24 ޖެނުއަރީ 2021
ބާނައިގެން ނަގާ މަހުގެ އެއް ބުރި މިޔަރު ކާލާފައި އޮވެދާނެ އެވެ. އެކަން އާއްމުކަމުން ބައެއް މަސްވެރިންގެ އާމްދަނީ ދަށްވެ އެވެ. އަގުހުރި އާލާތްތައް މިޔަރު ގެންދާ ވަރުން ވެސް ބޮޑު ގެއްލުމެވެ. ޚަބަރުތަކުން ސިފަވާ ގޮތުގައި އެންމެ ފަހުން މީހުންނަށް ވެސް މިޔަރު ހަމަލާދޭން ފަށައިފި އެވެ.
ބާނައިގެން ނަގާ މަހުގެ އެއް ބުރި މިޔަރު ކާލާފައި އޮވެދާނެ އެވެ. އެކަން އާއްމުކަމުން ބައެއް މަސްވެރިންގެ އާމްދަނީ ދަށްވެ އެވެ. އަގުހުރި އާލާތްތައް މިޔަރު ގެންދާ ވަރުން ވެސް ބޮޑު ގެއްލުމެވެ. ޚަބަރުތަކުން ސިފަވާ ގޮތުގައި އެންމެ ފަހުން މީހުންނަށް ވެސް މިޔަރު ހަމަލާދޭން ފަށައިފި އެވެ.
ޅ. އަތޮޅު ބޮއެއް ކައިރީ ދޯންޏެއްގައި މަސް ބާނަން ހުރި ނައިފަރު މަސްވެރިޔާ މުހައްމަދު މާނިއު އަށް ދިމާވީ އެފަދަ ހާދިސާއެކެވެ. ކަނޑުމަހަށް ދޮށި އަޅައިގެން ހުއްޓާ ބޮޑު ކަންނެއްޔެއް ގަނެ, އޭތި ޖެހި ބާރު ލަތްކާ އެކު މާނިއު ކަނޑަށް ވެއްޓުނީ އެވެ. އެ ވަގުތު މިޔަރެއް އައިސް ފައިގައި ހިފީ، މާނިއު ބުނިގޮތުގައި، އޭނާ "ބަލަން ހުއްޓަ" އެވެ. ތަނބިކައްޓާއި ކުޑަކަޅުވާ ދޭތެރެއިން އިރައިގެން ދިޔަ ތަންގަނޑު އެތައް ދުވަހެއް ވީއިރު ވެސް ފަސޭހަ ނުވެގެން އުޅެނީ, މާނިއު ދެކޭ ގޮތުގައި, ރަށުން ރަނގަޅު ފަރުވާއެއް ނުލިބުނީމަ އެވެ. އެކަމަކު އަނެއްކޮޅުން އޭނާ ކިޔައިދެނީ "މި އަޅަމުންދަނީ މިޔަރެއްގެ ހިތި ވޭން" ކަމެވެ.
"ސަލާމަތް ނުވާ ވަރަށް މިޔަރު އޮވޭ. އެ ދުވަހު އަހަރެން ވެއްޓުނު އިރު ވެސް 10 ވަރަކަށް ފޫޓުގެ ބޮޑެތި ސިންގާ މިޔަރު ކައިރީގައި ބަލާން ހަމަ. ފެނިލީމަ އިހުސާސްކުރެވޭނީ. މިހެން އަދި ކިޔައިދިނަކަސް އިހުސާސެއް ނުކުރެވޭނެ," މާނިއު, 37, ބުންޏެވެ.
"ހިމާޔަތްކުރިލެއް ބޮޑުކަމުން މިޔަރު ތަންކޮޅެއް ގިނަވީ."
މާނިއު އެ ބުނީ މަސްވެރިންގެ މިހާރުގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. މަސްވެރިކަން ނުކުރެވޭ ވަރަށް ރާއްޖޭގައި މިޔަރު ގިނަވެއްޖެ ކަމެވެ. އެ ވާހަކަ ދައްކާތާ ދެތިން އަހަރު ވާ އިރު, މިހާރު ގަދަވަމުންދަނީ 2010ގައި މުޅިން މަނާކުރި މިޔަރު މަސްވެރިކަން އަލުން ހުއްދަކުރަން ގޮވާލާ އަޑެވެ. އެކަމަކު މަސްވެރިން ބުނާ އެއްޗަކާއި ދިރާސާތަކުން ދައްކާ ނަތީޖާ ދިމައެއް ނުވެ އެވެ.
ސާވޭތަކުން ދައްކަނީ ރާއްޖޭގައި މިޔަރު އިތުރުވެފައި ނެތް ކަމަށެވެ.
