Roadha Mihaaru
މަސްވެރިންގެ ޝަކުވާއަށް ވުރެ މިޔަރުގެ ފައިދާ ބޮޑު!

މަސްވެރިންގެ ޝަކުވާއަށް ވުރެ މިޔަރުގެ ފައިދާ ބޮޑު!

26 ފެބުރުއަރީ 2019

ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ ބާވަތްތައް ގިނަވެއްޖެ އެވެ. އެކަމާ މަސްވެރިން ކުރަނީ ޝަކުވާ އެވެ. އެކަމަކު ޓޫރިޒަމް ދާއިރާގެ މީހުން ކުރަނީ އުފަލެވެ. ބަހުސަކީ މިޔަރުގެ ސަބަބުން ރާއްޖެއަށް ކުރަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެވެ؟

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ ބާވަތްތައް ގިނަވެއްޖެ އެވެ. އެކަމާ މަސްވެރިން ކުރަނީ ޝަކުވާ އެވެ. އެކަމަކު ޓޫރިޒަމް ދާއިރާގެ މީހުން ކުރަނީ އުފަލެވެ. ބަހުސަކީ މިޔަރުގެ ސަބަބުން ރާއްޖެއަށް ކުރަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެވެ؟

ރާއްޖެ އަކީ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ގައުމެކެވެ. އެ ދިރުންތަކުގެ ތެރެއިން ވެސް މިޔަރަކީ ހާއްސަ ބާވަތެކެވެ.

މިޔަރު ބަލަން އަހަރަކު ގާތްގަނޑަކަށް 600،000 މީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރެ އެވެ. ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެ އަދަދު ދެ ގުނައަށް އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.

ފަސޭހައިން މިޔަރު ފެންނަ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

ކަނޑާއި ގުޅޭ ސިޔާސަތުތައް ޕަބްލިޝްކުރުމުގެ މަސައްކަތުގެ އެންމެ ކުރީގައި އުޅޭ އެއް ޖާނަލް ކަމަށްވާ މެރިން ޕޮލިސީން ދާދި ފަހުން އާއްމުކުރި ދިރާސާއެއްގައި ބުނެފައި ވަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ހަ ޕަސެންޓް މީހުން ހާއްސަވެފައި ވަނީ ސީދާ މިޔަރު ބަލަން ޑައިވިންއަށް ދާ ބައެއްގެ ގޮތުގަ އެވެ. އެގޮތުން 2016 ގައި 1.28 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އިރު އޭގެ ތެރެއިން 77،168 ޓޫރިސްޓުންގެ މަގުސަދަކީ މިޔަރު ބަލަން ޑައިވިންއަށް ދިއުމެވެ.

މިޔަރުތަކެއް ތިލަވެފައި: ރާއްޖޭގައި މިޔަރު ގިނަވެ ޓޫރިޒަމަށް ރަނގަޅު ފައިދާއެއް ކުރޭ

މިޔަރުތަކެއް ތިލަވެފައި: ރާއްޖޭގައި މިޔަރު ގިނަވެ ޓޫރިޒަމަށް ރަނގަޅު ފައިދާއެއް ކުރޭ

އެ ދިރާސާ ބުނާ ގޮތުން މިޔަރުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރެ އެވެ. އެގޮތުން މިޔަރު ބަލަން ޑައިވިން ކުރަން ރާއްޖެ އައި ފަތުރުވެރިންގެ ފަރާތުން އަހަރެއްގެ މައްޗަށް 14 މިލިއަން ޑޮލަރާ ގާތްކުރާ ވަރުގެ އާމްދަނީއެއް ރާއްޖެއަށް ވަދެ އެވެ. އަދި މިޔަރުގެ ސަބަބުން ޓޫރިސްޓުން އެހެން ކަންކަމަށް ކުރާ ހޭދައާ އެކު މިޔަރާ ގުޅިގެން އިގުތިސާދަށް ލިބޭ ފައިދާގެ މިންވަރު އަހަރަކު 51 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކެއުންބުއިމާއި ދަތުރުފަތުރު ފަދަ ހިދުމަތްތަކުން ލިބޭ އާމްދަނީ އެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ހުސެން ރަޝީދު (ސެންޑީ) ބުނީ ކުރިން ނުފެންނަ ވައްތަރުގެ މިޔަރު ގިނަ އަދަދަކަށް މިހާރު ރާއްޖެއިން އާއްމުކޮށް ފެންނަ ކަމަށެވެ. އޭގެ ތެރޭގައި ޓައިގާ ޝާކާއި ހެމަހެޑް ޝާކް ހިމެނޭއިރު އެއީ ޓޫރިޒަމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ދެކެ އެވެ.

