Roadha Mihaaru
މޫދަށް އޮތް ބިރު ކަނޑާލައި، ވެލާތަކުގެ ހިމާޔަތުގައި

މޫދަށް އޮތް ބިރު ކަނޑާލައި، ވެލާތަކުގެ ހިމާޔަތުގައި

23 މެއި 2022

ގދ. ތިނަދު އަށް އުފަން އިޝާ އަފީފް މާލޭގައި އުޅެ ބޮޑުވި އިރު މޫދަކީ އޭނާ ދިއުން މަނާ ތަނެކެވެ. އެހެންވެ އެއީ އޭނާއަށް ބީރައްޓެހި ތަނެކެވެ. އިޝާގެ ރައްކަލަކަށް އޭނާގެ މައިންބަފައިން އޭރު މޫދު މަނާކުރީ އެވެ. އެހެންވެ، އޭނާގެ ހިތުގައި މޫދާ މެދުގައި މި ފަހަކާ ޖެހެން ދެން ވެސް އޮތީ ވަރަށް ބޮޑު ބިރެކެވެ. އެކަމަކު، އެ ބިރު ފަހަނައަޅާއި ގޮސް، މިހާރު މޫދާއި ކަނޑަކީ އޭނާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ތަނެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގދ. ތިނަދު އަށް އުފަން އިޝާ އަފީފް މާލޭގައި އުޅެ ބޮޑުވި އިރު މޫދަކީ އޭނާ ދިއުން މަނާ ތަނެކެވެ. އެހެންވެ އެއީ އޭނާއަށް ބީރައްޓެހި ތަނެކެވެ. އިޝާގެ ރައްކަލަކަށް އޭނާގެ މައިންބަފައިން އޭރު މޫދު މަނާކުރީ އެވެ. އެހެންވެ، އޭނާގެ ހިތުގައި މޫދާ މެދުގައި މި ފަހަކާ ޖެހެން ދެން ވެސް އޮތީ ވަރަށް ބޮޑު ބިރެކެވެ. އެކަމަކު، އެ ބިރު ފަހަނައަޅާއި ގޮސް، މިހާރު މޫދާއި ކަނޑަކީ އޭނާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ތަނެކެވެ.

އެ ކަނޑުން ލިބުނު އުފަލާއި އަރާމާ އެކު، އޭނާ ނުކުމެ ހުރީ، ރާއްޖެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު، މިހާރު އެންމެ ބޮޑުވެފައިވާ އެެއް ދިރުން ކަމަށްވާ ވެލާގެ އާއިލާގެ ހިމާޔަތުގަ އެވެ. -- މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ވެލާތަކުގެ ދުވަހެވެ.

އިޝާ އދ. ދިގުރަށު މޫދުގައި ސްނޯކުލް ކުރަނީ: އޭނާ އަކީ ފުރަތަމަ ދިވެހި ސީޓާޓުލް ބަޔޮލޮޖިސްޓް -- ފޮޓޯ: ލުވިސް ޖެފްރީސް

އިޝާ އދ. ދިގުރަށު މޫދުގައި ސްނޯކުލް ކުރަނީ: އޭނާ އަކީ ފުރަތަމަ ދިވެހި ސީޓާޓުލް ބަޔޮލޮޖިސްޓް -- ފޮޓޯ: ލުވިސް ޖެފްރީސް

އިޝާ އަކީ، ފުރަތަމަ ދިވެހި، ސީ ޓާޓަލް ބަޔޮލޮޖިސްޓެވެ؛ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މޯލްޑިވްސް އިންޓެޕެންޑެންޓްގައި މަސައްކަތް ކުރި އިޝާ އަށް އެއީ ވަރަށް ތަފާތު ތަރުޖިބާއެކެވެ. އެ ވަޒީފާގައި އޭނާ އުޅޭތާ އަހަރެއްވީއިރު، އެތައް ކަމެއް ފެނި، އެނގި، ދަސްވެއްޖެ އެވެ. އަދި މިހާރު އޭނާ އަކީ ވެލާކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވްޑް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) ގެ މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖާ އެވެ.

