Roadha Mihaaru
ކަނޑުމަހުގެ ސްޓޮކް ހުސްވުމުގެ ބިރު ކުޑަވެއްޖެ

ކަނޑުމަހުގެ ސްޓޮކް ހުސްވުމުގެ ބިރު ކުޑަވެއްޖެ

06 ސެޕްޓެމްބަރ 2021

ދުނިޔޭގެ ކަނޑުތަކުން ކަޅުބިލަމަހުގެ ބާވަތްތައް ވަރަށް ބޮޑަށް މަދުވި ނަމަވެސް މިހާރު އެ މަހުގެ ސްޓޮކް އިތުރުވަމުން އަންނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ ކަނޑުތަކުން ކަޅުބިލަމަހުގެ ބާވަތްތައް ވަރަށް ބޮޑަށް މަދުވި ނަމަވެސް މިހާރު އެ މަހުގެ ސްޓޮކް އިތުރުވަމުން އަންނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މި މަހުގެ 3-11 އަށް ފްރާންސްގެ މާސިލީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޔުނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ވޯލްޑް ކޮންގްރެސްގައި އާންމުކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ކަޅުބިލަމަހުގެ އާބާދީ ހުސްވެދާނެކަމުގެ ބިރު ހީވެފައި ވަނިކޮށް، ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުން އެ މަހުގެ އާބާދީ މިހާރު އިތުރުވެ، އަންނަނީ ހެޔޮ ބަދަލުތަކެއް ފެންނަމުންނެވެ. އެގޮތުން، ކަޅުބިލަމުގެ ސްޓޮކް މިހާރު އޮތީ އެހާ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި ނޫނަސް އެ މަހުގެ ބައެއް ބާވަތްތަކުގެ ސްޓޮކް އަދިވެސް ކަންބޮޑުވާން ޖެހޭ ވަރަށް މަދު ކަމަށް ބުންޏެވެ.

ކަނޑުގެ ދިރުންތަކަށް ބަލާ އިރު، މިޔަރާއި މަޑީގެ އާބާދީ އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ފައްތަރެއްގަ އެވެ. އެގޮތުން ކޮންމެ 10 މިޔަރުން ހަތަރު މިޔަރާއި ހަމަ އެ ނިސްބަތުން މަޑީގެ އާބާދީ ވެސް އޮތީ ހުސްވެދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ.

ހުސްވެދާނެކަމުގެ ބިރު އޮތް ކަނޑުގެ ދިރުންތަކަށް ބަލާ އިރު އައިޔޫސީއެން އިން އެކުލަވާލާފައިވާ ލިސްޓުން މިހާރު ދައްކާ ގޮތުގައި ކަޅުބިލަމަހުގެ ހަތް ބާވަތެއްގެ ތެރެއިން ހަތަރު ވައްތަރެއްގެ ސްޓޮކަށް ކުރިއެރުންތަކެއް ލިބިފައިވެ އެވެ. އެގޮތުން ހުސްވެދާނެކަމުގެ ބިރު އޮތް އެޓްލާންޓިކް ބްލޫފިން ޓޫނާގެ ސްޓޮކް މިހާރު ދަރަޖަކޮށްފައި ވަނީ ކަންބޮޑުވާން ނުޖެހޭ ކަމެއްގެ ގޮތުގަ އެވެ. އަދި ސަދަން ބްލޫފިން ޓޫނާ ދަރަޖަކޮށްފައި ވަނީ ހުސްވެދާނެކަމުގެ ބިރު ވަރަށް ބޮޑަށް ކުރިން އޮތް ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެފައިވާ ސްޓޮކެއްގެ ގޮތުގަ އެވެ. އަދި އަލްބަކޯ އާއި ޔެލޯފިން ޓޫނާ ދަރަޖަކޮށްފައި ވަނީ އާބާދީ ވަރަށް ބޮޑަށް ދަށްވުމުގެ ބިރާ ގާތަށް ދިއުމަށް ފަހު، މިހާރު ސްޓޮކް ކަންބޮޑުވާން ނުޖެހޭ ހާލަތެއްގައި ހުރި ބާވަތެއްގަ ގޮތުގަ އެވެ.

އެކަމަކު އައިޔޫސީއެން އިން ފާހަގަކޮށްފައިވާ ގޮތުގައި ބައެއް ސަރަހައްދުތަކުގެ ކަނޑުތަކުގައި ކަޅުބިލަމަހުގެ ސްޓޮކް ހުރީ ކަންބޮޑުވާ ޖެހޭ މިންވަރެއްގަ އެވެ. އެގޮތުން ޔެލޯފިން ޓޫނާގެ ސްޓޮކް އިންޑިއާ ކަނޑުގައި މަދު އިރު، ބްލޫފިން ޓޫނާ އެޓްލާންޓިކްގެ ކަނޑުގެ ހުޅަނގު ސަރަހައްދުތަކުގައި މަދެވެ.

އައިޔޫސީއެންގެ ޑިރެކްޓަރު ޖެނެރަލް ޑރ. ބްރޫނޯ އޮބަލީ ވިދާޅުވި ގޮތުގައި ޖުމްލަކޮށް ކަނޑުގެ ދިރުންތަކުގެ ސްޓޮކާ މެދު އުންމީދީ ނަޒަރަކުން މިހާރު ދެކެވުނަސް މި ހިސާބުން އަދި މިކަން ލުއިކޮށް ނަގައިގެން ނުވާނެ އެވެ.

"ދެމަހެއްޓެނިވި ގޮތަކަށް ކުރެވޭ މަސައްކަތުން ހަގީގަތުގައި ޖީލުތަކަކަށް މިކަން ދެމިގެން ދާނީ. އެހެންވީމަ އެބަޖެހޭ ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ބައޯޑައިވަސިޓީ ކޮންޒަވޭޝަނަށް މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.

ބްރޫނޯ ވިދާޅުވި ގޮތުގައި މުހިއްމު ކަމަކީ ކަނޑާއި އެއްގަމުގެ ދިރުމެއް ވިޔަސް، އެއްވެސް ބާވަތެއް "ރެޑް ލިސްްޓް" އަށް ނާރުވައިވޭތޯ ބެލުމެވެ.