ޑައިވަރުންނަށް ފެންނަ ގޮތް ވެސް ތަފާތެވެ. މި ރިޕޯޓަށް ވާހަކަދެއްކި ތިން ޑައިވަރުންގެ ތެރެއިން, ދާދި ފަހުން 15 އަތޮޅެއްގައި ފަރުގެ ސާވޭތައް ކޮށްފައިވާ ތަޖުރިބާކާރު ޑައިވަރަކު ބުނިގޮތުގައި މިޔަރު ފެންނަނީ ކުރިން ވެސް ފެންނަ ވަރަށެވެ. އެހެން ޑައިވަރަކު ބުނީ ކުރިއަށް ވުރެ ގިނައިން ނުވަތަ އަލަށް ބައެއް ސަރަހައްދުތަކުން މިޔަރު ފެންނަ ކަމަށެވެ. ތިން ވަނަ ޑައިވަރު, ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ދަތުރެއްގައި އުޅެމުން ބުނީ, ސާޅީހަކަށް ދުވަހުން 18 އަތޮޅަށް ދިޔަ އިރު, ބައެއް އަތޮޅުތަކުގައި މިޔަރު ކުރިއާ ބަލާއިރު ހައިރާންވާހާ މަދު ކަމަށެވެ.
މިޔަރާ ދޭތެރޭ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ފޭސްބުކް ޕޯސްޓެއް
ވޭތުވެދިޔަ 10 އަހަރުގެ ސާވޭތަކަށް ބިނާކުރައްވައި, މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ ޑިރެކްޓަ ޖެނެރަލް ޝާފިޔާ ނައީމް ވިދާޅުވި ގޮތުގައި, ރާއްޖޭގައި މިޔަރު އިތުރުވި ކަމުގެ ހެއްކެއް ނެތެވެ.
"ޝާކްވޮޗް ޕްރޮގްރާމް"ގެ ނަމުގައި 2009 އިން ފެށިގެން ކުރިއަށް ގެންދާ ދިރާސާއެއްގެ ފުރަތަމަ ހަތަރު އަހަރުގެ ސާވޭތަކަށް އެމްއެމްއާރުއައި އިން 2013ގައި ނެރުނު ރިޕޯޓެއްގައި އޮތް ގޮތުން އެ މުއްދަތުގައި މިޔަރު އިތުރުވި ކަމަކަށް ނުދައްކަ އެވެ. މިޔަރަކީ މަދުން ވިހާ, ލަހުން ބޮޑުވާ އެއްޗެކެވެ. ޝާފިޔާ ވިދާޅުވީ "ޝާކްވޮޗް"ގައި 2009-2019 އަށް ޑައިވަރުން އެއްކޮށްފައިވާ ހުރިހާ މައުލޫމާތެއް މިހާރު ދިރާސާކުރަމުން އަންނަ އިރު ވެސް އިތުރުވުމެއް މިހާތަނަށް ފެންނަން ނެތް ކަމަށެވެ. "ޝާކްވޮޗް" ސާވޭތަކުގައި 40,000 އަށް ވުރެ ގިނަ ޑައިވް ހިމެނެ އެވެ.
ވީޑިއޯ ނަގައިގެން 2019-2020ގައި ކުރި ސާވޭތަކަކުން ވެސް އެނގެނީ, އެމްއެމްއާރްއައި އިން ބުނިގޮތުގައި, މިޔަރު އިތުރުވެފައި ނުވާ ކަމެވެ. ޝާފިޔާ ވިދާޅުވީ "ބެއިޓެޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ" ނުވަތަ "ބްރަވް" ޓެކްނީކް ބޭނުންކޮށްގެން އެކި އަތޮޅުތަކުން އެއްކުރި އެތައް ހާސް މިނިޓެއްގެ ފުޓޭޖު ދިރާސާކޮށްފައިވާ ކަމަށެވެ. ރިޕޯޓު ނެރެން ތައްޔާރުވަމުން އަންނަ އެ ދިރާސާގައި މިޔަރު ފެނިފައި ވަނީ, ޝާފިޔާ ފާހަގަކުރެއްވި ގޮތުގައި, ރާއްޖެ އިން މިޔަރު ބޭނުން މުޅިން މަނާކުރި އަހަރު, ވިޔަފާރި ބޭނުމަށް މިޔަރު ބޭނުން މަނާކުރި ޗާގޯސް އިން މިޔަރު ފެނިފައިވާ ވަރަށް ވުރެ ވެސް މަދުންނެވެ.
