ ގޮތުގައި އިނާން މަސައްކަތްކުރަމުން އަންނަތާ މިވީ ހަ މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ ވަރަށް ތަފާތު ތަޖުރިބާތައް ކޮށްފަ އެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ؛
• ގާދޫގައި ވެލާ ބިސް އަޅަން އަރާ ސަރަހައްދުތައް ސާވޭކުރުން.
• ފޮނަދު އާއި ގަމުގައި ވެލާކަހަނބާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
ލ. މައިބާދުއަށް އުފަން އިނާން ދިރިއުޅެނީ ލ. ގަމުގަ އެވެ. ގަން/ފޮނަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ގާދުއަށް މި މަސައްކަތުގައި އޭނާ ކޮންމެ ދެ ދުވަހުން އެއް ދުވަހު ދެ އެވެ.
ލ. ގާދޫގައި ވެލާކަހަނބު އަރާ ސަރަހައްދު ބެލެހެއްޓުމާ ހަވާލުވެ ހުންނަ ޓާޓަލް ރޭންޖާ އިބްރާހިމް އިނާން އެ ރަށުގައި ސާވޭގެ މަސައްކަތުގައި.-- ފޮޓޯ: އޯއާރުޕީ
މި އަހަރުގެ މިހާތަނަށް އޭނާ 30 ސާވޭއެއް ކޮށްފައިވެ އެވެ. އޭގެ އިތުރުން، ވެލާ ބިސްއަޅާފައި ހުރި 30 ވަޅެއް އޭނާއަށް ފެނުނެވެ. އަދި ވެލާ ހިފުމުގެ ތިން މައްސަލައެއް ވެސް މިވީ މުއްދަތުގެ ތެރޭގައި އޭނާގެ ސަމާލުކަމަށް އައިސްފައިވެ އެވެ. އެކަމަކު އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މަދު އަދަދެކެވެ.
ގަވައިދުން ގާދޫ މޮނީޓާކުރާތީ އެ ކަހަލަ ކޭސްތައް މަދުވީ އެވެ.
ލ. އަތޮޅުގެ މީހުން މިހާރު އިނާން އަށް ކިޔައި އުޅެނީ ވެސް "ޓާޓަލް ބޯއީ" އެވެ. އެހެންވެ، އެ އަތޮޅުގައި ވެލާ ހިފުމާއި މެރުން ނުވަތަ ވެލާކަހަނބާ ގުޅޭ ކޮންމެ ކަމެއް ހިނގިޔަސް، އޭނާގެ ސަމާލުކަމަށް އާންމުން އެކަން ގެނެ އެވެ.
ލ. ގާދޫ: މިއީ ރާއްޖޭގައި އެންމެ ގިނައިން ވެލާ އަރާ އެއް ރަށް.-- ފޮޓޯ: މެތިއު ގޯމަން
ކުރީގެ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި، 80ގެ އަހަރުތަކުގައި ގާދޫގެ އަތިރިމައްޗަށް އަހަރަކު 240 އެއްހާ ވެލާ އަރަ އެވެ. އެކަމަކު، އެ ރަށުގައި ކުރިން ދިރިއުޅުނު މީހުން ބުނާ ގޮތުގައި އޭރު އަހަރަކު 1،400 އަށް ވުރެ ގިނަ ވެލާ އަރަ އެވެ.
ގާދޫގައި ކުރިން ދިރިއުޅުނު މީހުން 2015 ވަނަ އަހަރު ފޮނަދު އަށް ބަދަލުކުރި ހިސާބުން ފެށިގެން އެ ރަށް ބަލަހައްޓަމުން އައީ ލ. އަތޮޅު ކައުންސިލާއި އަތޮޅުގެ ބައެއް ޖަމިއްޔާތައް ގުޅިގެންނެވެ. ނަމަވެސް 2021 ވަނަ އަހަރު އެ ރަށް ވަނީ ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފެއްދި ސަރުކާރު ކުންފުނި، އެގްރޯ ނެޓަށް ދީފަ އެވެ.
ލ. ގާދުއަށް އަރައި އޮތް ވެލައެއް.-- ފޮޓޯ: ހުސެއިން ނާޒިމް
އެ ރަށުގެ ތިމާވެށީގެ ހާއްސަ ސިފަތަކާއި ތާރީހީ ހާއްސަ ކަމަށް ރިއާޔަތްކޮށް ރަށުގެ ވެލާ ހޭޅި އާއި ވަށައިގެންވާ މޫދުވިނައިގެ ސަރަހައްދާއި އެ ރަށުގެ ކުޅީގެ ސަރަހައްދު ވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ގައި ކަނޑައަޅައިފަ އެވެ.
އޯއާރުޕީން 2018-2019 އަހަރު ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި ގާދުއަށް 130 އަށް ވުރެ ގިނަ ވެލާ އެރި އެވެ.
