Roadha Mihaaru
ބިސްއަޅަން ރަންވޭއަށް އެރިކަމަށް ބެލެވޭ ވެލާ މަރުވެއްޖެ

ބިސް އަޅަން މާފަރު ރަންވޭއަށް އެރިކަމަށް ބެލެވޭ ވެލާ މަރުވެފައި އޮއްވައި ފެނިއްޖެ

14 އެޕްރީލް 2019

ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭއަށް ބިސް އަޅަން އެރި ކަމަށް ބެލެވޭ ވެލާ މަރުވެގެން އެ ރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭއަށް ބިސް އަޅަން އެރި ކަމަށް ބެލެވޭ ވެލާ މަރުވެގެން އެ ރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.

މާފަރު އެއާޕޯޓުގެ ރަންވޭއަށް ވެލާ އަރައި ބިސް އަޅާފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވީ މިިދިޔަ އަންގާރަ ދުވަހު އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި، ބިސް އަޅަން އެރި ވެލާއާ، މަރުވެފައި އޮއްވައި ފެނުނު ވެލާގެ ބޭރުފުށުން އެއްގޮތް ނިޝާންތަކެއް ފެނެ އެވެ. އެގޮތުން ވެލާގެ ބޮލާއި އެއް ފިޔަގަނޑުގައި ހުރި ނިޝާންތައް ދިމާވެ އެވެ. މަރުވެފައި އޮއްވައި ފެނުނު ވެލާގެ ބުރަކަށި މަތިން ބޮޑު ތަންގަނޑެއް ގޭނިފައި ހުއްޓެވެ. އެހެންވެ އެއީ ރަންވޭމަތީގައި ވެލާ ދަމާފައި ގެންދިއުމުން ވެފައި ހުރި ގޮތެއް ކަމަށް ބެލެވެ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި ރަންވޭ މަތިން ވެލާ ފެނުނީ ބޯޓު ޖައްސަންވެގެން ރަންވޭ ޗެކްކުރަނިކޮށެވެ. އެވަގުތު އެމީހުން ވެލާ ވަގުތުން ގޮނޑުދޮށަށް ދޫކޮށްލީ އެވެ. އޭރު ވެސް ވެލާ އޮތީ ހަރަކާތެއް ނުކޮށް ކަމަށް އޭނާ ބުންޏެވެ.

މަރުވި ވެލާ މިހާރު ވަނީ ވަޅުލައިފަ އެވެ.

އެކަމާ ގުޅިގެން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ވެލާގެ ތޮށިގަނޑަށް ބަލައިލުމުން އެއަށް އަނިޔާކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންވެގެން އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ވެލާއާ ގުޅޭ ތަޖުރިބާކާރަކު ބުނިގޮތުގައި ވެލާ ބިސް ނާޅައި ހަށިގަނޑު ތެރޭގައި ގިނައިރު ބިސް ބެހެއްޓުމަކީ އެ މަރުވެދާނެ ކަމެކެވެ. ބިސް އަޅާނެ ތަނެއް ނުފެނިގެން މޫދަށް ވެސް ވަރަށް ގިނައިން ވެލާ ބިސްއަޅާ ކަމަށް އޭނާ ބުންޏެވެ.

އާންމުކޮށް ވެލާ ބިސް އަޅާނީ ހޭޅިފަށުގެ ދޮންވެލިގަނޑު ކޮނުމަށް ފަހު އެ ތަންތަނަށެވެ. އަދި މާފަރު އެއާޕޯޓް އަޅަމުންދާ ސަރަހައްދަކީ ކުރިން އާންމުކޮށް ވެލާ އަރައި އުޅޭ ސަރަހައްދެއް ކަމަށްވެ އެވެ.

ސިންގަޕޫރު ކުންފުންޏަކާ ހަވާލު ކޮށްގެން މާފަރުގައި އަޅަމުންދަނީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އެތަން ތަރައްގީ ކުރަނީ 2.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު، ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓު ވެސް ޖެއްސޭ ފެންވަރަށެވެ.