Roadha Mihaaru
ރާއްޖޭން ޓައިގާ ދިނީ ތިމާވެށި ހިމާޔަތްކުރުމުގެ މެސެޖު

ރާއްޖޭން ޓައިގާ ދިނީ ތިމާވެށި ހިމާޔަތްކުރުމުގެ މެސެޖު

15 ނޮވެމްބަރ 2020

ރާއްޖޭގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް އޭނާ ހުރި ރިސޯޓްގެ މޫދުގައި ނަގާފައިވާ ފޮޓޯއަކާ އެކު މުޅި ދުނިޔެ އަށް ހާއްސަ މެސެޖެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް އޭނާ ހުރި ރިސޯޓްގެ މޫދުގައި ނަގާފައިވާ ފޮޓޯއަކާ އެކު މުޅި ދުނިޔެ އަށް ހާއްސަ މެސެޖެއް ދީފި އެވެ.

މޫދުގައި ހުރެ ނަގާފައިވާ ފޮޓޯގެ ކެޕްޝަނުގައި ޓައިގާ ދިނީ ދުނިޔެ ހިމާޔަތްކުރަން އަހަރެމެންނަށް ކުރަން ޖެހުނު ކޮންމެ ކުރަން ޖެހޭނެ ކަމުގެ މެސެޖެވެ.

މިހާރު ވެސް އިންސާނުގެ ނޭދެވޭ އަމަލުތަކާ ހެދި ދުނިޔެ ހޫނުވުން އިތުރުވެ، ދުނިޔޭގެ ދެ ތަނޑީގައި ހުރި ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. މިކަމުގެ ބިރު އެންމެ ބޮޑީ ބިން ތިރި ރާއްޖެ ފަދަ ގައުމުތަކަށެވެ. އެހެންވެ ޓައިގާގެ މެސެޖް ރައްދު ވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ހިމާޔާތްކުރުމުގެ މުހިއްމު ކަމަށެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޗުއްޓީ އަށް ޒިޔާރަތްކުރި ޓައިގާ މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގެ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓްގަ އެވެ. ޓައިގާއާ އެކު އޭނާގެ ލޯބިވެރިޔާ ބަތަލާ ޑިޝާ ޕަޓާނީ ވެސް އަންނަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ދެ ތަރިން އެތަނުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ޗުއްޓީ އަށް ރާއްޖެ އަށް ޒިޔާރަތްކުރަމުން އަންނަ އިރު، ކުރިއަށް އޮތީ އާ އަހަރާ ކުރިމަތިލުން ކަމަށްވާތީ އާ އަހަރާ ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ތަރިން ރާއްޖެ އަށް އަންނާނެ ކަމަށް ބެލެވެ އެވެ. އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މަންޒިލެވެ.

ދިވެހިން އެންމެ ގަޔާވާ އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އައިސް ރާއްޖޭގެ ރީތިކަމުގެ ވާހަކަ ފޮޓޯތަކާއި ވީޑިއޯތަކުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާތީ މިއީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ވެސް ކަމެކެވެ.