Roadha Mihaaru
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!

ލޭނުގެ މަސްވެރިކަން ހުއްދަކުރުން: ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުންތަކާއި އިންޒާރު!

18 އޯގަސްޓް 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލި އަދި ލޯ ބޮޑު ކަންނެއްޔަށް އަމާޒު ކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައި އެކަމާ ގުޅޭ ގަވާއިދު ވަނީ އެކުލަވާލައިފަ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލި އަދި ލޯ ބޮޑު ކަންނެއްޔަށް އަމާޒު ކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައި އެކަމާ ގުޅޭ ގަވާއިދު ވަނީ އެކުލަވާލައިފަ އެވެ.

އެކަމަކު، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލީ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެވެ.

ޖަމިއްޔާތަކުން ވަނީ އެ ކަންކަން ފާހަގަކޮށް، ސަރުކާރަށް ކަރުދާހެއް ހުށަހަޅައިފަ އެވެ. ލޭނު އެޅުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރާއި ރާއްޖޭގެ ސިނާއަތްތަކަށް ކުރާނެ އަސަރު ވަރަށް ތަފްސީލްކޮށް އެ ކަރުދާހުގައި ބަޔާން ކޮށްފައި ވެ އެވެ.

މިޔަރާއި ކަނޑުމަތީ ދޫނިތަކާއި ވެލާ އާއި ކަހަނބާއި ކޯމަސް އަދި ބޮޑުމަސް ފަދަ ދިރުންތައް ލޭނުގައި ޖެހި، މަރުވެ އެވެ. މިހާރު ވެސް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ މި ދިރުންތަކުގެ އާބާދީ ލޭނު މަސްވެރިކަމާ ހެދި ވަރަށް ބޮޑު ތަން ދަށަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

ސަރުކާރުގެ ވިސްނުން ހުރީ "ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރު ނެގުމަށް ހުއްދަ ދޭށޭވެ. އޭރުން މިޔަރުގެ މަސްވެރިކަން ކުރުމަށް މާލީ ގޮތުން ފައިދާ ވިޔަސް އޭގެ ސަބަބުން ހައްދުފަހަނައަޅައިގެން މަސްވެރިކަން ކުރުމަށް ބާރު ދެވި، މަގުފަހިވާނެ ކަމަށް ޖަމިއްޔާތަކުން ގަބޫލުކުރެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ބްރޭންޑަކީ ދޮށީގެ މަސްވެރިކަމެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިން ކުރާ މަސްވެރިކަމެވެ. ނަމަވެސް، ދިވެހި މަސްވެރިންގެ ޒަމާންވީ މި ސިނާޔަތަށް ލޭނުގެ މަސްވެރިކަމުގެ ސަބަބުން ބުރޫ އަރާނެ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

"...ލޭނުގެ މަސްވެރިކަމުގެ ސަބަބުން ޕޯލް އެންޑް ލައިން އަދި ހޭންޑްލައިން މަސްވެރިކަމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވުމުގެ އިތުރުން މަސްވެރިންގެ ސަޕްލައި އަންޑަކަޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ. ދޮށީގެ މަސްވެރިކަން އަދި ހޭންޑްލައިން މަސްވެރިކަމުން ދިވެހި މަސްވެރިންނަށް އާމްދަނީ ލިބި، މި ބާވަތުގެ މަސްވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މެރިން ބަޔޯޑައިވަސިޓީ ރައްކާތެރިކުރެވޭ،" ޖަމިއްޔާތަކުން ބުންޏެވެ.

"އެހެންކަމުން ލޭނުގެ މަސްވެރިކަމުގެ ސަބަބުން ފައިދާ ވާނީ ކޯޓާ ހޯދުމުގެ ގާބިލުކަން ހުރި މަދު ބަޔަކަށް. އަދި މިކަމުގެ ސަބަބުން ކޯޓާތަކުގެ ކަޅު ބާޒާރެއް އުފެދި ދިވެހިރާއްޖޭގެ އީއީޒެޑް ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވާނެ."