"މޫދަށް އޮތް ބިރު ކެނޑުނީ ފަތަން ދަސްވި ފަހުން،" އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ ސިކްސް ސެންސް ލާމު ރިސޯޓުގައި ހުރެ، ޒޫމް ވީޑިއޯ ކޯލަކުން ދިން އިންޓަވިއުގައި ބުންޏެވެ.

އިޝާގެ މަސައްކަތަށް އަހަރެމެން ފުރަތަމަ ޝައުގުވެރިވީ، މިދިޔަ މަހު ލ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކުރުމުގެ ރެސްކިއު ޓީމުގައި އޭނާ އިސްކޮށް އުޅުނުތަން ފެނިގެންނެވެ. އެއީ ޓާޓަލް ބަޔޮލޮޖިސްޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރަން ފެށިފަހުން، ދިމާވި އެ ކަހަލަ ފުރަތަމަ ހާދިސާ އެވެ.

މޫދަށް "ފުންމާލީ" ސޮނެވާފުށިން

އެންޒައިޓީ އަކީ އިޝާގެ އެންމެ ބޮޑު ހަތުރެވެ. މޫދަށް އެރުމާ މެދު ވިސްނާލިޔަސް، އޭނާ ބިރުން ތުރުތުރުލަ އެވެ.

އެ ބިރު ކަނޑުވާލަން އިޝާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ، 2014 ގައި، ބ. އަތޮޅުގައި އޮންނަ ސޮނެވާފުށީ ރިސޯޓުގައި ހިންގި، ތިމާވެއްޓާ ބެހޭ ސީއެސްއާރް ކޮމިއުނިޓީ ޕްރޮޖެކްޓެއްގައި، ސޯޝަލް އެންޑް ރެސްޕޮންސިބިލިޓީ ފަންޑް މެނޭޖަރަކަށް މަސައްކަތް ކުރި ދުވަސްވަރެވެ. އަދި އެ ރިސޯޓުގައި ބ. އޭދަފުށީގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި އިސްކޮށް އުޅެ، އެ ރަށުގެ ދަރިވަރުން ތިމާވެއްޓަށް ލޯބި ޖައްސުވަން ކުރި މަސައްކަތުގެ ތެރެއިން އެކަމަށް ލޯބި އުފެދުނެވެ.

އީޕީއޭއާ ގުޅިގެން ރ. އިންނަމާދޫ ސްކޫލްގެ ދަރިވަރުންތަކަކަށް އިޝާ ސެޝަންއެއް ނަގައިދެނީ -- ފޮޓޯ: އިންނަމާދޫ ސްކޫލް

އީޕީއޭއާ ގުޅިގެން ރ. އިންނަމާދޫ ސްކޫލްގެ ދަރިވަރުންތަކަކަށް އިޝާ ސެޝަންއެއް ނަގައިދެނީ -- ފޮޓޯ: އިންނަމާދޫ ސްކޫލް

އެއީ މޫދަށް ފުންމާލި ހިސާބެވެ.

"ފަތަން ދަސްވި ފަހުން، އެ ރަށުގެ ގްރޭޑް ތިނެއްގެ ބައެއް ކުދިންގެ މަންމަމެންނަށް ފަތަން ވެސް ދަސްކޮށްދިނިން،" އޭނާ ބުންޏެވެ.

"އެއީ އަސްލު މޫދަށް އެރި، ފަޅުތަކާއި ފަރުތައް ބަލައި، ފަތަން ވެސް ދަސްކުރި ހިސާބަކީ. އެ ކަމަށް މީހާ ލޯބި ޖެހުނު ހިސާބު."

އޭގެ ފަހުން، މާލެ އައިސް ޒުވާނުންގެ ހާއްސަ ޖަމިއްޔާއެއް ކަމަށްވާ، "ޔޫތު މޫވްމަންޓް"ގައި މަސައްކަތްކޮށް، އޭރު ވަރަށް ހިޓުވި، ޒުވާނުންގެ ހުނަރު ދައްކާލާ އިވެންޓެއް ކަމަށްވާ "ކައްޓި ހިތްވަރު ފެސްޓިވަލް" ވެސް އޭނާ މެނޭޖުކުރި އެވެ. އަދި ފަހުން މޯލްޑިވްސް އިންޓެޕެންޑެއްގައި ނޫސްވެރިއެއްގެ ގޮތުގައި އޭނާ މަސައްކަތްކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ އެވެ.

