Roadha Mihaaru
ގިނަ ބާވަތްތަކެއްގެ ގަސް ނެތި ހިނގައިދާނެކަމުގެ ބިރު

ގިނަ ބާވަތްތަކެއްގެ ގަސް ނެތި ހިނގައިދާނެކަމުގެ ބިރު

02 ސެޕްޓެމްބަރ 2021

ދުނިޔޭގައި ހުރި ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން 30 ޕަސެންޓް މިހާރު ވެސް އޮތީ އެއްކޮށް ނެތިގެން ހިނގައިދާނެ ފަދަ ހާލަތެއްގައި ކަމަށާއި އެހެންވެ އެކަމަކާ ދެކޮޅަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ސްޓޭޓް އޮފް ދަ ވޯލްޑްސް ޓްރީސް ރިޕޯޓްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގައި ހުރި ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން 30 ޕަސެންޓް މިހާރު ވެސް އޮތީ އެއްކޮށް ނެތިގެން ހިނގައިދާނެ ފަދަ ހާލަތެއްގައި ކަމަށާއި އެހެންވެ އެކަމަކާ ދެކޮޅަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ސްޓޭޓް އޮފް ދަ ވޯލްޑްސް ޓްރީސް ރިޕޯޓްގައި ބުނެފި އެވެ.

އޭގައި ބުނެފައިވާ ގޮތުގައި ދުނިޔޭގައި ހުރި ގަހުގެ 30 ޕަސެންޓަކީ 60،000 ވައްތަރުގެ ގަހެވެ. އަދި ކޮންމެ ތިން ގަހަކުން އެއް ގަހަކީ ހުސް ވެދާނެ ކަމުގެ ބިރު އޮތް އެއްޗެއް ކަމަށާއި، މިހާރު ވެސް 17،500 ބާވަތެއްގެ ގަސް އޮތީ އެއްކޮށް ހުސްވެދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށް ބުންޏެވެ. އޭގެ ތެރޭގައި އޯކާއިި ރޯޒްވުޑާއި އެބަނީ އާއި މެގްނޯލިއަސް އަދި ޓްރޮޕިކަލް ޓިމްބަ ޓްރީ ފަދަ ބާވަތްތަކުގެ ގަސްތައް ހިމެނެ އެވެ.

ގަސްގަހާގެއްސާއި ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ ވަރަށް ގިނަ ފަރާތްތަކުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޓަނޭޝަނަލް ޔުނިއަން ފޯ ދަ ކޮންޒަވޭޝަން ނޭޗާގެ ގްލޯބަލް ޓްރީ ސްޕެޝަލިސްޓް ގްރޫޕްގެ ކޯ-ޗެއާ ސާރާ އޯލްޑްފީލްޑް ވިދާޅުވި ގޮތުގައި ހިތްފަސޭހަ، ރައްކާތެރި އަދި ސާފު ވައި ލިބޭ ތަނަކަށް ދުނިވުމުގައި ގަހަކީ އެންމެ މުހިންމު ވަސީލަތެވެ. އެހެންވެ ކޮންމެ ވައްތަރެއްގެ ގަހަކީ ވެސް ދުނިޔެ އަށް ވަރަށް މުހިއްމު އެއްޗެއް ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މި ވަގުތު ހާލަތު އޮތް ގޮތުން ދުނިޔޭގެ ގަސްގަހާގެހީގެ ތިރީސް ޕަސެންޓް ހުސްވެގެން ހިނގައިދާނެކަމުގެ ބިރު އޮތުމަކީ ދުނިޔެ އަށް ވަރަށް ބޮޑު ނުރައްކަލެއް،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން 142 ވައްތަރެއް މިހާރު ވެސް ނެތިގެން ގޮސްފައިވާ އިރު، އިތުރު 442 ވައްތަރެއް އޮތީ ހުސްވެދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ. އެހެންވެ މިހާރު ސަލާމަތުން ހުރީ ގާތްގަނޑަކަށް 50 ވައްތަރެއްގެ ގަސް ކަމަށް ބުންޏެވެ.

"ހާލަތު އޮތް ގޮތުން ދުނިޔޭގެ ގަސްގަހާގެހީގެ ތިރީސް ޕަސަންޓް ހުސްވެގެން ހިނގައިދާނެކަމުގެ ބިރު އޮތުމަކީ ދުނިޔެ އަށް ވަރަށް ބޮޑު ނުރައްކަލެއް."

