Roadha Mihaaru

ފަރުމަހާއި މިޔަރާއި މަޑީގެ އާބާދީ ދެނެގަތުމަށް ސާވޭކޮށްފި

ފަރުމަހާއި މިޔަރާއި މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ހާއްސަ ސާވޭއެއް ކޮށްފި އެވެ.

މިޔަރާއި މަޑީގެ އާބާދީ ދެނެގަތުމަށް ސާވޭކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

18 ޖުލައި 2025

ފަރުމަހާއި މިޔަރާއި މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ހާއްސަ ސާވޭއެއް ކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އެމްއެމްއާރުއައި އިން އެ ސާވޭގެ މަސައްކަތްކޮށްފައި ވަނީ މި މަހު ތިން ވަނަ ދުވަހުން ފަށައިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ސާވޭއަކީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން އެމްއެމްއާރުއައި އާއި މޯޓޭ މެރިން ލެބް ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެ ސާވޭގެ މައިގަނޑު ބޭނުމަކީ މާލެ އަތޮޅުގައި އުޅޭ ފަރުމަހާއި މިޔަރާއި މަޑީގެ އަބާދީ ދެނެގަތުމެވެ. އަދި އެ ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ވެސް ބޭނުންކޮށްފައިވެ އެވެ.

ބީއާރުޔޫވީއެސްއަކީ މެރިން ބަޔޮލޮޖީ ރިސާޗުގެ ކަންކަމުގައި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ އެކަމަށް ހާއްސަކޮށްފައިވާ ސިސްޓަމެކެވެ.