އިޝާ ޑައިވްކުރަނީ: އޭނާ ޑައިވްކުރަން ދަސްކުރީ ވިލިމާލޭގައި ހުންނަ މޫދުބުޅާ ޑައިވިން ސެންޓަރުން -- ފޮޓޯ: އިޝާ

އިޝާ ޑައިވްކުރަނީ: އޭނާ ޑައިވްކުރަން ދަސްކުރީ ވިލިމާލޭގައި ހުންނަ މޫދުބުޅާ ޑައިވިން ސެންޓަރުން -- ފޮޓޯ: އިޝާ

އިޝާ ބުނި ގޮތުގައި، އޭނާ ވަރަށް ބޮޑަށް އެންޒައިޓީ ހުންނާތީ، މާ ގިނަ ދުވަހު ނޫސްވެރިކަމުގައި އުޅެން އުނދަގޫވި އެވެ. އޭރު ވީ އުނދަގޫތަކުން ކިރިޔާ ވެސް ލުޔެއް ލިބުނީ، އެ ދުވަސްވަރު ޑައިވިން ދަސްކުރަން އުޅުމުންނެވެ. ރައްޓެއްސަކާ އެކު އޭނާ ދިޔައީ ވިލިމާލޭގައި ހިންގާ މޫދު ބުޅާ ޑައިވް ސެންޓަރަށެވެ.

"މޫދުބުޅާގައި ޑައިވަރު ޒޫނާ ނަސީމާ އެކީ ޑައިވިނަށް ގޮސްގެން، އެ ކުރެވުނު ތަޖުރިބާގައި މީހާ އަށް ލިބުނު ހިތްހަމަޖެހުން ބޮޑުކަމުން އަސްލު ހަގީގަތުގައި މި ދާއިރާ ކެރިއާއެއްގެ ގޮތުގައި ޗޫޒްކުރަން ވިސްނީ،" އޭނާ ބުންޏެވެ.

ނޫސްވެރިކަން ދޫކޮށްލުމަށް ފަހު، ކުރާނެ އިތުރު ކަމެއް ހޯދަމުން އަންނަނިކޮށް، އޭނާގެ ޝައުގުވެރިކަން އަތުލީ، އދ. ދިގުރަށުގައި ހިންގާ މޯލްޑިވްސް ވޭލް ޝާކް ރިސާޗު ޕްރޮގްރާމަށް އިންޓާންސް ނަގަން ކޮށްފައި އޮތް އިއުލާނެކެވެ. އެ އިންޓާންޝިޕް އޭނާ ފުރިހަމަ ވެސް ކުރި އެވެ.

"އޭރު އުމުރުން 25 އަހަރުގައި އަޅުގަނޑަށް ޖެހުނީ އަލުން ފަށަން، އައި ހޭޑް ޓު ފައިންޑް މައި ވޭ އިން ޓު ދަ އިންޑަސްޓްރީ،" އޭނާ ބުންޏެވެ.

އިޝާ ސްނޯކްލިން ކުރަނީ: އޭނާ ކުރިން މޫދު ދެކެ ވަރަށް ބިރުގަތް -- ފޮޓޯ: ރިޒްހާން | ސޯލްޓް އެންޑް ސަނީ

އިޝާ ސްނޯކްލިން ކުރަނީ: އޭނާ ކުރިން މޫދު ދެކެ ވަރަށް ބިރުގަތް -- ފޮޓޯ: ރިޒްހާން | ސޯލްޓް އެންޑް ސަނީ

އެ އިންޓާންޝިޕަށް ފަހު، އެ އަތޮޅުގައި އޮންނަ ކޮންރެޑް މޯލްޑިވްސް ރިސޯޓްގެ ޑައިވް ސްކޫލުގައި ހިންގި މެރިން ބަޔޮލޮޖިސްޓް އިންޓާންޝިޕްގައި ވެސް އޭނާ ބައިވެރިވި އެވެ.

ދެން އައީ ކޮވިޑެވެ. އެ ބަލިމަޑުކަމާ އެކު ވަޒީފާ ދޫކޮށްލައިފައި، އޭނާ އަށް ވެސް މަޖުބޫރުވީ މާލެ އަންނާށެވެ.

