Roadha Mihaaru
ލޭނުގައި ޖެހި މަރުވާ މިޔަރު ބޭރުކުރުމުގެ ހުއްދަކުރަނީ

ލޭނުގެ މަސްވެރިކަމުގައި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުން ހުއްދަކުރަނީ

15 އޯގަސްޓް 2024

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ކެބިނެޓުން ނިންމާފައިވާތީ، ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ދިނުމަށް ލޭނު މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގައި ހިމަނައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ކެބިނެޓުން ނިންމާފައިވާތީ، ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ދިނުމަށް ލޭނު މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގައި ހިމަނައިފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ މާޗު މަހުގަ އެވެ.

އެ ނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ލޭނުގެ މަސްވެރިކަމުގައި ހިފޭ މިޔަރާއި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް ޕްރޮސެސް ކުރުމުގެ ހުއްދަ ދޭނެ އެވެ.

ނަމަވެސް، މިޔަރަށް އަމާޒު ކޮށްގެން ލޭނުގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަން ފާހަގަކޮށް، އެ ގޮތަށް ހިފޭ މިޔަރު "ބައިޗެކް" މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

ލޭނު އެޅުމުގެ ހުއްދަ ލިބޭ އެއްވެސް އުޅަނދެއްގެ ލޭނުކޮޅުގެ މިޔަވާލީގެ ގޮތުގައި ވަޔަރު ނުވަތަ ނަރު ބޭނުން ކުރުން މަނާކޮށްފައިވާއިރު، ލޭނުގައި އެޅޭ ޖެހޭ މިޔަރުގެ ތެރެއިން މަރު ނުވެ އޮންނަ މިޔަރު ވީހާ ވެސް އަވަހަކަށް ދޫކޮށްލަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެ އެވެ.

ލޭނުގައި ޖެހިގެން ގެނެވޭ މިޔަރު އެއްގަމަށް ގެންނައި އިރު ވެސް މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކި ކޮށްގެން ނުވާނެ އެވެ.

މިނިސްޓްރީން ބުނީ އެއީ މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ނޫން ކަމަށާއި މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް ކަމަށެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން މިޔަރު ޕްރޮސެސްކޮށް ބޭރު ކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި އެކަމުގެ ލައިސަންސް އޮންނަ ފަރާތްތަކަށެވެ. ލައިސަންސް އޮތް ނަމަވެސް މިޔަރުގެ ބާވަތްތައް ރާއްޖޭގެ މާރުކޭޓުގައި ވިއްކުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައި ވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޭނު މަސްވެރިކަމަށް މި ފަހަރު ހުޅުވާލާނީ ފާއިތުވީ ތަނުގައި ލިބިފައި ހުރި ތަޖުރިބާއަށް ބަލައި އެ މަސްވެރިކަމަކީ ދިވެހިންނަށް ފައިދާ ހުރި އަދި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް ހިމަނައިގެން ކަމަށެވެ.

މިނިސްޓްރީން ވަނީ އެ ގަވައިދަށް އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއްވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުށަހެޅުމަށް އެދިފަ އެވެ.