Roadha Mihaaru
އާ ދިރާސާއެއްގައި ބުނަނީ މިޔަރާއި މަޑި ހުސްވެދާނެއޭ

އާ ދިރާސާއެއްގައި ބުނަނީ މިޔަރާއި މަޑި ހުސްވެދާނެ ކަމަށް

02 ފެބުރުއަރީ 2021

ގިނަ އަދަދަކަށް މަސްހިފުމުގެ ސަބަބުން މިޔަރާއި މަޑީގެ ބާވަތްތައް ކަނޑުތަކުން ހުސްވެދާނެކަމުގެ އިންޒާރު އާ ދިރާސާއަކުން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ އަދަދަކަށް މަސްހިފުމުގެ ސަބަބުން މިޔަރާއި މަޑީގެ ބާވަތްތައް ކަނޑުތަކުން ހުސްވެދާނެކަމުގެ އިންޒާރު އާ ދިރާސާއަކުން ދީފި އެވެ.

ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ފާއިތުވި 50 އަހަރުގެ ތެރޭގައި ކަނޑުތަކުން ވަނީ މިޔަރާއި މަޑީގެ ބާވަތްތައް ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވާނީ އެ ބާވަތްތައް އެއްކޮށް ހުސްވުން ކަމަށް ބުންޏެވެ. ރިޕޯޓުން ދައްކާ ގޮތުގައި ދުނިޔޭގެ ކަނޑުތަކުގައި މިޔަރާއި މަޑީގެ ބާވަތްތައް ހުރި މިންވަރަށް ބަލާ އިރު 1970-2018 އާ ދޭތެރޭ އެ ނިސްބަތް ވަނީ 71.1 ޕަސެންޓަށް ދަށްވެފަ އެވެ.

"މިއީ ހަގީގަތުގައި ވަރަށް ބިރުވެރި ސިގްނަލެއް. މިކަމާ އަހަރެމެން މިހާރުން މިހާރު ފިޔަވަޅު އަޅަން ނުފަށައިފި ނަމަ މިޔަރާއި މަޑީގެ ބާވަތްތައް ހުސްވުމުގެ ބިރު ވަރަށް ބޮޑު. މިއީ އެހެން ދިރޭ ބާވަތްތައް ހުސްވުޔމުގެ ބިރު އޮތް މިންވަރަށް ނާ ބޮޑަށް ވެސް ކަންބޮޑުވާން ޖެހޭ ވަރުގެ ސިގްނަލެއް،" ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި ކެނެޑާގެ ސައިމަން ފްރޭޒާ ޔުނިވަސިޓީގެ ބައޮލޮޖިސްޓް ނިކް ޑަލްވީ ވިދާޅުވި އެވެ. "މިކަމާ އަޅާނުލައި ތިއްބައި މާ ލަސްވެދާނެ."

އާބާދީ ވަރަށް ބޮޑަށް ދަށްވެ ހުސްވުމުގެ ބިރު އެންމެ ބޮޑަށް އޮތް 31 ބާވަތެއް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިރު މިޔަރާއި މަޑި ހިމެނޭ ގޮތަށް 24 ބާވަތެއްގެ ދިރުން ވަނީ އެއްކޮށް ހުސްވުމުގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށް ރިޕޯޓްގައި ބުންޏެވެ.

"ހަގީގަތުގައި ވެސް ވަރަށް ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ފާހަގަކުރެވެން އޮތީ. އެތާއި ރައިނޯ ފަދަ ޖަނަވާރުތައް ހުސްވުމުގެ ބިރަށް ވުރެ މާ ބޮޑު ކަނޑުގެ ވަރަށް މުހިއްމު ދިރުންތަކެއްގެ ގޮތުގައި ބެލެވޭ މިޔަރާއި މަޑީގެ ހާލަތު އޮތް މިންވަރު،" ނިކް ވިދާޅުވި އެވެ.

މި ދިސާރާ އަށް ވަނީ ބައޮޑައިވަސިޓީގެ މައިގަނޑު ދިރާސާތަކަށް ބޭނުންކުރާ ދެ އިންޑިކޭޓަރެއް ވެސް ބޭނުންކޮށްފަ އެވެ. އެއީ ނެތިދިއުުމުގެ ބިރު އޮތް މިންވަރު އަންގައިދޭ ރެޑް ލިސްޓް އިންޑެކްސް އާއި ދިރުންތަކުގެ އާބާދީ އަށް އަންނަ ބަދަލުތަކާ އެކު މަދުވާ ވަރު ވަޒަންކޮށްދޭ ލިވިން ޕްލެނެޓް އިންޑެކްސް އެ އެވެ. މި ދެ އިންޑިކޭޓަރުން ވެސް ކިރާ އިރު ވެސް ދުނިޔޭގެ ކަނޑުތަކުގައި ހުރި މިޔަރާއި މަޑީގެ ބާވަތްތަކުގެ އާބާދީ ދަނީ ވަރަށް ބޮޑަށް ދަށްވަމުންކަން ކަށަވަރުކޮށްދޭ ކަމަށް ދިރާސާ ރިޕޯޓްގައި ބުންޏެވެ.

މަޑިއެއް.

މަޑިއެއް.

"މިއީ ވަކި ސަރަހައްދުތަކަކުން ފާހަގަކުރެވޭ މައްސަލައެއް ނޫން. ޖުމްލަކޮށް މުޅި ދުނިޔޭގެ ކަނޑުތަކުން ވެސް އެތައް ބާވަތެއްގެ ދަނީ މަދުވެ، ހުސްވުމުގެ ބިރާ ދިމާލަށް،" ނިކް ވިދާޅުވި އެވެ.

މި ގޮތަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ދާޖަހައިގެން މަސްވެރިކަން ކުރުމާއި މޫސުމީ ބަދަލުތައް ހިމެނެ އެވެ. ވަކިން ހާއްސަކޮށް "އޯވަޕިޝިން" އަކީ މައިގަނޑު ސަބަބެބެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 1970 ގެ ފަހުން އޯވަފިޝިންގެ ނިސްބަތް ވަނީ 18 ގުނަ އިތުރުވެފަ އެވެ.

މި މައްސަލަ އަށް ހައްލެއް ހޯދަން ރިޕޯޓްގައި ވަނީ ބައެއް ކަންކަން ކުރުމަށް ސަރުކާރުތަކަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް ރެގިއުލޭޓްކުރުމާއި ދެމެހެއްޓެނިވި މަސްވެރިކަމަށް ހިތްވަރު ދިނުމާއި މިޔަރާއި މަޑި ފަދަ ބާވަތްތައް ހިފުން މަނާކުރުމުގެ އުސޫލުތައް މިހާރަށް ވުރެ ހަރުކަށިކުރުން ފަދަ ކަންކަން ހިމެނެ އެވެ.