"ކޮވިޑަށް ފަހު، ޖޮބެއް ހޯދަމުން އަންނަނިކޮށް، ސޯޝަލް މީޑިއާ އިން ފެނުނީ އަޅުގަނޑުގެ ޑްރީމް ޖޮބް. މިހާރު އެ ޖޮބްގައި މި ހުރީ."

ވެލާކަހަނބަށް ލޯބި ޖެއްސުވީ އޮލިވް ރިޑްލީ ޕްރޮޖެކްޓް!

އޮލިވްޑް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އަކީ ވެލާކަހަނބު ހިމާޔަތްކުރުމުގެ ގޮތުން، 2013 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެކެވެ. އެއީ އިނގިރޭސިވިލާތައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ ހިންގަމުން އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކުގަޔާއި ކެންޔާ, އޮމާން, ޕާކިސްތާން އަދި ސީޝެލްސްގަ އެވެ.

އިޝާ، އޮލިވްޑް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އާއި މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި)ގެ ޓީމާ އެކު.

އިޝާ، އޮލިވްޑް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އާއި މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި)ގެ ޓީމާ އެކު.

އޯއާރްޕީގެ ލާމު ސީޓާޓަލް ބަޔޮލޮޖިސްޓެއްގެ ގޮތުގައި އިޝާ މަސައްކަތް ފެށީ ސިކްސް ސެންސަސް ލާމު ރިސޯޓުގަ އެވެ. އެ ޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ ވެލާ އުޅޭ މާހައުލުތައް ދެނެގަތުމާއި އޭގެ އާބާދީ ބަލައި، ދިރާސާކޮށް، އަދި ރެސްކިއު އާއި ރިހެބިލިޓޭޝަންގެ ކަންކަން ކުރުމެވެ.

އެ މަސައްކަތް ފެށިފަހުން، އެ ޖަމިއްޔާއިން ވަނީ 800 ވުރެ ގިނަ، އެހީތެރިކަމަށް ބޭނުންވެފައިވާ ނުވަތަ އަނިޔާވެފައިވާ ވެލާތައް ސަލާމަތްކޮށްދީފަ އެވެ.

އެ ޖަމިއްޔާއިން 2017 އަހަރު ރާއްޖޭގެ ފުރަތަމަ މެރިން ޓާޓަލް ރެސްކިއު ސެންޓަރު، ކޮކޯ ޕާލްމް ދުނިކޮޅު ރިސޯޓުގައި ހުޅުވައި އަދި ފުރަތަމަ ސީޓާޓަލް ބަޔޮލޮޖިސްޓް ޅ. ކުރެއްދޫގައި މަސައްކަތް ފެށި އެވެ. އަދި އޭޕްރީލް 2018 ގައި ސިކްސް ސެންސަސް ލާމާއި ޕާޓްނާޝިޕް ހަދައި، އެ ރިސޯޓުގެ މެރިން ބަޔޮލޮޖީ ޓީމާ އެކު، "މޯލްޑިވްސް އަންޑަވޯޓާ އިނީޝިއެޓިވް"ގެ ނަމުގައި, އިތުރު އަމިއްލަ ޖަމިއްޔާ އުފެއްދި އެވެ. އެ ޓީމަކީ މިހާރު ނިސްބަތުން ރާއްޖޭގެ އެއް ރިސޯޓެއްގައި ތިބި އެންމެ ބޮޑު މެރިން ބަޔޮލޮޖީ ޓީމެވެ.

އިޝާ، އޮލިވްޑް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އާއި މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި)ގެ ޓީމާ އެކު.

އިޝާ، އޮލިވްޑް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އާއި މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި)ގެ ޓީމާ އެކު.

ލ. އަތޮޅުގައި ކުރާ މަސައްކަތުގެ ތެރޭގައި ވެލާކަހަނބުގެ އާބާދީ ދެނެގަތުމާއި، ރިސޯޓާއި ރިސޯޓް ކައިރީގައިވާ، ލ. ގާދޫގައި ވެލާކަހަނބު ބިސްއަޅާ މިންވަރު ދިރާސާކުރުމާއި އަދި ފަތުރުވެރިންނާއި ރިސޯޓް ސްޓާފުންނާއި ރަށްރަށުގެ ރައްޔިތުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ. އަދި 2020 ވަނަ އަހަރު އެ މަގާމަށް ދިވެއްސެއް ހޯދަން އިއުލާންކުރި އެވެ.