ގަސްގަހާގެހި ނެތިގެން ދިއުމުގެ ބިރާ ކުރިމަތިލާން ޖެހޭ ސަބަބުތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ބިން ހޯދަން ޖަންގަލިތައް ބިމާ ހަމަކުރުމާއި ލަކުޑީގެ ބޭނުމުގައި ގަސްތައް ކެނޑުމާއި ޖަނަވާރުން ހުއިހެއްޕުމަށް ގަސްތައް ނައްތާލުމާއި ތަރައްގީގެ މަޝްރޫއުތަކަށް ގަސް ކެނޑުމާއި އަލިފާނުގެ ހާދިސާތަކުގައި ޖަންގަލިތައް ރޯވުން ހިމެނެ އެވެ.

މިކަންކަމަށް ބަލާއިރު ދަނޑުވެރިކަމަށް ޖަންގަލިތައް ސާފުކުރުމުން އެކަމުގެ ސަބަބުން 29 ޕަސެންޓް ވައްތަރެއްގެ ގަހަށް އަސަރުކުރެ އެވެ. ލަކުނޑީގެ ބޭނުމަށް ގަސް ކަނޑުމުން އޭގެ ސަބަބުން 27 ޕަސަންޓް ވައްތަރުގެ ގަހަށް އަސަރުކުރެ އެވެ. ޖަނަވާރުން ގެންގުޅެން ގަސްތައް ކެނޑުމުން 14 ޕަސަންޓް ވައްތަރުގެ ގަހަށް ނޭދެވޭ އަސަރު ކުރާ އިރު، ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން 13 ޕަސަންޓް ވައްތަރުގެ ގަހަށް އަދި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ވެސް 13 ޕަސެންޓް ވައްތަރުގެ ގަހަށް ނޭދެވޭ އަސަރުކުރެ އެވެ.

މީގެ އިތުރުން ދުނިޔެ އާދަޔާހިލާފަށް ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވަމުން ދިއުން ފަދަ ކަންކަމަކީ ވެސް ގަހުގެ އާބާދީ އަށް އޮތް ނުރައްކާތަކެވެ.

ބޮޓޭނިކް ގާޑެން ކޮންޒަވޭޝަން އިންޓަނޭޝަނަލްގެ ޑރ. މާލިން ރިވާޒް ވިދާޅުވި ގޮތުގައި ދުނިޔޭގައި ހުރީ ގާތްގަނޑަކަށް 60،000 ވައްތަރުގެ ގަހެވެ.

"މިކަމުން ދައްކުވައި ދެނީ ދުނިޔޭގެ ހިމާޔަތަށް އަހަރެމެން ކުރަން ޖެހޭ މަސައްކަތުގެ އެޖެންޑާގެ ވަރަށް ކުރިއަށް ގަސްގަހާގެގީގެ ހިމާޔަތާއި ރައްކާތެރި ކަމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭކަން." މާލިން ވިދާޅުވި އެވެ.

ރިޕޯޓްގައި ވަނީ މިކަމަށް މި ވަގުތަށް ކުރުން މުހިއްމު ހަތަރު ކަމެއް ވެސް ފާހަގަކޮށްފަ އެވެ.

* މިހާރު ހުރި ޖަންގަލިތައް ހިމާޔަތްކޮށް، ހިމާޔަތްކުރާ ސަރަހައްދުތައް އިތުރުކުރުން (ގަހުގެ ބާވަތްތަކުގެ 64 ޕަސެންޓް މައިގަނޑު ގޮތެއްގައި ހުރީ ވެސް ހިމާޔަތްކޮށްފައިވާ ތަންތަނުގައި)

* ބޮޓޭނިކް ގާޑެންތަކާއި ސީޑް ބޭންކްތަކުގައި ގަސްތައް އާލާކުރަން މަސައްކަތްކުރުން

* ގަސްއިންދުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އުފައްދަން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކޮށް، ސައިންޓިފިކް ނަޒަރަރިއްޔާތުން ވެސް މިކަމުގެ މުހިއްމުކަން އަންގައި ދިނުން

* ގަސްގަހާގެހީގެ ހިމާޔަތަށް ކުރާ މަސައްކަތްތަކަށް ފަންޑް ހޯދުން