Roadha Mihaaru
މިޔަރު ބޭނުމުން ލިބޭނެ ގެއްލުން މާ ބޮޑު: ޖަމިއްޔާތައް

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން ލިބޭނެ ގެއްލުން މާ ބޮޑުވާނެ: ޖަމިއްޔާތައް

15 ޖުލައި 2024

ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުއްދަ ދީފި ނަމަ އޭގެ ސަބަބުން އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް ފޮނުވި ސިޓީއެއްގައި ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުއްދަ ދީފި ނަމަ އޭގެ ސަބަބުން އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް ފޮނުވި ސިޓީއެއްގައި ބުނެފި އެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ 13 ޖަމިއްޔާއެއް ގުޅިގެން "މޯލްޑިވްސް އޯޝަން އެލައެންސް"ގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި އެ ސިޓީގައި ބުނީ، ބައެއް ވިޔަފާރިވެރިންނާއި ބައެއް މަސްވެރިން، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ގޮވާލަނީ އެކަމުން މާލީ ފައިދާއެއް ލިބޭނެ ކަމަށް ވިސްނައިގެންނާއި އާންމުންގެ ބައެއް މީހުންގެ މެދުގައި މިޔަރާ މެދު އޮތް ނުތަނަވަސްކަން އަދި މިޔަރުގެ ސަބަބުން ފަރު މަސްވެރިކަމަށް ހުރަސްއެޅޭތީ ކަމަށެވެ. ނަމަވެސް، މި ސަބަބުތަކަށް ރިއާޔަތްކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ވަރަށް މުހިންމު އެހެން ކަންތައްތަކެއް އެބަހުރި ކަމަށް އެ ސިޓީގައި ބުންޏެވެ.

އެ ސިޓީގައި ބުނީ، މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ކަނޑުފަޅުގެ ވެއްޓަށް ފާއިތުވި އަހަރުތަކުގައި ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ އޭގެ ނަތީޖާ ހިތިވެދާނެ ކަމަށް ބުންޏެވެ.

މިޔަރުގެ މަސްވެރިކަމަކީ 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރަމުން އައި ވިޔަފާރިއެކެވެ. މިޔަރުގެ އުރަހަ އާއި ތެޔޮ ވިއްކުން ކަހަލަ އެތައް ކަމަކުން އާމްދަނީ ހޯދި އެވެ. އެކަމަކު މީގެ 13 އަހަރު ކުރިން މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ އޭގެ އާބާދީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވުމުންނެވެ.

މިޔަރަކީ ވަރަށް ލަހުން އޭގެ އާބާދީ ބޮޑުވާ ބާވަތުގެ މަހެކެވެ. އެހެންވެ، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން ރާއްޖޭގެ ކަނޑުފަޅުން މިޔަރު ނެތިގެން ދިއުމުގެ ފުރުސަތު އޮތްކަން، މީގެ ކުރިން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮށްފައިވާ މިޔަރާ ގުޅޭ ބައެއް ދިރާސާތަކާ ހަވާލާދީ މި ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނި ގޮތުގައި، މީގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރާއްޖޭގެ އިގުތިސާދީ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމަށެވެ. މިޔަރު ހިމާޔަތްކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތަށް މުޅި ދުނިޔޭގެ ތައުރީފު ވަނީ ލިބިފަ އެވެ. އެހެންވެ، މިޔަރު ގިނަވުމުގެ ފައިދާ އެ ސިނާއަތަށް ކުރެ އެވެ. ރާއްޖޭގައި ޑައިވްކުރާ ސަރަހައްދުތަކުން މިޔަރު ފެންނަލެއް އިތުރުވުމުން އެ މަންޒަރު ބަލަން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ގިނަ އެވެ.

"މި ކަހަލަ [ޑައިވް] ޓޫރިޒަމުން ރާއްޖޭގެ އިގުތިސާދަށް ސީދާ އާމްދަނީގެ ގޮތުގައި އަހަރަކު 14.4 މިލިއަން ޑޮލަރު ލިބޭ ކަމަށް އަންދާޒާކުރެވޭ. އަދި އަމިއްލަ ވިޔަފާރިތަކަށް އިތުރު 51.4 މިލިއަން ޑޮލަރު ލިބޭ ކަމަށް ވެސް އަންދާޒާކުރެވޭ. މިއީ މިޔަރު ބާނައިގެން ލިބޭނެ އާމްދަނީ އަށް ވުރެ މާ ބޮޑު އާމްދަނީއެއްކަން ސާފުކޮށް އެނގޭ،" އެ ސިޓީގައި ވެ އެވެ.

މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ކުރިއެރުމާ ގުޅޭ ގޮތުން 2018 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކާ ހަވާލާދީ އެ ސިޓީގައި ބުނި ގޮތުގައި، މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގައި "ޑައިވް ޓޫރިޒަމް" ވަނީ 15 ޕަސެންޓް ކުރިއަރައިފަ އެވެ.

އެހެންވެ، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ ބައިނަލްއަގުވަމީ މައިދާނުގައި ރާއްޖެއިން މިހާރު ހޯދާފައިވާ ރީތި ނަން ހަރާބުވެ އަދި ރާއްޖޭގެ އިގުތިސާދަށް އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެތީ އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެފަދަ ނިންމުމަކުން ކުރާނީ ވަގުތީ ފައިދާއެއް އެކަނި ކަމަށް އެ ސިޓީގައިވެ އެވެ.

މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދޭން އުޅޭ ކަމަށް ބުނެ މިފަހުން ސޯޝަލް މީޑިއާގައި ދައުރުވި ވާހަކަތަކާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ މިޔަރު މަސްވެރިކަން ހުއްދަ ކުރަން އެއްވެސް މަޝްވަރާއެއް މިހާތަނަށް ނުކުރާ ކަމަށެވެ.

މަސްވެރިންނަށް އުނދަގޫވާ ވަރަށް މިހާރު މިޔަރު އުޅޭ ކަމަށް ބުނެ ބައެއް މަސްވެރިން ދޭތެރެއަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އެކަމާ ގުޅިގެން މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓޫޓް (އެމްއެމްއާރުއައި) ކުރިން ހާއްސަ ދިރާސާއެއް ވެސް ކުރި އެވެ. މީގެ ތިން އަހަރު ކުރިން ހެދި އެ ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި، ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކުރި ހިސާބުން ފެށިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިޔަރުގެ އާބާދީ އާދަޔާ ހިލާފަށް އިތުރުވެފައި ނުވެ އެވެ.

ފިޝަރީޒް މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި، އެމްއެމްއާރުއައި އިން އަންނަނީ މިކަމާ ގުޅޭ އިތުރު ދިރާސާއެއް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.