"އެ ޖޮބަށް ބޮޑަށް ބޭނުންވީ ވެސް ދިވެއްސެެއް. އެއީ އޯއާރްޕީގެ ވަރަށް ބޮޑު ފޯކަސްއަކަށް ވެގެންދިޔަ ކައިރީގައި އޮތް ލ. ގާދޫ އަށް އަރާ ވެލާ އަދި އޭގެ ބިސްވަޅުތައް ހިމާޔަތްކުރަން ދިވެހި ސަރުކާރާއި, ރައްޔިތުންނާ އެކު މަސައްކަތްކުރަން. އެހެންވެ، ދިވެއްސެކޭ އެންމެ ރަނގުވާނީ ކަމަށް ނިންމާފައި އަޅުގަނޑަށް އެ ޖޮބް ދިނީ،" އޭނާ ބުންޏެވެ.

"އެއީ ވެލަޔަށް ލޯބި ޖެހުނު ވެސް އެންމެ ބޮޑު ސަބަބު."

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން، އިޝާ އޯއާރްޕީގައި ވަޒީފާ އަދާކުރަމުން އަންނައިރު، އޭނާގެ މައިގަނޑު ތިން މަސްއޫލިއްޔަތެއް އޮވެ އެވެ. އެއީ؛

- ވެލާކަހަނބުގެ އަބާދީ ދިރާސާކުރުންް.

- ސިކްސް ސެންސަސް ލާމާއި ލ. ގާދޫ އަށް ވެލާ ބިސްއަޅާ މިންވަރު ދިރާސާކުރުން.

- އޮއެވާލި ދަލެއްގައި ތާށިވެފައި ނުވަތަ އެހެން ގޮތަކުން ވިޔަސް އަނިޔާވެފައިވާ ވެލާކަހަނބު ސަލާމަތްކުރުން.

މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް (އެމްޔޫއައި) ގެ ޓްރެއިންއެއްގައި އިޝާއާ އެކު ޓީމުގެ އެހެން ބައެއް މެމްބަރުން -- ފޮޓޯ: އެމްޔޫއައި

މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް (އެމްޔޫއައި) ގެ ޓްރެއިންއެއްގައި އިޝާއާ އެކު ޓީމުގެ އެހެން ބައެއް މެމްބަރުން -- ފޮޓޯ: އެމްޔޫއައި

"ރިސާޗުގައި އަޅުގަނޑު ޖެހެނީ ލ. އަތޮޅުގެ ވެލާކަހަނބުގެ އާބާދީ ބަލަން. އާބާދީގެ އަދަދުތައް ދެނެގަތުމާއި އެއަށް ކުރިމަތިވާ ގެއްލުންތަކާއި ނެތިދިއުމުގެ ބިރު އޮތް މިންވަރު ދެނެގަތުން،" އޭނާގެ މަސައްކަތްތައް ކިޔައިދިނެވެ.

އެ މަސައްކަތުގެ ތެރެއިން ވެލާތަކުގެ އުޅުން ހުންނަ ގޮތް ވެސް އޭނާ އަށް ދަސްވި އެވެ. އެކަމުގައި، ރާއްޖޭގެ އެހެން ތަންތަނުގައި ތިބި ސީޓާޓަލް ބަޔޮލޮޖިސްޓުންގެ އެހީ ވެސް ހޯދި އެވެ.

"އެންމެ ފުރަތަމަ އެނގުނު އެއް ކަމަކީ ވެލާ އަށް ބިސްއެޅުމަކީ ވަރަށް އުނދަގޫކަމެއް ކަން. މާނާވޭ ލާ އަޑު ވެސް އިވޭ، ވަރަށް އުނދަގުލުގައި އުޅޭ ތަން ފެނުނީމަ ބަލަން ވެސް ވަރަށް އުނދަގޫވެ، ދެރަވެ،" އޭނާ ބުންޏެވެ.