މިޔަރު އިތުރުވި ކަމުގެ ހެއްކެއް ނެތް އިރު, ބައެއް މާހިރުން ފާހަގަކުރަނީ, މިޔަރު ގިނަވެގެން އުޅޭ ކަމަށް މި ފެންނަނީ މަސްވެރިކަމުގެ ތެރޭގައި ކަމެވެ. މިޔަރު ހާދިސާތައް ގިނަވީ މަސްވެރިކަމުގެ ހަރަކާތްތައް އިތުރުވެގެން ކަމަށް އެ މީހުން ލަފާކުރެ އެވެ.
ޝާފިޔާ ވިދާޅުވި ގޮތުގައި މަސް ބޭނުން އިތުރުވުމާއި އަބަދު އެއް ސަރަހައްދަކަށް މަސް ފިލިކުރުމާއި ވަކި ހިސާބުތަކަކުން ގަދަޔަށް މަސް ބާނަން ފެށުމުން އެ ތަންތަނަށް މިޔަރު ޖަމާވާން ފަށަ އެވެ. އޭނާ ލަފާކުރައްވަނީ މިޔަރު އިތުރުވީހެން ހީވަނީ އެހެން ވެގެން ކަމަށް ވެދާނެ ކަމަށެވެ. މިޔަރު އައިސް ހިފައިގަންނަ ހާދިސާތަކާ ބެހޭ ގޮތުން އޮސްޓްރޭލިޔާގައި ކޮށްފައިވާ ސާވޭތަކަކުން އެކަން ފާހަގަވެފައިވާ ކަމަށް ޝާފިޔާ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން 2019ގެ މަސްވެރިންގެ ދުވަހު ބޭއްވި މަސްވެރިންގެ ފޯރަމްގެ މަޝްވަރާތައް ހުލާސާކޮށްފައިވާ ރިޕޯޓެއް ބުނާގޮތުގައި ބާނަން އުޅޭ މަހުގައި މިޔަރު ހިފާ ހާދިސާތައް އިތުރުވީ ފަރު މަސްވެރިކަން ފުޅާވުމާ ގުޅިގެން ކަމަށް ވެދާނެ އެވެ. އެއީ ފަރު މަސް ގިނައިން ބާނާ ވަރަކަށް މިޔަރަށް ކާން ލިބޭ އެއްޗެއް މަދުވާނެތީ އެވެ.
ފަތުރުވެރިކަމުގަ އާއި މަޖަލަށާއި ވިޔަފާރި އަށް ފަރު މަސް ބޭނުން ރާއްޖޭގައި މި ފަހުގެ އަހަރުތަކުގައި ވަނީ އިތުރުވެފަ އެވެ. ދެތިން ސަތޭކަ މީޓަރުހާ ފުނުން، މަދުން ނޫނީ ނުބޭނޭ ވައްތަރުތަކުގެ ބިޔަ މަސް ބޭނުމަކީ ވެސް ފޯރިގަދަ އަދި ފަތުރުވެރިންގެ ޑިމާންޑު އޮތް ކަމަކަށް ވެސް ވެއްޖެ އެވެ. މިޔަރުގެ އުނދަގޫ އެންމެ ބޮޑަށް ޖެހޭ އެއް ބަޔަކީ ވެސް ފަތުރުވެރިން މަހަށް ގެންގޮސްގެން އާމްދަނީ ހޯދާ މަސްވެރިންނެވެ.
"މިޔަރު, ހަމަ ދެން ކީކޭ ބުނާނީ؟ ނުރައްކާވާ ހިސާބަށް ގިނަވެފައި ހުރީ. މަސްވެރިކަން ނުކުރެވޭ ހިސާބަށް ގިނަވަނީ އެ," މަހަށް ގޮސް އުޅޭތާ ވިއްސަކަށް އަހަރުވެފައިވާ މުހައްމަދު ސައްޖާހު ބުންޏެވެ.
"މިހާރު ޕެޓްރޯލް ހަރަދަށް ވުރެ ވަދުގެ ހަރަދު ބޮޑު. މިހާރު 500-600 ގްރާމުގެ ޖިގެއް ލިބެނީ ގާތްގަނޑަކަށް 300-400 ރުފިޔާ އަށް. އެ ހިފައިގެން [މިޔަރު] ދާނީ. ފަތުރުވެރިން ގޮވައިގެން އުޅޭ އިރު ވެސް ގިނަ ފަހަރަށް މަހެއް ލިބޭނެ ކަމުގެ އެއްވެސް ކަހަލަ އުއްމީދެއް ނޯވޭ, މިހާރު."
