Roadha Mihaaru
ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި

ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި

20 އެޕްރީލް 2022

ލ. އަތޮޅުގެ ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލ. އަތޮޅުގެ ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި އެވެ.

އެ ވެލާތައް ފުރޮޅާފައި ހުއްޓާ ފެނުނީ ލ. ކުނަހަންދޫގެ ހުޅަނގަށް އޮންނަ ފަޅުރަށެއް ކަމަށްވާ، އަތަހެދާ އިންނެވެ. އެތަނުގައި ބޮޑު ފަސް ވެލާ އޮތެވެ.

އެ ވެލާތައް ސަލާމަތްކުރީ، ސިކްސް ސެންސް ލާމު ރިސޯޓުގައި ހިންގާ މެރިން ބަޔޮލޮޖީ ޓީމް ކަމަށްވާ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި) ދަށުން ހިންގާ ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޮލިވް ރިޑްލީ ޕްރޮޖެކްޓް" އިންނެވެ.

ފުލުހުންނާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ ރެސްކިއު މިޝަންގައި އެމްޔޫއައިގެ ދަށުން ހިންގާ މަންޓާ ޓްރަސްޓް އަދި ބްލޫ މެރިން ޕައުންޑޭޝަން ޖަމިއްޔާ އިން ވެސް ބައިވެރިވި އެވެ.

ލ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު ފުރޮޅާފައި ހުރި ވެލާތައް ސަލާމަތްކޮށް، މޫދަށް ދޫކޮށްލަނީ -- ފޮޓޯ: މޯލްޑިވްސް އަންޑަ ވޯޓާ އިނީޝީއޭޓިވް އިންސްޓަގްރާމް

ލ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު ފުރޮޅާފައި ހުރި ވެލާތައް ސަލާމަތްކޮށް، މޫދަށް ދޫކޮށްލަނީ -- ފޮޓޯ: މޯލްޑިވްސް އަންޑަ ވޯޓާ އިނީޝީއޭޓިވް އިންސްޓަގްރާމް

އެމްޔޫއައި އިން ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ، އެ ވެލާތައް ފެނުނީ، އަތަހެދާގެ ގޮނޑުދޮށުގައި ހުރި ރުށްތަކެއްގެ ދަށުގައި ފުށުން ޖަހައި ބަރިއަކަށް އަތުރާފައި ހުއްޓާ ކަމަށެވެ.

އެއްގަމުގައި ވެލާ ފުށުން ޖަހާފައި ބޭއްވުމުން އަމިއްލައަށް ސަލާމަތްވެގެންނެއް ނުދެވޭނެ އެވެ.

ވެލާތައް ސަލާމަތްކުރި އިރުގެ ބައެއް ފޮޓޯތައް ވެސް އެ ޓީމުން ހިއްސާކުރި އެވެ.

ވެލާތައް ފެނުނީ ޕިކްނިކް ދިޔަ ޓޫރިސްޓުންތަކަކަށް

އެ ރެސްކިއު މިޝަންއާ ގުޅޭ ގޮތުން "އޮލިވް ރިޑްލީ ޕްރޮޖެކްޓް" އިން ލިޔުނު ބްލޮގް ޕޯސްޓްގައި ބުނީ އެ ވެލާތައް ފުރޮޅާފައި ހުއްޓާ ފެނުނީ ސިކްސް ސެންސް ލާމު ރިސޯޓުން، އެ ފަޅުރަށަށް ޕިކްނިކް ގޮސް އުޅުނު ޓޫރިސްޓުންތަކަކަށް ކަމަށެވެ.

"އެ ވެލާތައް ފެނުނުއިރު އެއްވެސް ހަރަކާތެއް ނުކުރޭ. ގަސްތަކުގެ ތެރޭގައި ފޮރުވާފައި ހުރީ. އެ ހުރިހާ ވެލައަކަށް ވެސް ކުދިކުދި އަނިޔާތައް ލިބިފައިވޭ،" އެ ޕޯސްޓުގައި ބުންޏެވެ.

"ކަރުގައި ބުޅި އަޅުފައި ހުރި ކަމަށް ބެލެވޭ ނިޝާންތަކެއް ހުރި. އޭގެ ތޮށިގަނޑަށް ވެސް ކުދި އަނިޔާވެ، ލޯ ވެސް ދުޅަވެފައި ހުރީ."

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެޕްރީލް 4، 2016 އިން ފެށިގެން ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި ގެންގުޅުމާއި އެއަށް ގޯނާކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެއީ ބޮޑު ޖޫރިމަނާއެއް ވެސް އަންނަ ކުށެކެވެ.

ލ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު ފުރޮޅާފައި އޮތް ވެލައެއް ސަލާމަތްކުރަން ރެސްކިއު ޓީމުން މަސައްކަތްކުރަނީ -- ފޮޓޯ: މޯލްޑިވްސް އަންޑަ ވޯޓާ އިނީޝީއޭޓިވް އިންސްޓަގްރާމް

ލ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު ފުރޮޅާފައި އޮތް ވެލައެއް ސަލާމަތްކުރަން ރެސްކިއު ޓީމުން މަސައްކަތްކުރަނީ -- ފޮޓޯ: މޯލްޑިވްސް އަންޑަ ވޯޓާ އިނީޝީއޭޓިވް އިންސްޓަގްރާމް

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ބުނާ ގޮތުން؛

- ގެއްލުން ދެނީ އެކައްޗަށް ނަމަ 20،000ރ. އިން ޖޫރިމަނާކުރެވޭނެ

- އިތުރުވާ ކޮންމެ އެއްޗަކަށް 25،000ރ. އިން ޖޫރިމަނާކުރެވޭނެ

- ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް ނަމަ، ކަނޑައެޅިފައިވާ އަދަދުގެ އިތުރަށް 10،000ރ. އިން ޖޫރިމަނާކުރެވޭނެ

އެ ގަވާއިދުގެ ދަށުން 2017 ވަނަ އަހަރުގައި، 12 ކުދި ވެލާ ހިފައި، ގެންގުޅުނު މީހަކު 149،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.

ލ. އަތޮޅުގެ ކަނޑުފަޅުތަކުގައި ގިނަ އަދަދަކަށް ވެލަޔާއި ކަހަނބު ދިރިއުޅޭ ކަމަށް ފަހުގެ ދިރާސާތަކުން ވެސް ވަނީ އެނގިފަ އެވެ. ސަރުކާރުން، މިދިޔަ ޑިސެމްބަރު މަހު 23 ގައި ލ. އަތޮޅު ހަ ސަރަހައްދެއް ހިމާޔަތްކުރި، އޭގެ ތެރެއިން، ދެ ސަރަހައްދެއްގައި ގިނަ އަދަދެއްގެ ވެލަޔާއި ކަހަނބު ދިރިއުޅެ އެވެ.

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ތަކެތީގެ "ނޭޝަނަލް ރެޑްލިސްޓް" ގައި އެންމެ ފުރަތަމަ ވެސް ހިމެނީ ވެލާގެ ބާވަތްތަކެވެ. އެ ލިސްޓުގައިވާ ގޮތުން، ވެލާ އަދި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު، ވަރަށް ބޮޑުވެފައިވެ އެވެ.