Roadha Mihaaru
އަމާޒަކީ ރޯމަސް ބޭރުކުރުން ހުއްޓާލުން: މިނިސްޓަރު

ސަރުކާރުގެ އަމާޒަކީ ރާއްޖެއިން ރޯމަސް ބޭރުކުރުން ހުއްޓާލުން

07 މާޗް 2024

މި ސަރުކާރުގެ އަމާޒަކީ ރާއްޖެ އިން އެހެން ގައުމުތަކަށް ރޯމަސް ބޭރުކުރުން ހުއްޓާލުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ސަރުކާރުގެ އަމާޒަކީ ރާއްޖެ އިން އެހެން ގައުމުތަކަށް ރޯމަސް ބޭރުކުރުން ހުއްޓާލުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ މިނިސްޓްރީ އަށް ހާސިލް ކުރެވުނު ކަންކަން މީޑިއާއާ ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޕްރޮސެސް ކޮށްފައި ހުރި މަސް ރާއްޖެ އިން ބޭރުކުރުން ކަމަށެވެ.

"އެންމެ ބޮޑު އަމާޒަކީ ވެލިޔުއެޑް ކޮށްގެން މަސް ބޭރުކުރުން. މިހާރު ރާއްޖޭގެ ކެޗް މި ހުރީ އަހަރެއްގެ މައްޗަށް 120،000 ޓަނުގައި. ހުރި އިރު ރާއްޖެ އިން ބޭރު މި ކުރެވެނީ ގާތްގަނޑަކަށް 62، 65 ޓަނުގެ މަސް. އޭގެ 75 އިންސައްތަ އަކީ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރު ކުރެވޭ މަސް،" މިނިސްޓަރު ވިދާޅުވި އެވެ.

ރޯމަހުގެ ގޮތުގައި ރާއްޖެ އިން މަސް ބޭރު ކުރެވިގެން ނޫނީ މަހުން ލިބޭ އާމްދަނީ އިތުރު ނުކުރެވޭނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އެހެންވެ އަޅުގަނޑުމެންގެ އަމާޒަކަށް ވެފައި މި ވަނީ ރޯ މެޓީރިއަލް ޒީރޯ ކުރުން. އެއީ ހަމަ ދަޅުގައި ބަންދު ކޮށްގެން ނޫނީ އެހެން ޕްރޮސެސިން މެތޯޑްތަކުގައި ވެލިވޭޑް ކޮށްގެން މަސް ބޭރު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުކުރާ ރޯމަހުގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އޭރު ވިދާޅުވަމުން ދިޔައީ މަހުގެ ސިނާއަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްގެން ކަމަށެވެ. ބާނާމަހަށް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން ކަމަށް އެ ސަރުކާރުން ވެސް އައީ ބުނަމުންނެވެ.

މިދިޔަ ފަސް އަހަރު ރާއްޖެއިން ބޭރު ކުރާ ރޯމަހުގެ އަދަދު މަދުކުރުމަށް ފެލިވަރުގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުމާއި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި، އަދި ތިނަދޫ އާއި މުލަކުގައި، ގާއިމުކުރެވޭ ކޯލްޑްސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމަކު، އެއިން އެއްވެސް މަސައްކަތެއް ކުރީގެ ސަރުކާރަށް ކުރިއަށް ނުގެންދެވުނެވެ.