ލޭނު އެޅުމާ ދެކޮޅަށް އޯޝަން އެލައިންސް އިން ހަދާފައިވާ ޕޯސްޓަރެއް

ލޭނު އެޅުމާ ދެކޮޅަށް އޯޝަން އެލައިންސް އިން ހަދާފައިވާ ޕޯސްޓަރެއް

ޖަމިއްޔާތަކުން ބުނީ މިޔަރާއި ކަންނެއްޔާއި ހިބަރަކީ ކަނޑުގެ މާހައުލުގައި އިސްކޮށް ޝިކާރަކޮށް އުޅޭ މަސްތަކަށްވުމުން މިއީ ކަނޑުގެ މާހައުލާއި ހިނގުން ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސްތަކެއް ކަމަށެވެ. ލޭނުގެ މަސްވެރިކަން ކުރުމުގެ ތެރެއިން ބޮޑެތި ޝިކާރަ ކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގާތަކަށް ބަދަލު އައިސް އޭގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރު ކުރާނެ އެވެ.

ޖަމިއްޔާތަކުން ދެކޭ ގޮތުގައި ލޭނުގެ މަސްވެރިކަން ހުއްދަ ކުރުމުން، ގިނަ އަދަދަކަށް މިޔަރު ބޭނޭނެތީ، އޭގެ ސަބަބުން ރާއްޖޭގެ ނަމާއި އަގަށް ވެސް ދިގު މުއްދަތުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ރާއްޖެ އަށް މިޔަރާ އެކު، ފީނުމަށް އަންނަ ޓޫރިސްޓުންނާ ގުޅުން ހުރި ވިޔަފާރިތަކަށް އަހަރަކު 51.4 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.

މިޔަރުގެ އާބާދީ މަދުވުމުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރޭ ތަކެއްޗަށް އަސަރުކޮށް، މެރިން ޓުއަރިޒަމްގެ އެންމެ ބޮޑު މަންޒިލެއްގެ ގޮތުގައި އޮންނަ ރާއްޖޭގެ ހިތްގައިމުކަމާއި ޝަރަފު ގެއްލި އޭގެ ސަބަބުން ޓޫރިޒަމްގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެ ކަމުގެ އިންޒާރު ވެސް ޖަމިއްޔާތަކުން ދިނެވެ.

"ލޭނު މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ މަދުވެއްޖެ ނަމަ، މިޔަރާއެކު އެކު ފީނުމުގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށް، މުޅި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފީނުމުގެ ހަރަކާތްތައް ހިންގާ ފަރާތްތަކާއި ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކާއި ރިސޯޓުތަކާއި ރެސްޓޯރަންޓުތަކާއި ފިހާރަތަކާއި އަދި މުދާ ސަޕްލައިކުރާ ފަރާތްތަކަށް ބޮޑެތި އިގްތިސާދީ ގެއްލުންތަކެއް ލިބޭނެ،" ޖަމިއްޔާތަކުން ބުންޏެވެ.

ޖަމިއްޔާތަކުގެ ކަރުދާހުގައި ދެން ބުނެފައި ވަނީ:

- ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުން ޓޫނާ ސްޓޮކް މަދުވެ، މަސްވެރިކަމަށް އަސަރު ކޮށްފި ނަމަ ދިވެހިންގެ އާންމުގެ ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ ޓޫނާގެ ބާވަތްތަށް ލިބުން ދަތިވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށް ބުރޫ އަރާނެ.

- ޓޫނާގެ ބާވަތްތައް މާ ގިނައިން މަސްވެރިކަން ކުރަން ފެށުމުން، ޑިމާންޑްތައް ފުއްދުމަށް ޓަކައި ރާއްޖެ އިތުރަށް އިމްޕޯޓަށް ބަރޯސާވާން ޖެހުމުގެ ފުރުސަތު ބޮޑުވާނެ.

- މޫސުމަށް އަންނަ ބަދަލުތަކާއި އެއާ ގުޅުން ހުރި އެހެނިހެން ޝޮކްތައް (ޕެންޑެމިކް ފަދަ) ދިމާވާ ވަގުތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ.

- ލޭނުގެ މަސްވެރިކަމުގެ ފައިދާއަކީ ކުޑަ ރާސްތާ އަށް ބަލާއިރު، ބޮޑު ފައިދާއެއް ލިބޭ މަސައްކަތެއް ކަމަށް ފެނުނަސް އޭގެ ސަބަބުން ދުރުރާސްތާގައި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ލިބޭ ސީދާ އަދި ނުސީދާ ގެއްލުން މާބޮޑުވެދާނެ.

