Roadha Mihaaru

އެންމެ ގިނަ ޕްރޮޖެކްޓް ފަށާނީ މި އަހަރު، 2،000 އަށް ވުރެ ގިނަ ވާނެ: ޝިޔާމް

އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިންގަން ފަށާނީ މި އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރު 2،000 އަށް ވުރެ ގިނަ ޕްރޮޖެކްޓު ފަށާނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 އެޕްރީލް 2025

އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިންގަން ފަށާނީ މި އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރަކީ މާލީ ގޮތުން އެކި ގޮންޖެހުންތަކާ ކުރިމަތިވި އަހަރެއް ކަމަށެވެ.

ނަމަވެސް ވެރިކަމުގެ މިހާތަނަށް އައި އިރު ވެސް ދައުލަތް ހިންގަމުން އައީ "އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕުނުކޮށް" މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ވެސް ދެމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ މިނިސްޓަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީއެންސީ

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ މިނިސްޓަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީއެންސީ

ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތައް މިހާރު ފަށައިގަނެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި އަހަރަކީ އެންމެ ގިނަ ޕްރޮޖެކްޓުތައް އެއްފަހަރާ ފަށާނެ އަަހަރަށް ވެގެންދާނެ ކަމަށެވެ.

"މިއަދު އޮތް ވޯކިން ކެބިނެޓް މީޓިންގައި، އެމްޑީޕީ ސަރުކާރުގައި އޭރު ކުރިއަށް ނުގެންގޮސް ގާވެފައި ހުރި ޕްރޮޖެކްޓުތައް ފައްޓަވާފައި މިހާރު ހުރި ހިސާބާއި އަލަށް އެ މަނިކުފާނު [ރައީސް މުއިއްޒު] ފެއްޓެވި ޕްރޮޖެކްޓުތަކާއި އަލަށް ފައްޓަވަން ހުރި ޕްރޮޖެކްޓުތަކުގެ އަދާ ހަމަ މައުލޫމާތާ އެކީގައި ބުނެދިން. މި މާލީ އުނދަގޫ ހަލަތާ އެކު މިވަގުތު އަރައިގަނެވެެމުންދާތީއާ އެކު އެ ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ލިބިގެންދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރަކީ، 2025 ވަނަ އަހަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިނގާނެ އަހަރުކަން އަޅުގަނޑަށް މިއަދު ވެސް ބުނެދިން. ދެހާހަށް ވުރެ ގިނަ ޕްރޮޖެކްޓް އަޅުގަނޑުމެން ގުނާލީމަ މި އަހަރު އެކަނި އެއްފަހަރާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާނެކަން އަޅުގަނޑުމެންނަށް ޔަގީން ވެގެން މިއަދުވެސް ދިޔައީ."

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީއެންސީ

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީއެންސީ

ޝިޔާމް ވިދާޅުވިގޮތުގައި، ރާއްޖެ އަށް ތަރައްގީ ގެންނެވުމުގައި ރައީސް މުއިއްޒަށް ކާމިޔާބުވީ ނަންގަވަން ޖެހިވަޑައިގަންނަވާ އުދަނގޫ ނިންމުންތައް ވެސް ނަންގަވަން ކެރިވަޑައިގަންނަވާތީ ކަމަށެވެ.

އެފަދަ ނިންމެވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އުނދަގޫ ހާލަތުން އަރައިގަނެ، ކޮޅަށް ޖަހާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކެބިނެޓުގެ އިއްޔެގެ މަސައްކަތު ބައްދަލުވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ، އެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވި މަޝްރޫއުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދާ ކަމަށެވެ.

"މިނިސްޓަރުންނާއި މެނޭޖިން ޑައިރެކްޓަރުންނާ އެކު މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބު. އަޅުގަނޑުގެ މެނިފެސްޓޯގައި ހިމެނޭ އަދި ރިޔާސީ ކެމްޕޭނުގައި ވައުދުވި ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ފުރިހަމަ، ތަފްސީލީ އަދި އަމަލީ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.