Roadha Mihaaru

ދުނިޔޭގެ ދުވަހު ގޫގުލްއަށް އެރީ ށ. އެރިޔަދޫ

މިއަދު ފާހަގަކުރާ "އާތު ޑޭ" ނުވަތަ ދުނިޔޭގެ ދުވަހުގެ މުނާސަބަތުގައި ގޫގުލްގެ ޑޫޑުލްގައި ރާއްޖޭގެ ރީތި ރަށެއް ކަމަށްވާ ށ. އެރިޔަދޫ ހިމަނައިފި އެވެ.

ދުނިޔޭގެ ދުވަހު ގޫގުލްއަށް އެރީ ށ. އެރިޔަދޫ
އިފްރާޒް އަލީ
އިފްރާޒް އަލީ

22 އެޕްރީލް 2025

މިއަދު ފާހަގަކުރާ "އާތު ޑޭ" ނުވަތަ ދުނިޔޭގެ ދުވަހުގެ މުނާސަބަތުގައި ގޫގުލްގެ ޑޫޑުލްގައި ރާއްޖޭގެ ރީތި ރަށެއް ކަމަށްވާ ށ. އެރިޔަދޫ ހިމަނައިފި އެވެ.

ދުނިޔޭގެ ދުވަހާ ގުޅުވައިގެން، ގޫގުލްގެ ހޯމް ޕޭޖުން ފެންނަ ޑޫޑުލް މިއަދު ހަދާފައިވަނީ ދުނިޔޭގެ އަޖައިބެއް ކަހަލަ ރީތި ހަ ތަނެއްގެ މަންޒަރުތައް ބޭނުންކޮށްގެންނެވެ. ޑޫޑުލްގައި ހިމަނާފައި ވަނީ އިނގިރޭސިބަހުން ގޫގުލް ކިޔާއިރު އޮންނަ ހަ އަކުރުގެ ބައްޓަން ސިފަވާ ގޮތަށް އޮންނަ ތަންތަނެވެ.

ޑޫޑުލްގައި، ހިތްގައިމު އެރިޔަދޫ އޮތީ ގޫގުލްގެ "ޖީ" އަކުރުގެ ގޮތުގަ އެވެ.

އެރިޔަދޫއަކީ ހުއިފިލަނޑާ އާލާކުރުމަށް ސަރުކާރުން ވަރަށް ކުރީއްސުރެ އަމިއްލަ މީހަކަށް ކުއްޔަށް ދޫކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގެ ހާއްސަ، ރީތި ނޫފެހި ވިލު ބޭނުންކުރަމުން އަންނަނީ ހުއިފިލަނޑާ އަލާކުރުމަށެވެ.

ޑޫޑުލްގައި އެ ރަށް ހިމެނުމަށް ފަހު ގޫގުލް އިން ބުނީ މިފަހަރު "ޖީ" އަކުރު ހާއްސަކުރީ ރާއްޖެއަށް ކަމަށެވެ.

"ބިން ތިރިކޮށް ހެދިފައި އޮންނަ ސުވަރުގެއް ފަދަ ރާއްޖެ. މި ރީތި ޖަޒީރާ ގައުމު އެކުލެވިގެންވަނީ ވައް ބައްޓަމަށް އޮންނަ، މުރަކަ ފަރުތަކެއްގެ މަތީގައި އުފެދިފައިވާ ވިހި އަތޮޅުގެ މައްޗަށް. މި އަތޮޅުތަކުގައި ރީތި ފަޅުތައް ހުރޭ. އަދި 'އެޓޯލް' މި ބަސް އައިސްފައި ވަނީ ވެސް ދިވެހިބަހުން،" ގޫގުލް އިން ބުންޏެވެ.

އެރިޔަދޫ

އެރިޔަދޫ

ޑޫޑުލްގައި "އޯ" އަކުރުގައި ހިމަނާފައި ވަނީ ފްރާންސްގެ އެލްޕްސް ފަރުބަދަތަކެވެ. އެއީ ހިލަ ފަރުބަދަތަކާއި ރީތި ފެހި ގަސްތަކުން ޖަރީވެފައި އޮންނަ ރީތި ސަރަހައްދެކެވެ.

ދެވަނަ "އޯ" އަކުރުގައި ހިމަނާފައި ވަނީ ރީތި ކޯރަކާ އެކު އޮންނަ، ގަސްގަހާގެއްސާއި ދިރުންތަކުން މުއްސަނދި ސަރަހައްދެއް ކަމަށްވާ ކެނެޑާގެ ކޯޓް-ނޯޑެވެ.

ދެވަނަ "ޖީ" އަކުރުގައި އާޖެންޓީނާ ދެކުނުގެ ސަރަހައްދެއް ކަމަށްވާ މެންޑޯޒާގެ މަންޒަރެއް ހިމަނާފައިވާއިރު، "އެލް" އަކުރުގައި ހިމަނާފައި ވަނީ އެމެރިކާގެ ޔޫޓާގެ ހަނަފަސް ސަރަހައްދެކެވެ. އަދި "އީ" އަކުރު ހާއްސަކޮށްފައި ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި އޮންނަ ހިކިފަސް ސަރަހައްދަކަށެވެ.