"ރާއްޖެ މި އިސްތިހާރު ކުރަނީ ޑައިވިނަށް ދެއްތޯ. އެހެންވީމަ މިހާރު އިސްތިހާރު ކުރެވޭނެ ޓައިގާ ޝާކް ފެނެއޭ ބުނެގެން. ޖަންގަލިތަކަށް ގޮސް ވަކި ވައްތަރެއްގެ ޖަނަވާރު ފެންނާނޭ ބުނެވޭ ގޮތަށް މިހާރު ބުނެވޭނެ މިވެނި ވައްތަރެއްގެ މިޔަރު ފެންނާނޭ،" ސެންޑީ ބުންޏެވެ.

ޓޫރިސްޓުންތަކެއް މިޔަރާ އެކު ޑައިވް ކުރަނީ: މިޔަރު ބަލަން އަންނަ މީހުން ގިނަ - ފޮޓޯ: ޑައިވްބުކް

ޓޫރިސްޓުންތަކެއް މިޔަރާ އެކު ޑައިވް ކުރަނީ: މިޔަރު ބަލަން އަންނަ މީހުން ގިނަ - ފޮޓޯ: ޑައިވްބުކް

"ގެސްޓުން ކައިރީ މިވެނި ވައްތަރެއްގެ މިޔަރު ފެންނާނެ ކަމަށް ބްރީފިން ދީފައި ގޮސް އެބަ ދައްކާލެވޭ އެ މިޔަރުތައް އުޅެނިކޮށް. މިއީ [ކުރިން] އާއްމު ކަމެއް ނޫން."

އެކަމަކު މިޔަރު ގިނަވުމުން މަސްވެރިންގެ ޝަކުވާތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން ބާނާ މަސް ދޯންޏަށް ނެގުމުގެ ކުރިން މިޔަރުތައް އޮންނަނީ އޭގެ އެއް ބައި ކާލައިފަ އެވެ. އެންދަމަން އުޅެނިކޮށް ދަލަށް މިޔަރު އަރައި ދާ ހަލާކުކުރެ އެވެ. ބައެއް މަސްވެރިން ބުނާ ގޮތުގައި މިޔަރު ގިނަވުމުގެ ސަބަބުން މަސްވެރިކަމަށް އެތައް ދައްޗެއް މިހާރު ކުރިމަތިވެ އެވެ.

"އެހެރަ ބޮޑެތި މަސް އަރުވާއިރު މިއޮންނަނީ އެއްބުރި ކާލައިފައި. ހަމައެކަނި މަހެއް ނޫން. އެތައް ބުޅިއެއް، ނަނެއް ކަނޑައިފި،" މަސްވެރިޔަކު ކިޔައިދިނެވެ.

ރާއްޖޭގައި މިޔަރު ގިނަވާން ފެށީ މިޔަރުގެ މަސްވެރިކަން މަނާކުރުމުންނެވެ. އެ ފިޔަވަޅު އަޅަން ޖެހުނީ 1990 ވަނަ އަހަރުތަކުން ފެށިގެން ބާނާ މިޔަރުގެ އަދަދު ގިނަވެގެންނެވެ. އެހެންކަމުން މިޔަރު ހިމާޔަތްކުރުމުގެ ގޮތުން 2010 ގައި މިޔަރު ބޭނުން ރާއްޖޭގައި މަނާކުރީ އެވެ.