ސައްޖާހު، ބުޅީގައި ޖެހުނު މަހެއް މިޔަރު ކާލާފައި އޮއްވާ މޫދުން ނަގަނީ
ހުސް ވަގުތު ފަރު މަހަށް ގޮސްގެން އާމްދަނީ ހޯދާ އަހުމަދު ޔާސީންގެ ތަޖުރިބާއަކީ ވެސް އެއީ އެވެ.
"އެއް ރޭ 15 ވަދު ގެންގޮސްފި," އޭނާ ބުންޏެވެ.
"މިޔަރު އުޅެންޏާ ގިނަ ފަހަރު ލިބޭނީ މަހުގެ އެއް ބުރި, ނުވަތަ އެންމެ މަހެއް ވެސް ނުލިބޭނެ."
މިޔަރުގެ އުނދަގުލެއް ނުޖެހި މަސްވެރިކަން ކުރުމަކީ ނާދިރުކަމެއް. ބައެއް ފަހަރު މަސް އެއްކޮށްކާލާނެ، އަނެއްބައި ފަހަރު މަހުން ބައެއް ކާލާނެ. މިއޮތީ ޓެކްސް ދެއްކުމަށްފަހު އަހަރެމެންނަށް ޙައްޤުވީ މިންވަރު. ބަރުދަން ބަލާލިއިރު 6.5ކިލޯ ހުރި. ? pic.twitter.com/LfcMOH6P20
— yaxyn (@yaxynn) September 30, 2020
ބޭނުނު މަހަކާ ބެހޭގޮތުން ޔާސީން ކޮށްފައިވާ ޓްވީޓެއް
މަސްވެރިންނަށް މިޔަރުގެ އުނދަގޫ ބޮޑަސް، ބައެއް މީހުންނަށް މިއީ އާދަޔާޚިލާފު ކަމެއް ނޫނެވެ. އެ މީހުންނަށް ފެންނަނީ މިޔަރުގެ ތޮބީއަތެވެ.
"ޝިކާރަކުރަން އުޅޭ އިރު މިޔަރު އުޅޭނީ ފުދޭވަރަކަށް އެގްރެސިވްކޮށް. މަސްވެރިކަން ކުރާ ތަނެއް ވެއްޖެއްޔާ އުޅޭނީ ފީޑިން ފްރެންޒީއެއް ތެރޭގައި. އެ ގަޑީގައި މަތިން އެއްޗެއް ވެއްޓުނަސް, މީހެއް ވެއްޓުނަސް ހިފާ ކަހަލަ މިޔަރު އެބަ ހުރޭ," ސާދަ އަހަރުގެ ތަޖުރިބާހުރި ޑައިވަރެއް ކަމަށްވާ ޝަހުފާން ވަސީމް ބުންޏެވެ.
ޝާފިޔާ ވެސް ފާހަގަކުރެއްވީ ހާދިސާތައް ހިނގަނީ މަސްވެރިކަމުގެ ތެރެއިން ކަމެވެ.
މިޔަރު ބަލަން ޓޫރިސްޓުން ރާއްޖޭގައި ޑައިވްކުރަނީ: މިއީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ވިޔަފާރިއެއް-- ފޮޓޯ: ޓްރެވަލް ސެންޓާ މޯލްޑިވްސް
މިޔަރު ހާދިސާތަކުގެ، ލަފާކުރެވޭ އަނެއް ސަބަބަކީ މިޔަރަށް ކާން އެޅުމެވެ.
ފިޝަރީޒް މިނިސްޓްރީގެ ރިޕޯޓު ބުނާ ގޮތުގައި ރިސޯޓުތަކުގައި އާދަވެގެން މިޔަރަށް ކާން އެޅުމާއި މަސް ފެކްޓްރީތަކުން އުކާލާ އެއްޗެހި މޫދަށް އެޅުމަކީ މިޔަރުގެ އުޅުން ބަދަލުވާން މެދުވެރިވާ ކަމެކެވެ. މިޔަރަށް އުޅަނދެއްގެ ވައިބްރޭޝަން އިހުސާސްކުރެވޭ އިރަށް އެ ވައިބްރޭޝަނަކީ ކާން ލިބެން އުޅޭ ކަމުގެ އިޝާރާތަކަށް ވެ، އެ އުޅަނދަކާ ދިމާއަށް ދާން ޝައުގުވެރިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އުކާލާ މަހުގެ ބާވަތްތައް އަޅާތީ މިޔަރު ޖަމާވާ, ނުވަތަ އެ ގޮތަށް ކާން އަޅައިގެން މިޔަރު ފިލިކުރާ, ޑައިވްކުރާ ތަންތަން ވެސް ރާއްޖޭގައި މަދުން ނަމަވެސް އެބަ ހުއްޓެވެ. ފުވައްމުލަކާއި ގއ. ކޫއްޑޫ ބޭރާއި ވ. އަތޮޅުގެ ބައެއް ތަންތަނާއި ކ. ކަނޑުއޮތްގިރި ކައިރި އެވެ. އެއީ މިޔަރު ބަލަން ޓޫރިސްޓުން ގެންދާ މަގުބޫލު ސްޕޮޓްތަކެކެވެ.
