Roadha Mihaaru

ހައިވަކަރު ގަސްތައް ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ލޭންޑްމާކަކަށް ހަދަނީ

ސްރީ ލަންކާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.

ހައިވަކަރު ގަސްތައް، ގަސް ޕްރޮގްރާމްގެ ލޭންޑްމާކަކަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

03 ޖޫން 2025

ސްރީ ލަންކާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ލަންކާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކުގައި ހައިވަކަރު ގަސް އިންދަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު އެއް ވައުދު ކަމަށްވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން މަދުވެފައިވާ ގަސްތައް އިންދުމުގެ ގޮތުންނެވެ.

މިނިސްޓްރީން ބުނީ ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާ އެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި އިންދުމަށް ވެސް އެ ގަސްތައް މިހާރު ފޮނުވާފައި ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ ހައިވަކަރު ގަސް އިންދަން ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް އެ ގަސް ބެހުމުގެ މަސައްކަތް ކަމަށާއި ކޮންމެ ރިސޯޓަކަށް ދެ ގަސް ހަދިޔާކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ބަހާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީީ ހައިވަކަރު ގަސްތަކަކީ ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ލޭންޑްމާކެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއް ކަމަށެވެ.

ހައިވަކަރު ގަހަކީ ދިވެހި ސަގާފަތާ ދޯޅު، ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ވުޖޫދު ވެފައިވާ ގަހެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ނިޝާން ފެންނަން އޮތީ ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. ދިވެހި ތާރީހުގައި މި ގަހުގެ ދައުރު ވަރަށް ބޮޑެވެ.

އަންނަ ބުރާސްފަތި ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ރަށްރަށުގައި ވަނީ 565،000 ގަސް އިންދައިފަ އެވެ. އެ އަމާޒު ހާސިލްކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތަކާއި ސަރުކާރު ކުންފުނިތަކުން އަދި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިނިސްޓްރީއާ އެކު ސޮއިކުރަމުންނެވެ.

އެޑިޓަރުގެ ނޯޓް:

މި ޚަބަރު ފުރަތަމަ ޝައިއުކުރި އިރު ހައިވަކަރު ގަސްތަކަކީ ރާއްްޖޭގެ ރަށްރަށުގެ މަލަމަތިން ލޭންޑްމާކެއްގެ ގޮތުން ބޭނުންކުރަން ނިންމާފައިވާ ގަސްތަކެއް ކަމަށް ލިޔެފައި ވަނީ މިނިސްޓްރީން ނެރުނު ނޫސްބަޔާނާ ހަލާވާދީ އެވެ. ނަމަވެސް، އެއީ ލިޔުމުގެ ކުށެއް ކަމަށް މިނިސްޓްރީން ބުނެފައި ވާތީ މި ޚަބަރު މިހާރު ވަނީ އިސްލާހުކުރެވިފަ އެވެ.