އެ ޖަމިއްޔާއިން ބުނީ މެއި 2018 އިން ފެށިގެން މާޗު 2019 އާ ދެމެދުގައި ވެލާ ބިސް އަޅާފައި ހުރި 76 ވަޅު އެ ރަށުން ފެނުނު ކަމަށެވެ. އަދި އެޕްރީލް 2019 އާއި ފެބްރުއަރީ 2020 އާ ދެމެދުގައި ވެލާ ބިސް އަޅާފައި ހުރި 56 ވަޅު ފެނުނު ކަމަށެވެ. އޭގެ ތެރެއިން، 2018 ވަނަ އަހަރު 61 ޕަސެންޓް އަދި 2019 ވަނަ އަހަރު 51 ޕަސެންޓް ވަޅު ކޮނެގެން ބިސް ނަގައި، ގެއްލުން ދީފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ލ. ގާދޫގައި ވެލާކަހަނބު އަރާ ސަރަހައްދު ބެލެހެއްޓުމާ ހަވާލުވެ ހުންނަ ޓާޓަލް ރޭންޖާ އިބްރާހިމް އިނާން އާއި އިތުރު ބަޔަކު އެ ރަށުގައި ސާވޭގެ މަސައްކަތުގައި.-- ފޮޓޯ: އޯއާރުޕީ
އެހެންވެ، ވެލާ ބިސްވަޅުތަކަށް ގެއްލުން ދޭ މިންވަރު މަދުކުރުމަށްޓަކައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ގުޅިގެން އޯއާރުޕީން 2019 ވަނަ އަހަރު ގާދޫ ބެލެހެއްޓުމުގެ ހާއްސަ ޕްރޮގްރާމެއް ފެށީ އެވެ. އަދި އީޕީއޭ އާއި އޯއާރުޕީ އާއި ލ. އަތޮޅު ކައުންސިލާއި ފޮނަދޫ ކައުންސިލް އަދި އެގްރޯ ނެޓް ގުޅިގެން މިދިޔަ އަހަރުން ފެށިގެން އަންނަނީ އެ ރަށުގައި ހޭޅިފަށް ބަލަހައްޓަމުންނެވެ. ރަސްމީކޮށް އެކަމުގެ އެއްބަސްވުމެއް ވެސް މިދިޔަ މަހު ހެދި އެވެ.
އެ ޕްރޮގްރާމްގައި، މި ހުރިހާ އިދާރާއެއް ގުޅުވައިދޭ އެންމެ ބޮޑު ބައިވެރިޔަކީ، ޓާޓަލް ރޭންޖާ، އިނާން އެވެ.
އީޕީއޭގެ ސީނިއާ އެންވަޔަރަމެންޓަލް އެނަލިސްޓް އީނާސް މުހައްމަދު ރިޔާޒު ވިދާޅުވީ މި ޕްރޮގްރާމްގެ ނަތީޖާއާ މެދު އެ އިދާރާއިން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ގާދޫގެ ޓާޓަލް ރޭންޖާ އާއި އެގްރޯ ނެޓްގެ ސްޓާފުންގެ ވެސް އެހީތެރިކަމާ އެކު މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ވެލާކަހަނބަށް ގެއްލުން ދިނުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ކޮންމެ ވެލާ ބިސްވަޅަކުން ގާތްގަނޑަކަށް ތިން ބައިކޮށްފައި ދެ ބައި މަދުވި. އެކަމަކު މި އަހަރުގެ މިހާތަނަށް 32 ހޮރުގެ ތެރެއިން އެންމެ ހޮރަކަށް ގެއްލުން ދީފައި ހުރި ކަމަށް ފާހަގަވީ،" އޭނާ ވިދާޅުވި އެވެ.
ލ. ގާދޫގެ ކުރީގެ ކަތީބު އަލީ މޫސާއާ އޯއާރުޕީގެ ޓީމް ބައްދަލުކުރަނީ: (ވ-ކ) އޯއާރުޕީގެ މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖަރު އިޝާ، ޓާޓަލް ރޭންޖާ އިނާން، ކަތީބު އަލީ މޫސާ، ގާދޫގެ ކުރީގެ ކައުންސިލް ރައީސް އަބްދުލް އަޒީޒް އަދި އީޕީއޭގެ އެންވަޔަރަމެންޓަލް އެނަލިސްޓް އީނާސް.-- ފޮޓޯ: އޯއާރުޕީ
އޭނާ ވިދާޅުވި ގޮތުގައި، މުސްތަގުބަލުގައި މި ޕްރޮޖެކްޓުގެ އެންމެ ބޮޑު ރޯލެއް ކުޅޭނެ އިދާރާތައް ކަމަށްވާ ކައުންސިލުތަކާއި ފުލުހުންނާ އަދި ޖަމިއްޔާތައް ތަމްރީނުކޮށް، ގުޅުން ވަރުގަދަކުރުމަށް އީޕީއޭ އިން ވަރަށް ގިނަ މަސައްކަތް ކޮށްފައިވެ އެވެ. މި ޕްރޮޖެކްޓުގައި މިހާތަނަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ވެސް ވަނީ އެ އިދާރާތަކާއި އާންމުންނެވެ.