މަސްވެރިންގެ ފޯރަމްގެ ރިޕޯޓުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިޔަރު އާބާދީ އަށް އަންނަ ބަދަލު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސް, މިޔަރު އައިސް ހިފައިގަންނަ ހާދިސާތައް ދިރާސާކުރާނެ ކަމަށެވެ.
ޝާފިޔާ ވިދާޅުވިގޮތުގައި މިޔަރު ހާދިސާތައް ސާވޭކުރަން މަސްވެރި ސަރަހައްދުތަކަށް ދަތުރުތަކެއް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މަސްވެރިންނަށް ކަން ދިމާވާ ގޮތާއި އޭގެ ސަބަބުން މަސްވެރިކަމަށް އަސަރުކުރާ މިންވަރު ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ ދުނިޔޭގައި މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮއްވަ އެވެ. މާހިރުން ބުނާގޮތުގައި މިޔަރު ފަދަ ޝިކާރަވެރިން މަދުވުމުން ކަނޑުގެ މާހައުލީ ނިޒާމުތަކުގެ ހަމަޖެހުމާއި ވިލުންވެރިކަން ގެއްލިގެންދެ އެވެ. އަދި ނަތީޖާއެއްގެ ގޮތުން މީހުންގެ އާމްދަނީ އަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރު ފޯރަ އެވެ.
ރާއްޖެއަކީ މިޔަރަށް ފުރިހަމަ ހިމާޔަތް ދިން ދެވަނަ ގައުމެވެ. މިޔަރު ބޭނުމާއި މިޔަރުގެ ބާވަތްތަކުގެ ވިޔަފާރި ސަރުކާރުން މުޅިން މަނާކުރި ސަބަބަކީ, އެމްއެމްއާރުއައިގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި, މިޔަރު މަދުވުމުން ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުން ސަލާމަތްވުމެވެ. ދޮށީގެ މަސްވެރިކަމުގައި, މަސް އައިނު ތިލަކޮށް މަތީގައި ހިފަހައްޓައިދިނުމުގައި މިޔަރު ދައުރެއް އަދާކުރެ އެވެ. އަދި ރާއްޖެ "ޝާކް ސެންކްޗުއަރީ" އަކަށް ވުމަކީ, ފިޝަރީޒް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި, ރާއްޖެ އިން އެކްސްޕޯޓްކުރާ މަހުގެ އަގު މަތިކުރަން ވެސް އެހީވެދޭ ކަމެކެވެ.
މިޔަރު ހިމާޔަތްކޮށްގެން އެންމެ ބޮޑު ފައިދާއެއް ލިބެނީ ފަތުރުވެރިންގެ އަތުންނެވެ. މިޔަރު ބާނައި ވިއްކައިގެން ލިބޭ އާމްދަނީ އަށް ވުރެ މިޔަރު ޑައިވިންގެ ނަފާ މާ ބޮޑެވެ.
ރާއްޖޭގައި މިޔަރު ބާނައިގެން ކުރި ވިޔަފާރިން އަހަރަކު ލިބެމުންދިޔަ ބައި މިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާބަލާއިރު އިރު, މިޔަރު ބަލަން ފީނި ފަތުރުވެރިންގެ އަތުން 1992ގައި ސީދާގޮތުގައި 2.3 މިލިއަން ޑޮލަރު ލިބުނެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވުމާ އެކުއެކީގައި އެ އަދަދު އިތުރުވެ މިހާރު ގާތްގަނޑަކަށް ދެގުނަވެފައިވާ ކަމަށް ފަހުގެ ސާވޭތަކަކުން ދައްކަ އެވެ.
