Roadha Mihaaru

ހުރިހާ އައިސްޕްލާންޓްތަކެއް މިމަހު މިފްކޯގެ ދަށަށް ބަދަލުކުރަނީ

ކުރީގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްގެން ހިންގަމުން ދިޔަ ހުރިހާ އައިސްޕްލާންޓުތަކެއް މި މަހު 15 ވަނަ ދުވަހުގެ ކުރިން މިފްކޯގެ ދަށަށް ބަދަލު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރަނީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

11 ފެބުރުއަރީ 2025

ކުރީގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްގެން ހިންގަމުން ދިޔަ ހުރިހާ އައިސްޕްލާންޓުތަކެއް މި މަހު 15 ވަނަ ދުވަހުގެ ކުރިން މިފްކޯގެ ދަށަށް ބަދަލު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، އައިސްޕްލާންޓްތައް ފެނަކައާ ހަވާލު ކުރުމަކީ ވަރަށް ދެރަކޮށް ނިންމި ނިންމުމެއް ކަމަށެވެ.

ފެނަކައާ އެ ތަންތަން ހަވާލު ކުރިއިރު، އައިސްޕްލާންތައް ހިންގުމުގެ ގާބިލްކަން އެ ކުންފުނީގައި ނެތް ކަމަށާއި އަދި ގިނަ އައިސްޕްލާންޓްތަކަށް މައްސަލަ ޖެހުނީ އެ ސަބަބާ ހެދި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"[ފެނަކައިގެ] އައިސްޕްލާންޓްތަކާ ގުޅޭ އިންޖިނިއަރުން ނެތުން، ރެފްރިޖެރޭޝަންއާ ގުޅޭ ދާއިރާގެ ބޭފުޅުން ނެތުން. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ އައިސްޕްލާންޓްތަކަށް މައްސަލަ ޖެހުނު،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް އައިސްޕްލާންޓައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގަ އެވެ.

ނަމަވެސް، މިހާރު ގިނަ އައިސްޕްލާންޓްތަކެއް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފެނަކައިގެ ދަށުގައި ހުރި ހުރިހާ އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ބަދަލު ކުރަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މި މަހުގެ 15 އެއީ އެންމެ ފަހު ތާރީހު، 15 ގައި [ހުރިހާ އައިސްޕްލާންޓެއް] ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގައި،" ޝިޔާމް ވިދާޅުވި އެވެ.

ފެނަކައަށް ގެއްލުން ވާތީ އައިސްޕްލާންޓްތައް ހިންގުން އެ ކުންފުނިން ވަނީ މިދިޔަ އަހަރު ތެރޭގައި އޮތީ ހުއްޓާލައިފަ އެވެ.