Roadha Mihaaru
މަސްވެރިކަމުގެ އާ ގަވައިދުގައި ބޮޑެތި ޖޫރިމަނާތަކެއް

މަސްވެރިކަމުގެ އާ ގަވައިދުގައި ބޮޑެތި ޖޫރިމަނާތަކެއް

01 ސެޕްޓެމްބަރ 2020

ގަވައިދާ ހިލާފުވާ މީހުން ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުން މަސްވެރިކަމުގެ އާ ގަވައިދު ހަދައި ގެޒެޓްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގަވައިދާ ހިލާފުވާ މީހުން ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުން މަސްވެރިކަމުގެ އާ ގަވައިދު ހަދައި ގެޒެޓްކޮށްފި އެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ނުހަދައިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް އާދީއްތަ ދުވަހު ގެޒެޓްކުރި ގަވައިދުން މަނާކޮށްފައިވާ ބައެއް ކަންތައްތައް ކުރުމުން ހަތަރު ލައްކަ ރުފިޔާއާ ހަަމައަށް ޖޫރިމަނާ ކުރަން އެ ގަވައިދުގައި ކަނޑައަޅާފައިވެ އެވެ.

އޭގެ އިތުރުން ގަވައިދާ ހިލާފު ބައެއް ކަންތައްތަކަށްް 10،000ރ. ގެ ޖޫރިމަނާ ވެސް އެ ގަވައިދުގައި ކަނޑައަޅާފައި ވެ އެވެ. އެންމެ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކަނޑައަޅާފައި ވަނީ ހިމާޔަތްކޮށްފައިވާ ބާވަތްތަައް ހިފުމާއި މެރުން އަދި އެ ތަކެތީގެ ވިޔަފާރިކުރުން ފަދަ ކުށްތަކަށެވެ. އަދި ދެވަނަ އަށް އެންމެ ބޮޑެތި ޖޫރިމަނާތައް ހުރީ މީހުންނަށް ބޮޑެތި ހާނީއްކަވުމާއި މީހުން މަރުވުން ފަދަ ކަންތައްތައް މެދުވެރިވާ ވަރުގެ އިހުމާލުތަކަށެވެ. ފީނުމުގައި ތަންފީޒުކުރަން ޖެހޭ އުސޫކުތަކާ ހިލާފުވުން އޭގެ ތެރޭގައި ހިމެނެ އެެވެ.

އެންމެ ބޮޑު ޖޫރިމަނާއެއް އަންނާނެ ކަންތައްތައް

ގަވައިދުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދު ކަމަށްވާ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާ އެއް ކުށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތްތައް ހިފުމާއި މެރުން އަދި އެ ތަކެތީގެ ވިޔަަފާރި ކުރުމެވެ. އެފަދަ ކަންތަކުގައި ބޮޑު އަދަދުން ޖޫރިމަނާކުރާނީ ލައިސަންސެއް ބޭނުންވާ ކަމެއް ކުރާ މީހުންނެވެ. ލައިސަންސެއް ބޭނުން ނުވާ މީހުން ޖޫރިމަނާކުރާނީ 5000ރ. އިންނެވެ. ހިމާޔަތްކޮށްފައިވާ ބާވަތަކަށް ގެއްލުން ދީފި ނަމަ ތިން ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. ހަތަރުލައްކަ ރުފިޔާއިން ޖޫރިމަނާކުރާ އަނެއް ކަމަކީ އޮއިވާލި ކަނދުފައްޗަށް ގެއްލުން ދިނުމެވެ.

ފީނުމުގެ ސެޓްފިކެޓެއް ނެތް މީހަކު ލައްވައި ފީނުމުގެ ސަބަބުން އެ މީހާއަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަމަ އެ އުޅަނދެއްގެ ކެޔޮޅު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ފީނަން ބޭނުންކުރާ އާލާތެއް ސާވިސްނުކޮށް ނުވަތަ ރައްކާތެރި ނޫން ގޮތަކަށް ހުރުމުގެ ސަބަބުން މީހަކަށް ހާނީއްކަވުން ނުވަތަ މަރުވުން ފަދަ ކަމެއް ހިނގުމަކީ ވެސް އެވަރުގެ ޖޫރިމަނާއެއް އަންނާނެ ކަމެކެވެ.

އާ ގަވައިދުގައި ވެސް ހިފުން މަނާކޮށްފައި ހުރީ ކުރިން ވެސްް ހިފުން މަނާ ބާވަތްތަކެވެ. އޭގެ އިތުރުން އެމުގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް އަމިއްލަ ބޭނުމަށް ދާޖަހައިގެން ހިފުން ވަނީ މަނާކޮށްފަ އެވެ.