މިޔަރު ޑައިވިން އިން ރާއްޖެ އަށް ލިބޭ އިގްތިސޯދީ ފައިދާ އަގުކޮށް މެރިން ޕޮލިސީ ޖާނަލްގައި 2019ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި އަންދާޒާކޮށްފައިވާ ގޮތުގައި 2016ގައި މިޔަރު ބަލަން ފީނި ޓޫރިސްޓުން އެކަމަށް އެކަނި 14.4 މިލިއަން ޑޮލަރު ޚަރަދުކުރި އެވެ. އެ މީހުން ކުރި އެހެނިހެން ހޭދަތަކާ އެކު, މިޔަރު ޑައިވިންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެ އަހަރު 51.4 މިލިއަން ޑޮލަރު ވަދެފައި ހުންނާނެ ކަމަށް އެ ދިރާސާގައި ލަފާކޮށްފައިވެ އެވެ. އޭގެ އިތުރުން ސަރުކާރަށް ޓެކްސްގެ ގޮތުގައި 7.2 މިލިއަން ޑޮލަރާއި ޑައިވް އިންޑަސްޓްރީގައި އުޅޭ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 4.1 މިލިއަން ޑޮލަރު ވެސް މިޔަރު ޑައިވިންގެ ސަބަބުން އަހަރެއްގެ މައްޗަށް ލިބޭ ކަމަށް އަންދާޒާކުރެވެ އެވެ.
"އަހަރެން ވެއްޓުނު އިރު ޖެހި ބަޑި އަށް އޭތި އައީ ކަމަށް ވެދާނެ. އެންމެ ފަހަރަކު ދަތް އެޅީ."
މަސްވެރިކަމުގެ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި މި ފަހުން މީހުންގެ އަތްފައިގައި މިޔަރު ހިފައިގަތް ހާދިސާތަކަކީ ހަމަލާދިނުން ކަމަކަށް ނުބެލެވޭނެ އެވެ. ސަބަބަކީ ކަން ހިނގާ ގޮތެވެ. މާނިއުގެ ފައިގައި މިޔަރު ދަތްއެޅީ މަސް އައިނު ތެރެއަށް ވެއްޓުނު ވަގުތެވެ. އޭގެ ފަހުން ތ. ވަންދޫ ގޮނޑުދޮށުން މިޔަރެއް ބޭނުނު ކުޑަކުއްޖެއްގެ އަތުގައި އެ މިޔަރު ހިފައިގަތީ އޭތި ދިރިއޮއްވާ ބުޅި ނައްޓަން އުޅެނިކޮށެވެ.
"މިސާލަކަށް ރާޅާއަޅަން ހުރި މީހެއް ނުވަތަ ޑައިވަރެއްގެ ގައިގައި ދަތްއެޅުން އެއީ ހަމަލާއެއް. އެކަމަކު މިއީ ހަމަލާއެއް ނޫން. ފަރުވާ ކުޑަކަމުން ދިމާވާ ކަންތައް," ކުރައްވާ މަސައްކަތުގެ ގޮތުން މަސްލަހަތު ގެއްލިދާނެތީ ނަން ނުޖަހަން ޝަރުތުކުރައްވާ، އޭނާ ވިދާޅުވި އެވެ.
"ފަރުވާ ކުޑައިއްޔާ މިޔަރެއް ނޫން, ކޮންމެ އެއްޗެއް ވެސް އެ ގަޑީގައި ދަތްއަޅާނެ."
ޑައިވަރުން ބުނާގޮތުގައި އެ މީހުން ފެނުނީމާ މިޔަރު އުޅޭ ގޮތް ބަދަލެއް ނުވެ އެވެ.
"އެންމެ ކުރިންސުރެ ވެސް, މިޔަރު ގިނަވާ ތަންތަނުގައި, [ފީނާ މީހުން] ކައިރި އަށް މިޔަރު އައިސް ބަލައިލާ ހަދާނެ. ޖެހިގަތަސް އެއީ އެ ސޮރު ހަމަ ބަލައިލަންވެގެން ކުރާ ކަމެއް ގޮތަށް ފާހަގަވަނީ," ޝަހުފާން ބުންޏެވެ.
ޑައިވަރު އާޒިމް މުސްތާގު ބުނި ގޮތުގައި ރާއްޖޭގައި މިޔަރު އިތުރުވި ކަމަކަށް ވެސް އަދި މިޔަރުގެ "ނުރައްކާތެރިކަން" ބޮޑުވި ކަމަކަށް ވެސް ފާހަގައެއް ނުކުރެވެ އެވެ.
