Roadha Mihaaru
ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި

ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި

01 އޮކްޓޯބަރ 2020

ދުނިޔޭގެ ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި މިހާރު އޮތީ ނެތިގެން ހިނގައިދާނެ ފަދަ ހާލަތެއްގައި ކަމަށް ބުނެ ސައިންސްވެރިންތަކެއް އިންޒާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި މިހާރު އޮތީ ނެތިގެން ހިނގައިދާނެ ފަދަ ހާލަތެއްގައި ކަމަށް ބުނެ ސައިންސްވެރިންތަކެއް އިންޒާރު ދީފި އެވެ.

ރޯޔަލް ބޮޓޭނިކް ގާޑެންސް، ކިއުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގެ ގަހުގެ ބާވަތްތައް ނެތި ގޮސް އެ ތަކެތި ހުސްވުމުގެ ބިރު ކުރިމަތިވެފައި ވަނީ ގަސްގަހާ ބެހޭ މައުލޫމާތު އެއްކޮށް، ރައްކާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ވުރެ ވެސް އެތައް ގުނައެއް ހަލުވިކޮށެވެ.

ދި އެސެސްމަންޓް އޮފް ދަ ސްޓޭޓް އޮފް ދަ ވޯލްޑްސް ޕްލާންޓްސް އެންޑް ފަންގީ ރިޕޯޓް އެކުލަވާލާފައި ވަނީ 42 ގައުމެއްގެ ހާލަތާ ގުޅޭ ގޮތުން 200 ސައިންސްވެރިން ހިމެނޭ ޓީމަކުން ދިރާސާކުރުމަށް ފަހު އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ގަސްގަހާގެއްސަކީ ކާބޯތަކެއްޗާއި ބޭސްވެރިކަމާއި ހަކަތަ ލިބުން ފަދަ ވަސީލަތަކަށް ވިޔަސް އެ އެއްޗެހީގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަކަށް ނުހިފެ އެވެ. އަދި ހަމަމިއާ އެކު މޫސުމީ ބަދަލުތަކާއި ކާނާގެ ރައްކާތެރިކަން ލިބުން ފަދަ މައްސަލަތަކަށް ވެސް އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބެ އެވެ.

ކިއުގެ ޑިރެކްޓަރު އޮފް ސައިންސް އެލެގްޒެންޑާ އެންޓޮނޮލީ ވިދާޅުވީ ގަސްގަހާގެހީގެ ހާލަތު މި ވަގުތު އޮތީ ވަރަށް ކަންބޮޑުވާން ޖެހޭ ހިސާބެއްގައި ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަހަރެމެން މި ތިބީ ގިނަ ބާވްތަތަކެއްގެ ގަސްގަހެ އެއްކޮށް ނެތިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ޒަމާނެއްގެ ތެރޭގައި،" އެލެގްޒެންޑާ ވިދާޅިވި އެވެ. "އެހެންވީމަ ބޮޑު މަންޒަރި ފެންނަމީ ވަރަށް ބިރުވެރިކޮށް އަދި ކަންބޮޑުވާން ޖެހޭ ފަދަ ދަރަޖައެއްގައި. ވީމާ އަވަސް ފިޔަވަޅުތަކެއް އެޅުން ވަރަށް ވެސް މުހިއްމު. އަހަރެމެން ހީކުރާ ވަރަށް ވުރެ މާ ބާރު ސްޕީޑެއްގައި ގަސްގަހާގެހީގެ ބާވަތްތައް ނެގިތެން މި ދަނީ."

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ގަސްގަހާގެހީގެ ތެރެއިން ކާނާ އާއި ބައޯފިއުލް ފަދަ ބޭނުންތަކަށް ބޭނުންކުރެވެނީ ގަސްގަހާގެހީގެ އާބާދީގެ ވަރަށް ކުޑަ ނިސްބަތެކެވެ. އަދި ގަސްގަހާގެހީގެ ތެރެއިން 7،000 އަށް ވުރެ ގިނަ ބާވަތްތަކަކީ ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗިއްސަށް ވިޔަސް ދުނިޔޭގެ އާބާދީ އަށް ބޭނުންވާ ތަކެތި އުފައްދަން ބޭނުންކުރެވެނީ ވެސް އޭގެ ތެރެއިން ކުޑަ ނިސްބަތެއް ކަމަށް ބުންޏެވެ.

"އެކަމަކު މިކަން ދެނެގަތުމުގައި ކުރިއަށް ވުރެ މިހާރު މާ ބޮޑު ތަން ފަސޭހަވި ނަމަވެސް މި ދާއިރާ އިން މައުލޫމާތު ހޯދުމާއި އެކަންކަން ތަހުގީގުކުރުމުގައި އަހަރެމެންގެ ތެެރޭގައި މާ ބޮޑު ފަރުވާތެރި ކަމެއް ނެތް،" ކިއުގެ ކޮންޒަވޭޝަން ސައިންސްގެ ހެޑް ޑރ. ކޮލިން ކްލަބީ ވިދާޅުވި އެވެ.

ސައިންސްވެރިން ވިދާޅުވި ގޮތުގައި ގަސްގަހާގެހި ނެތި ދިއުމުގެ ބިރު ކުރިން ހީކުރި ވަރަށް ބޮޑުވެފައިވާ އިރު އެ ނިސްބަތް މިހާރު ވަނީ 39،4 ޕަސެންޓް (14،000 ބާވަތެއްގެ ގަސް) އަށް މައްޗަށް އަރައިފަ އެވެ. މީގެ ހަތަރު ކުރިން 2016 ގައި އެ ނިސްބަތް އުޅުނީ 21 ޕަސެންޓްގަ އެވެ. އެގޮތުން ބޭސްވެރިކަމަށް ބޭނުންކުރެވޭ ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން 723 ބާވަތެއް މިހާރު ވެސް އޮތީ ހުސްވުމުގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށް ސައިންސްވެރިން ވިދާޅުވި އެވެ.