އެކަމަކު، މެދުނުކެނޑި ޑައިވް ކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ، ސެންޑީ ބުނީ 1980 ގެ އަހަރުތަކުގައި ރާއްޖޭގައި މިޔަރު އޮތްވަރާ ގާތަށް ވެސް މިހާރު މިޔަރު ނުފެންނަ ކަމަށެވެ. އެހެންކަމުން އޭރު މަސްވެރި ކަމަކަށް ނުވި ގެއްލުމެއް މިހާރު ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"ކުރީގެ މަސްވެރިން ބުނޭ މިޔަރާ ހެދި މަހެއް ނުބޭނޭ. އެވަރަށް މިޔަރު އޮވޭ. ހަގީގަތުގައި އެވަރަކަށް މިހާރު މިޔަރެއް ނެތް. މިހާރު މިވާ ގޮތަކީ މިހާރުގެ މަސްވެރިން [މިކަމަށް] އަލީ،" ސެންޑީ ބުންޏެވެ.

މިޔަރަކީ މަސްވެރިކަމަށް ވެސް އޭގެ ފައިދާ ހުރި ބާވަތެކެވެ. ކަނޑު އަޑީގައި ދިރިއުޅޭ މަސްއައިނުތައް މައްޗަށް އަރަނީ މިޔަރާއި ކޯމަހުގެ ސަބަބުންނެވެ. މަސްވެރިންނާ ހަމައަށް އެ މަސް އައިންތައް ގެނެސްދޭ ކޮމާންޑަރުންނަކީ މިޔަރާއި ކޯމަހެވެ.

މިޔަރު އުރަހަތަކެއް ހިއްކަން ބަހައްޓާފައި: އަދިވެސް ރާއްޖޭގައި ވަގަށް މިޔަރު ބާނައި، އޭގެ ވިޔަފާރި ހިންގާ

މިޔަރު އުރަހަތަކެއް ހިއްކަން ބަހައްޓާފައި: އަދިވެސް ރާއްޖޭގައި ވަގަށް މިޔަރު ބާނައި، އޭގެ ވިޔަފާރި ހިންގާ

ރާއްޖޭގައި މިޔަރު މަސްވެރިކަމުގެ ވިޔަފާރި ކުރިއިރު އަހަރެއްގެ މައްޗަށް ލިބުނީ ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އެއީ އުރަހަ ހިއްކައިގެން ވިއްކުމާއި ތެޔޮ ހާނައިގެންނެވެ. ހަމަ އެ ދުވަސްވަރު މިޔަރު ބަލަން ޑައިވިންއަށް ދާ މީހުންގެ ފަރާތުން ރާއްޖެއަށް ލިބެމުން އައީ އަހަރަކު 2.3 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިހާރު އެ އަދަދު 60 މިލިއަން ޑޮލަރާ ގާތްކުރާއިރު މިޔަރު ބޭނުމަށް ވުރެ އެތަކެތި ހިމާޔަތް ކުރުން މާ ރަނގަޅު ކަމަށް، ތަޖުރިބާކާރުން ދެކެ އެވެ.

އަދިވެސް ރާއްޖޭގައި މިޔަރު ބާނައި އޭގެ އުރަހަ އާއި ދަތް ފަދަ ތަކެތި ހިއްކައިގެން ވިއްކާ ހަދަ އެވެ. އެކަން ކުރަނީ ބްލެކް މާކެޓުގަ އެވެ. އެކަން ކުރެވޭ ސަބަބަކީ ރާއްޖެއަށް މިޔަރުގެ އެފަދަ ތަކެތި އިމްޕޯޓް ކުރުމުގެ ހުއްދަ އޮތުމެވެ. އެހެންކަމުން ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ މިޔަރު އުރަހަ ފަދަ ތަކެއްޗާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއީ އިމްޕޯޓް ކުރި ތަކެތި ކަމަށް ބުނެ އޮޅުވާލަ އެވެ. އެކަމަށް އޮތް ހައްލަކީ މިޔަރުގެ އުރަހަ ފަދަ ތަކެތި އެތެރެ ކުރުން ވެސް މަނާކުރުމެވެ.