"މިޔަރަކީ އޭއްޗާ ދުރުމިނެއް ބަހައްޓައިގެން އުޅޭ އެއްޗެއް. މަގޭ ކާފައަކީ މަސްވެރިއެއް. ކާފަމެން ވެސް އެހެން ބުނާނެ. އޭރު ވެސް މިހާރު ވެސް, މިޔަރަކީ ޓޮޕް ޕްރެޑެޓާއެއް ވީމަ އެ އެއްޗެއްސާ ބަހައްޓަން ޖެހޭ ދުރުމިން ބަހައްޓައިގެން, ކުރަން ޖެހޭ އިހުތިރާމްކޮށްގެން ކަން އުޅެން ޖެހޭނީ, އެއީ އަބަދުވެސް އެނގޭ ކަމެއް," އާޒިމް ބުންޏެވެ.
ހާދިސާ ހިނގީ އޭނާ ފަރުވާކުޑަވެގެން ކަމަކަށް މާނިއު ނުދެކެ އެވެ. އޭނާ ބުނީ މަސް ބާނަން އުޅޭ އިރު ރައްކާތެރިވާން ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށެވެ.
"ކިހިނެއް މަސްވެރިން ސޭފްޓީ އަށް ބަލާނީ؟ ކޮންމެ މީހެއްގެ އުނަގަނޑުގައި ވާގަނޑެއް ބަނދެގެނެއް ވެސް ނުތިބެވޭނެ," 20 އަހަރުގެ ތަޖުރިބާ ހުރި މަސްވެރިޔާ ބުންޏެވެ.
"އެއް ފައި އިންނާނީ ފަށްގަނޑު މަތީ. އަނެއް ފައި އިންނާނީ ދޯނި ތެރޭގައި. މަސް ބާނަން އަބަދުވެސް ހުރިހާ ދޯންޏެއްގައި ވެސް އޮންނަ ގޮތް އެއީ. ދެން މަސް ބާނަމުން އައި ގަޑިއެއް އެއީ. އެހެންވީމަ ޝައުގުވެރިކަން ވެސް ހުންނާނެތާ."
ފައިން އިރައިގެންދިޔަ ތަން ފަހައި ބޭސްއަޅާތާ 20 ދުވަސް ވީ އިރު ވެސް ފަސޭހަވާން އުޅޭކަމުގެ ނިޝާނެއް ވެސް ނުފެނި ދުޅަކޮށް ހުންނާތީ މާނިއު އަށް އެންމެ ފަހުން މަޖުބޫރުވީ މާލެ ދާށެވެ. އޮޕަރޭޝަންކޮށް ޕްލާސްޓަރު އަޅާފައި އައިޖީއެމްއެޗުން ދޫކޮށްލި ފައި މުޅިން ރަނގަޅުވާން އެތައް ދުވަހެއް ނަގާނެ އެވެ. މާނިއުގެ ބަހުން ނަމަ, މިޔަރު ދިން "ހިތި ވޭނުން" ރިހެން ފެށި ފައި މައްޗަށް ވެއްޓުނު ފޮޔަކީ ފުރަތަމަ ލިބުނު ފަރުވާގެ "ހިތި ވޭނެ"ވެ.
"ވަރަށް ބޮޑު ގެއްލުމެއް މީ. ހަމައެކަނި ބާނާ މަސްކޮޅުން ލިބޭ އެއްޗަކުން މި އުޅެނީ. ދަރިންނަށް ކާން ދޭން މަސައްކަތެއް ކޮށްލެވޭ ވަރު ވާނީ ވެސް ހަތަރު-ފަސް ވަރަކަށް މަސް ފަހުން ކަމަށް މި ބަލަނީ," ދެ ކުދިންގެ ބައްޕަ ބުރާސްފަތިދުވަހު އައިޖީއެމްއެޗުގައި އޮވެގެން ފޯނުން ވާހަކަދައްކަމުން ކިޔައިދިނެވެ.
"ރަށުން ރަނގަޅު ފެންވަރެއްގެ ފަރުވާއެއް ލިބުނު ނަމަ މިހާރު ހުންނާނީ ފައި އެޅޭ ވަރު ވެފައި. އަހަންނަށް ޔަގީނުން ވެސް އެބަ އެނގޭ [ޑޮކްޓަރު] ފަރުވާ ކުޑަކަމުންކަން، ރަނގަޅުވާން ނުފަށާ މިހާ ގިނަ ދުވަސް މި ވީ."
ފައި ފަސޭހަވާ އިރަށް މާނިއު މަހަށް ނުކުންނާނެ އެވެ. އޭނާ ބުނީ މިޔަރެއް ދަތް އެޅިޔަސް މަސްވެރިކަމުގައި އުޅެން ޖެހިލުން ނުވާ ކަމަށެވެ.