"މިކޮޅުގައި އޭރު ހުރި ބޭރުގެ ޓާޓަލް ބަޔޮލޮޖިސްޓެއްގެ ފަރާތުން ޓްރެއިނިން ހެދިން. ޓާޓުލްގެ އައިޑީސް ކަލެޓްކުރާ ގޮތާއި އެ ޕްރޮސެސްކުރާ ގޮތާއި އަދި އެޑްމިން ސައިޑުންކުރަން ޖެހޭ ހުރިހާ ކަންކަމާއި ނެސްޓިން ޑާޓާ ކަހަލަ އެެއްޗެހި ވެސް ދަސްކުރިން."

ސިކްސް ސެންސަސް ލާމު ރިސޯޓުގައި ވެލައެއް ބިސްއަޅަން އަރާ -- ފޮޓޯ: އިޝާ

ސިކްސް ސެންސަސް ލާމު ރިސޯޓުގައި ވެލައެއް ބިސްއަޅަން އަރާ -- ފޮޓޯ: އިޝާ

އިޝާ ބުނީ، އޯއާރްޕީގެ ސީނިއާ ސައިންޓިސްޓް ޑރ. ސްޓެފަނީގެ ފަރާތުން، ވެލާކަހަނބުގެ ބިހޭވިއާ ނުވަތަ އުޅުމަށް އަންނަ ބަދަލުތައް ދަސްކުރުމުގައި ވަރަށް ރަނގަޅު ޓްރެއިނިންތަކެއް ލިބުނު ކަމަށެވެ. އަދި ކުރެއްދޫގައި ހުންނަ ސީޓާޓަލް ބަޔޮލޮޖިސްޓްގެ ފަރާތުން ވެސް ވަރަށް ގިނަ އެއްޗެހި ދަސްވި ކަމަށެވެ.

އޭނާ ބުނި ގޮތުގައި، ލ. އަތޮޅާއި ޅ. އަތޮޅުގައި އުޅޭ ވެލާތަކުގެ އުޅުން ވަރަށް ތަފާތެވެ.

"ޅ. ގައި މޫދުވިނަ ތެރޭގައި ވަރަށް ގިނައިން ވެލާ އުޅޭނެ. އެއް ގަޑިއިރު ތެރޭގައި 16 ވެލާ ވެސް ފެނިދާނެ. މީހުންނާ ވެސް ވަރަށް އޮޅުވާނެ. އެކަމަކު ލ. ގެ މޫދުވިނަ ތެރޭގައި އެހެނެއް ނޫން. ވަރަށް މަދުވާނެ އޮޅު އެއްޗެއް ވެސް. މޯސްޓް އޮފް ދެމް އާ ވެރީ ޝައި،" އޭނާ ބުންޏެވެ.

"ވަރަށް ޔުނިކަން ކަމަށް ދިމާވި، ނެސްޓިންގެ [ވެލާތައް ބިސް ފަޅައިގެން ނުކުތުމުގެ] ތެރެއިން ދިމާވި އެބްނޯމަލް ހެޗްލިންގްސްތަކެއް [ކުދި ވެލާ]. އެބްނޯމަލްއޭ މި ބުނަނީ ޖެނެޓިކް ޑިފޯމެޓީސް، އޭޝިއާ ހިސާބުތަކުން އާންމު ގޮތެއްގައި ޑޮކިއުމެންޓްކުރެވިފައިނުވާ އެއް ހެޗްލިންގެ ފެނުނު. އެ ވެލާ އިނީ ދެ ބޯ ލަފައި. ފަހުން އަދި އެއް ބިހުގެ ތެރޭގައި ދެ ވެލާ އޮއްވާ ވެސް ފެނުނު."