- ރާއްޖޭގައި މިހާރު ވެސް ކުރަމުން އަންނަ ވަން ބައި ވަން ޓޫނާ މަސްވެރިކަމަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ސިއްހަތާ ރައްކާތރިކަން ކަށަވަރުކޮށް، ދިގު މުއްދަތަކަށް އިގުތިސާދީ ފައިދާ ދެމެހެއްޓެނިވި ގޮތަކަށް ލިބޭނެ ކަމެއް.

ތާރީހީ ގޮތުން ބަލާއިރު، ލޭނުގެ މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުތަކުގައި ގިނައިން ވަޒީފާ އަދާކުރަނީ ބޭރުގެ ފަޅުވެރިން ކަމަށާއި ލޭނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު ބޭނުންކުރުމުގެ ތަމްރީނު ލިބިފައި ނުވާ ދިވެހި މަސްވެރިންނާ ވާދަކުރަން ޖެހޭނެ ކަމަށް ވެސް ޖަމިއްޔާތަކުން ދެކެ އެވެ. ލޭނުހެ މަސްވެރިކަމަށް ހުޅުވާލުމުން ރާއްޖޭގައި މިފަދަ އުޅަނދުތަށް ނެތުމުން ބޭރުގެ އުޅަދުތަކަށް ރާއްޖޭގައި މަސްވެރިކަން ކުރުމަށް ދޮރު ހުޅުވޭނެ ކަމަށް ވެސް ޖަމިއްޔާތަކުން ބުންޏެވެ.

ޖަމިއްޔާތަކުން ސުވާލު އުފެއްދި އެއް ކަމަކީ، ގަވާއިދާ ހިލާފު ހަރަކާތްތައް ޕެޓްރޯލް ކުރުމާއި އިންސްޕެކްޓް ކުރުމާއި ދައުވާ ކުރުމަށް އެކަށީގެންވާ ފައިސާ އާއި މުވައްޒަފުން ތިބި ރެގިއުލޭޓަރީ ބޮޑީއެއް ހަރަކާތްތެރިވުމާ މެދުގަ އެވެ. ވެސެލް މޮނިޓަރިން ސިސްޓަމްސް (ވީއެމްއެސް) އާއި ސެޓެލައިޓް ޓްރެކިން ފަދަ ވަސީލަތްތަކާއި ޓެކްނިކަލް ތަޖުރިބާއެއް ވެސް މިވަގުތު ނެތް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

ލޭނުގެ މަސްވެރިކަމަކީ ދުރު ސަރަހައްދުތަކަށް ދަތުރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި ފަޅުވެރިން ހޭދަކުރާ ކަމަކެވެ. މީގެ ސަބަބުން މަސްވެރިންނަށް ދިމާވާ ގިނަ މައްސަލަތަކުގެ ތެރޭގައި ދޯނިމަތީގެ ހާލަތު ދައްވުމާއި މަސްވެރިން ދިގު މުއްދަތަކަށް ރަށާ ދުރުގައި ތިބުމުން ކުރާ އަސަރުގެ އިތުރުން ސިއްހީ އަދި ނުރައްކާތައް އިތުރުވާނެ ކަމަށް ވެސް ޖަމިއްޔާތަކުން ގަބޫލުކުރެ އެވެ.

"ދިވެހިން އިސްކަންދެނީ އާއިލާއާ ގާތުގައި ތިބެވޭނެ ގޮތަށްް މަސްވެރިކަން ކުުރުމަށް ކަމަށް ވާތީ، ގިނަ ފަހަރު ލޭނު މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރުގައި ފަޅުވެރިން ގޮތުގައި އާންމު ގޮތެއްގައި ހިމެނެނީ ބިދޭސީން. ޒަމާނުއްސުރެ ދިވެހިން މަސްވެރިކަން ކުރާ ގޮތަށް ބަލާއިރު ގިނަގިނައިން އެނބުރި މުޖުތަމައަށް އައިސް މުޖުތަމައަށް އިޖުތިމާއީ ހަމަޖެހުމާއި މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ބާރުއަޅާ،" ޖަމިއްޔާތަކުން ބުންޏެވެ.