މިޔަރުގެ އުނދަގޫ މަސްވެރިންނަށް އިންތިހާ އަށް ބޮޑުވެއްޖެ. މޫދުގައި އެންވެރިކަން މިކުރަނީ ފުރާނަ އަތް މައްޗަށް ލައިގެން. ނަނުގައި ގަންނަ ކަންނެލިން އެއްބައި މިޔަރަށް ދޭންޖެހޭ! ހައްލެއް ހޯދަ ދެއްވާ! @ZahaWaheed @ibusolih @BondeM4 pic.twitter.com/l1vt95VUKE
— Bodu Kanneli Masveringe union (@FishermensUnion) September 24, 2020
މިޔަރާ ބެހޭގޮތުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފައި
ބައެއް މަސްވެރިން ދެކޭ ގޮތުގައި މިޔަރުގެ އުނދަގުލުން އެ މީހުން ސަލާމަތްވާނީ މިޔަރު ބާނަން ހުއްދަދީގެންނެވެ. އެއްކޮށް ހުޅުވާނުލައި ހިފެހެއްޓުންތަކަކާ އެކު ވިޔަސް އެކަން ކުރަން އެ މީހުން ސަރުކާރަށް ގޮވާލަ އެވެ. މިސާލަކަށް, ހަމައެކަނި ބޭރުވަރިން, ނުވަތަ ހިމާޔަތްކޮށްފައި ހުރި ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުން މިޔަރު ބޭނުމެވެ. ވަގުތީ ގޮތުން ނުވަތަ އަހަރުގެ ވަކި ދުވަސްވަރަކު މިޔަރު މަސްވެރިކަން ހުއްދަކުރުމެވެ. އެހެން މަސްވެރިންނެކޭ އެއްގޮތަށް މާނިއު އަށް ވެސް ފެންނަނީ މިޔަރު އިތުރުވެފައިވާ ތަނެވެ. އަދި މަސް ގަންނަތާ "ސިކުންތަކަށް" ފެނުގައި އޮތަސް މިޔަރު އައިސް އޭތި "ހަފާލާނެ" ކަމެވެ. އެކަމަކު އެހެން ބައެއް މަސްވެރިންނާ ހިލާފަށް މާނިއު ބުނަނީ "މިޔަރު ނަގާށެކޭ ވެސް, މަދުކުރާށެކޭ ވެސް ނުބުނާނަން" ކަމަށެވެ.
"އަހަންނަށް ވެސް ވަރަށް ރީތި އޭތި އޮންނަ އިރު. މިޔަރު މަރާށެކޭ ނުބުނާނަން. ކުރީގައި ބައެއް މީހުން ބުނޭ މަސްވެރިކަން އުފެދެނީ މިޔަރުގެ ސަބަބުންނޭ. އަނެއް ބައި މީހުން ބުނޭ މިޔަރު އުޅޭތީ އުނދަގުލޭ ވެސް. އަހަންނަށް މި ޖެހުނީ މިޔަރެއްގެ އުނދަގޫ," އޭނާ ބުންޏެވެ.
"މިޔަރަކީ އަނެއްހެން ހިފާ އެއްޗެއް ވެސް ނޫނޭ ގިނަ މީހުން ބުނަނީ. ހިފިޔަސް ދޫކޮށްލާނެއޭ ބުނަނީ, އިންސާނުންގެ ލޭ ޖެހުނީމަ. ދެން އެ ދުވަހު އެ ހިފީ. އަހަރެން ވެއްޓުނު އިރު ޖެހި ބަޑި އަށް އޭތި އައީ ކަމަށް ވެދާނެ. އެންމެ ފަހަރަކު ދަތް އެޅީ."
މަސްވެރިންގެ ޝަކުވާއަށް ވުރެ މިޔަރުގެ ފައިދާ ބޮޑު!
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!
މިޔަރު ބޭނުމުން ލިބޭނެ ގެއްލުން މާ ބޮޑު: ޖަމިއްޔާތައް
ކަނޑުމަހުގެ ސްޓޮކް ހުސްވުމުގެ ބިރު ކުޑަވެއްޖެ
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި
އާ ދިރާސާއެއްގައި ބުނަނީ މިޔަރާއި މަޑި ހުސްވެދާނެއޭ
މިޔަރުގެ ހިމާޔަތުގައި މުސްތޮފާއާ ދެކޮޅަށް އަޑުއުފުލަނީ
އެންދަމަން ފީނި ޒުވާނަކު މަރުވެއްޖެ
މަސްވެރިން: މިޔަރު ގިނަވެ، އުނދަގުލަކަށް ވެއްޖެ!
ދެ މިޔަރާއި ވެލައެއް ސަލާމަތްކުރިޔަސް "ހީރޯއެއް ނޫން"