އިޝާ، އޯއާރްޕީ ލާމުގެ ކުރީގެ ސީޓާޓުލް ބަޔޮލޮޖިސްޓް ޖޯ ގުޑްފެލޯއާ އެކު -- ފޮޓޯ: ލިއޭނާ ކްރައުލީ

އިޝާ، އޯއާރްޕީ ލާމުގެ ކުރީގެ ސީޓާޓުލް ބަޔޮލޮޖިސްޓް ޖޯ ގުޑްފެލޯއާ އެކު -- ފޮޓޯ: ލިއޭނާ ކްރައުލީ

ސަރުކާރުން، މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ގައި ލ. އަތޮޅު ހަ ސަރަހައްދެއް ހިމާޔަތްކުރި އެވެ. އޭގެ ތެރެއިން، ތިން ސަރަހައްދަކާ ގުޅޭ ތަފްސީލީ މައުލޫމާތު ތިމާވެއްޓާ ބެހޭ މިނިސްޓްރީން އާންމުކުރިއިރު، އެއީ ގިނަ އަދަދެއްގެ ވެލަޔާއި ކަހަނބު ދިރިއުޅޭ ތަންތަނެވެ. މި އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ރެޑްލިސްޓެއް އެކުލަވާލަން ފެށިއިރު، އެންމެ ފުރަތަމަ ވެސް، ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެންމެ ބޮޑުވެފައިވާ ތަކެތީގެ އެ ލިސްޓުގައި ހިމެނީ ވެލަޔާއި ކަހަނބެވެ.

ލ. ގާދޫ އަކީ ވަރަށް ގިނައިން ވެލާ އަރާ ރަށެކެވެ. އެ ރަށުގެ ޗަސްބިމާއި ވަށައިގެންވާ ފަރާއި، ފަޅު އަދި މޫދުވިނަ އޮންނަ ސަރަހައްދު އަދި ބިސްއަޅާ ސަރަހައްދުވަނީ ހިމާޔަތްކޮށްފަ އެވެ. ގާދޫގެ އިތުރުން އެ އަތޮޅު ހިތަދޫ-ގާދޫ ކަނޑާއި، ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ ވެލާ ދިރިއުޅެ އެވެ.

ވެލަ އާއި ކަހަނބު ނެތިދިއުމަށް ކުރިމަތިވެފައިވާ ނުރައްކަލަކީ އެހެނިހެން މަސްވެރިކަމުގެ ތެރޭގައި އެ ބޭނުމާއި ކަނޑުފަޅު ކިލަނބުވުމާއި ކުނިބުނި ގިނަވުމެވެ. އަދި އެ އެއްޗެހި ދިރިއުޅޭ މާހައުލު ނެތިދިއުމާއި ތަޣައްޔަރުވުމާއި ގަވާއިދާ ހިލާފަށް ވެލާ ހިފުމާއި އޭގެ ވިޔަފާރިކުރުން ވެސް ސަބަބެއްގެ ގޮތުގައި ހިމެނޭ ކަމަށް ރެޑްލިސްޓުގައި ބުންޏެވެ.

އިޝާ ވެސް ފާހަގަކުރީ ހަމަ އެ ކަހަލަ ކަންބޮޑުވުންތަކެކެވެ. އެކަމަކު، ކުރިއާ ހިލާފަށް ވެލާގެ ބާވަތްތައް ހިމަޔާތްކުރުމަށް ކުރާ މަސައްކަތްތައް އިތުރުވަމުން އަންނާތީ، އޭނާ އެކަމަށް ތައުރީފު ވެސް ކުރި އެވެ. އަދި ކުޑައިރު، މޫދާއި އެތަނުގެ ދިރިންތައް ދެކެ ގަތް ބިރު ކެނޑުމުން، އޭނާ ހުރީ ވަރަށް އުފަލުންނެވެ.

"ސީޓާޓަލް ބަޔޮލޮޖިސްޓައްގެ ގޮތުގައި ފަށައި، މިހާ ހިސާބަށް އާދެވުނީމަ މި ކުރެވޭ މަސައްކަތަކާ މެދުގައި ވަރަށް ބޮޑަށް ޕްރައުޑްވޭ،" އޭނާ ބުންޏެވެ.

އިޝާ ބޭނުންވަނީ އަދިވެސް ވިހާ ވެސް ގިނަ ދިވެހިން އެކަމުގެ ތެރެ އަށް ވަނުމެވެ. އޭނާ ބުނި ގޮތުގައި، މިހާރު ވެސް، އެ ކަހަލަ ވަޒީފާތަކުގެ ގިނަ ފުރުސަތުތަކަކަށް ހުޅުވާލާފައިވާ ކަމަށެވެ.