"ވެލާކަހަނބާއި ގާދޫ ހިމާޔަތްކުރުމުގެ މަސައްކަތުގައި އާންމުން ވީހާ ވެސް ބޮޑަށް ބައިވެރިކުރުވުމަށް އެބަ މަސައްކަތް ކުރެވޭ. ޓާޓަލް ރޭންޖާ އާއި ޖަމިއްޔާތަކުގެ އެހީއާ އެކު މިހާރު ވެސް އާންމުންނަށް މައުލޫމާތު ސެޝަންތައް ވާނީ ނަގައި ދީފައި،" އޭނާ ވިދާޅުވި އެވެ.
ގާދޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ މެނޭޖުމަންޓް ޕްލޭނެއް ހަދަން، އެ ރަށުގައި ކުރިން ދިރިއުޅުނު މީހުންގެ ފަރާތުން ތާރީހީ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އީނާސް ވިދާޅުވި އެވެ.
ލ. ގާދޫގައި ވެލާކަހަނބު އަރާ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައި އެތަންތަނުގެ އިސްވެރިން.-- ފޮޓޯ: އޯއާރުޕީ
އޭނާގެ މަސައްކަތުގައި ތަފާތެއް ދެއްކޭ ކަމަށް އިނާން ގަބޫލުކުރެ އެވެ. އެ ތަފާތު އެންމެ ބޮޑަށް ފެންނަނީ އާންމުންގެ ހިޔާލާއި ވިސްނުމަށް އަންނަ ބަދަލުތަކުންނެވެ.
"ވަރަށް ބައިވަރު މީހުންނަށް މައުލޫމާތު ފޯރުކޮށްދެވިފައި މިހާރު ހުންނާނީ ކޮމިއުނިޓީގައި. ގިނަ މީހުންނަށް އަސްލު ނޭނގޭ މިއީ ކިހާވަރެއްގެ ކަމެއްކަން، ސީ ޓާޓަލް ކޮންސަވޭޝަން މިއީ،" އިނާން ބުންޏެވެ.
"ރަށުގައި އާންމުކޮށް ޕޯޗުކޮށް އުޅޭތީ މީހުންނަށް ނުވޭ މިއީ މާ ބޮޑު ކަމަކަށް. އެކަމަކު މިވާ ގޮތް ކިޔާދިނީމާ ކޮންމެ މީހަކު ވެސް ހުންނަނީ މައިންޑް ޗޭޖުވެފައި. ގިނަ މީހުން ހަމަ މައިންޑް ޗޭންޖުވޭ."
ލ. ގާދޫގައި ވެލާކަހަނބު އަރާ ސަރަހައްދު ބެލެހެއްޓުމާ ހަވާލުވެ ހުންނަ ޓާޓަލް ރޭންޖާ އިބްރާހިމް އިނާން.-- ފޮޓޯ: އޯއާރުޕީ
ހާއްސަކޮށް ޒުވާނުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށް އިނާން ބުންޏެވެ.
ވެލާކަހަނބު ހިމާޔަތްކުރުމަކީ ގާދޫގައި ކުރިން ދިރިއުޅުނު މީހުން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަން އިނާން މި ކުރާ މަސައްކަތުން އެނގެ އެވެ. މިހާރު މަދުވަނީ އެކަން ކުރުމަށް ރަނގަޅު މެނޭޖުމަންޓް ޕްލޭނަކާއި ފަންނީ އެހީތެރިކަމެވެ. މި ޕްރޮޖެކްޓުގައި މިހާތަނަށް ލިބުނު ކާމިޔާބީއާ އެކު އެކަން ވެސް ކުރެވޭނެ ކަމުގެ އުއްމީދު އިނާން އަށް ވަރަށް ބޮޑެވެ.
ވެލާ އަރާ ގާދޫ ބެލެހެއްޓުމަށް އެއްބަސްވުމެއް ހަދައިފި
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި
ވެލާފެޅި މީހުން ޖޫރިމަނާ ފައިސާ ނުދެއްކި!
ވެލާ ފެޅި މީހުންނަށް 198،000ރ. ގެ ޖޫރިމަނާއެއް
ވެލާތައް ހިފައި ކެއްކީ ކެންދޫ ބައެއް: އީޕީއޭ
ހިމާޔަތްކޮށްފައިވާ ހިސާބަކުން ފިނޮޅެއްގައި ވެލާ ފަޅާފައި
މޫދަށް އޮތް ބިރު ކަނޑާލައި، ވެލާތަކުގެ ހިމާޔަތުގައި
ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި