Roadha Mihaaru
ލޭނު އަޅައިގެން ބޮޑު އާމްދަނީއެއް ހޯދޭނެ: މިނިސްޓަރު

ލޭނު އަޅައިގެން ބޮޑު އާމްދަނީއެއް ހޯދޭނެ، ނުކުރަންވީ ސަބަބެއް ނެތް: މިނިސްޓަރު

21 އޯގަސްޓް 2024

ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމުން މަސްވެރިކަމުގެ ސިނާއަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށާއި އެ މަސްވެރިކަމުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމުން މަސްވެރިކަމުގެ ސިނާއަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށާއި އެ މަސްވެރިކަމުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ރީނދޫއުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެއްޔާއި ހިބަރަށް އަމާޒު ކޮށްގެން ލޭނުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވައިލުމަށް ކެބިނެޓުން ނިންމައި، އެ ކަމަށް ހާއްސަ ގަވާއިދެއް ވަނީ އެކުލަވާލައިފަ އެވެ.

އެކަމާ ގުޅިގެން ބައެއް ޖަމިއްޔާތަކުންނާއި މަސްވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ރާއްޖެއިން ކުރާ ދެމެހެއްޓެނިވި މަސްވެރިކަމަށް އަސަރުކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގައި ޝަރަފު ގެއްލޭނެ ކަމަށް ވެސް ޖަމިއްޔާތަކުން ބުނެފައިވެ އެވެ. އެއީ އީޔޫ އިން ރާއްޖެ އަށް ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް އެ ޖަމިއްޔާތަކުން ދެކެ އެވެ.

ލޭނުގެ މަސްވެރިކަން މީގެ ކުރިން ކުރިއިރު، ގަވާއިދާ ހިލާފަށް އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރާ ކަން އީޔޫ އިން ހެދި އޮޑިޓުން ފާހަގަވެ، އެކަމާ ގުޅިގެން ސަރުކާރަށް އިންޒާރު ދިނެވެ. މިދިޔަ ސަރުކާރުން ލޭނު މަސްވެރިކަން ހުއްޓާލީ އެ އިންޒާރުތައް ލިބުމާ އެކު އެވެ.

ނަމަވެސް މިހާރު ފިޝަރީޒް މިނިސްޓަރު ޝިޔާމް މިއަދު ވިދާޅުވީ، ލޭނުގެ މަސްވެރިކަން ހުއްޓާލަން އެއްވެސް އިރަކު އީޔޫ އިން އަންގާފައި ނެތް ކަމަށާއި އެ މަސްވެރިކަން މަނާ ކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސީ ނިންމުމެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އީޔޫގެ ގައުމުތަކަށް އެތެރެކުރާ މަހުގެ ޓެރިފް ބޮޑުވެ، އެ ކުޑަ ކުރަން ރާއްޖެއިން މަަސައްކަތް ކުރާތާ 12 އަހަރުވެ ފައިވާ ކަމަށާއި އެކަމަކު، އެކަމަށް އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށެވެ. ރާއްޖެއަކީ ދެމެހެއްޓެނެވި މަސްވެރިކަމުގެ ޗެމްޕިއަނުން ކަމަށާއި ނަމަވެސް ރާއްޖެއަ ށް އެއްވެސް ލުޔެއް އީޔޫ އިން ދީފައި ނެތް ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އިން ކަޅުބިލަމަސްވެރިކަން ކުރަމުން އަންނަނީ ޕޯލް އެންޑް ލައިންގައި ވަން ބައި ވަން މަސްވެރިކަމެއްގެ ގޮތުގަ އެވެ. ނަމަވެސް، އެ ކަމަށް އީޔޫއިން ބެލުމެއް ނެތި ބޮޑު ދަލާއި ގިނައިން ލޭނު އަޅާ ގައުމުތަކަށް ވެސް އެ ލުއިތައް ދީފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީ ލަންކާ ހިމެނެ އެވެ.

"އަޅުގަނޑުމެން ސަސްޓެއިނަބަލް ފިޝަރީޒް ތެރޭ އެހާ ބޮޑަށް ތިބެ އަޅުގަނޑުމެންނަށް ކީއްވެގެންތޯ މި ވަރުގެ ބޮޑު ޑިއުޓީއެއް އެޕްލައި ކުރަންވީ،" މިނިސްޓަރު ވިދާޅުވި އެވެ.އިންޑިއާ ކަނޑުގައި ލޭނު އަދި ދާ އަޅައިގެން ލޯބޮޑު ކަންނެލި ބާނާ ބައެއް ގައުމުތަކުގެ ތެރޭގައި ފްރާންސާއި ޕޯޗުގަލް އަދި ސްޕެއިން ވެސް ހިމެނެ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، ލޭނު އެޅުމުގެ މަސްވެރިކަމަކީ ވަރަށް ގިނަ ގައުމުތަކުން ކުރާ ކަމެކެވެ. ރާއްޖެ އިން ވެސް އެކަމަށް ނުކުންނަން މަސައްކަތް ކުރަނީ މަސްވެރިކަން ޑައިވާސިފައި ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

"ލޭނު މަސްވެރިކަމަކީ ދިވެހިން އެކަން ކޮށްގެން އިންތިހާ އަށް ފައިދާ އިތުރު ކުރެވެން އޮތް ކަމެއް. ކީއްވެގެންތޯ އެކަން ނުކުރަންވީ؟ އެ މަސްވެރިކަން ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަޅުބިލަމަހުގެ މަސްވެރިކަން މި ކުރާ ގޮތަށް އޭގައި އޮތް އެންމެ ސަސްޓެއިނަބަލް، އެންމެ ރަނގަޅު މެނޭޖްމެންޓެއް ގެންގުޅެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހާ ރަނގަޅު އާމްދަނީއެއް ވަންނަން އޮތް ސިނާއަތެއްގެ ސިންދަތާފަތުން އެކަން ނުކޮށް ތިބުންތޯ؟ އަޅުގަނޑުމެންގެ ކަނޑު ރޯދިން ނަފާ އިތުރު ކުރަން ކުރަން ޖެހޭ ކަންކަން ކުރަން ވާނެ ކަމަކަށް ކަން ނޭނގޭ ރައްޔިތުން ދެކޭނީ."

މިނިސްޓަރު ވަނީ ލޭނުގެ މަސްވެރިކަން މިނިސްޓްރީން ރަނގަޅަށް މޮނީޓާ ކުރަމުން ދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ލޭނު އެޅުމަށް އުޅަނދުތައް ހަރަކާތްތެރިވާ ގޮތާއި ގަވައިދަށް އަމަލު ކުރާ ވަަރު މޮނީޓާ ކުރަން މޮނިޓަރިން ކެޕޭސިޓީ މިނިސްޓްރީގައި ގާއިމް ކުރާނެ ކަމަށާއި ލޭނު އަޅަން ހުއްދަ ދޭނީ އޭގެ ފަހުން ކަމަށެވެ.

ލޭނުގެ މަސްވެރިކަމުގެ ހުއްދަ ދޭން ނިންމާފައި ވުމުން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލޭނުގެ މަސްވެރިކަމުގައި މިޔަރާއި އެހެނިހެން ބާވަތްތައް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ މަސްތައް ގިނަ އަދަދަކަށް "ބައިކެޗް" ގެ ގޮތުގައި ހިފޭނެތީ އެވެ.

"ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރާއި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް ޕްރޮސެސް ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވީ މިޔަރު ޕްރޮސެސް ކުރަން ހުއްދަ ދޭން ނިންމި މައިގަނޑު ސަބަބަކީ، ބޭނޭ މިޔަރުގެ ރެކޯޑް ބެލެހެއްޓުމަށް ބޭނުންވާތީ ކަމަށެވެ.

"ކުރިން މިކަން ކުރަމުންދިޔަ ގޮތަށް ބަލާއިރު ނޭނގޭ ކޮން ބާވަތެއްގެ މިޔަރެއް ކަމެއް، ކިހާވަރެއްގެ މިޔަރެއް ކަމެއް ވެސް އޭރަކު ނޯވެ އެކައުންޓް ކުރެވޭ ގޮތެއް. އެހެން ނަމަވެސް، މި ގަވައިދު މިހާރު އޮތް ގޮތުން މިޔަރު ލޭންޑް ކުރެވެން އޮތީމާ އެބަ އެނގޭ ލޭނު މި ޖެހެނީ ކޮން މިޔަރުގެ ބާވަތްތަކެއް ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭނުގައި ޖެހޭ މިޔަރާއި އަދަދު އެނގުމުން މިކަމަށް އިތުރު ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ވެސް އެނގޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރީނދޫއުރަހަ ކަންނެލި ބޭނޭ މިންވަރު ނުވަތަ ކޯޓާގެ ގޮތުގައި ރާއްޖެ އަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ދީފައިވަނީ އަހަރަކަށް 47،000 ޓަނެވެ. ނަމަވެސް މިދިޔަ 10 އަހަރު ވެސް ރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30،000 ޓެނެވެ. ލޯބޮޑު ކަންނެއްޔަށް އަހަރަކަށް ދީފައިވަނީ 2،000 ޓަނުގެ ކޯޓާއެކެވެ.

މިނިސްޓްރީން ބުނީ، ރާއްޖެ އަށް ދީފައިވާ ކޯޓާއާ އެއްވަރަށް ރީނދޫއުރަހަ ކަންނެލި ނުބާނާ ނަމަ އެ ކޯޓާ ކުޑަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ވާހަކަތައް ވެސް ދެކެވޭ ކަމަށެވެ.

ރާއްޖޭގައި ލޭނު އަޅައިގެން ރީނދޫއުރަހަ ކަންނެލި ބާނަން ކޯޓާ ދޫކުރާނީ ވެސް 17،000 ޓަނަށް އެކަނި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ކޯޓާތައް އުޅަނދުފަހަރުން ޖެހޭނީ ގަންނަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ކޯޓާ ދޫކުރަން ނިންމާފައިވަނީ އެކަމަށް އެދޭ ދިވެހި މަސް އުޅަނދުތަކަށް އެކަންޏެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނިގޮތުގައި، ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވަނީ ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގަ އެވެ. ލޭނު އަޅަން ހުއްދަ ދެނީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 100 މޭލު ބޭރުގެ ސަރަހައްދުގަ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން "ހައިސީ" ގައި ވެސް ލޭނު އެޅުމުގެ ފުރުސަތު އޮންނާނެ އެވެ.